ދުނިޔެ

ޔަމަނުގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް، ސައުދީ-ހޫތީން މިސައިލް ހަމަލާ ދިނުމުގައި  

Jun 30, 2015

ޔަމަނުގެ ވެރިރަށް ސަންއާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން މިއަދު މަރުވެއްޖެ އެވެ.

މި ހަމަލާ ދީފައި ވަނީ އަސްކަރީ ހޮސްޕިޓަލެއްގެ ފުރަގަހުގަ އެވެ .އެހެން ނަމަވެސް، އެ ހަމަލާ އަމާޒުކުރި ތަނާއި މަރުވި މީހުންގެ އަދަދާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. އޭޕީ ނޫސް އެޖެންސީން ބުނީ އެ ހަމަލާ ޔަމަނަށް އަތްގަދަކޮށްފައިވާ ހޫތީ ހަނގުރާމަވެރިންގެ ލީޑަރުންތަކެއްގެ ގެތަކަށް ކަމަށެވެ. އެކަމަކު ރޮއިޓާސް އިން ބުނީ އެ ހަމަލާ ދިނީ މިދިޔަ ހަފުތާގައި ދިން އެހެން ހަމަލާއެއްގައި މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ދިޔަ ގެއެއްގެ ކައިރީގައި ކަމަށެވެ. އަދި ގޭތެރޭގައި ތިބި 12 އަންހެނަކާއެކު، ޖުމްލަ 28 މީހުން މަރުވި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޔަމަން ގޮފިން އުފުލާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަައިއެސް އިން ވަނީ ޝީއީންނާ ދެކޮޅަށް ސަންއާގައި ގިނަ ހަމަލާތަކެއް މިދިޔަ ހަފުތާގައި ވެސް ދީފަ އެވެ.

ސަންއާގައި ވަރުގަދަ ކާރުބޮމުގެ ހަމަލާއެއް ދީފައި މި ވަނީ، ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުން ގެންދާ ސައުދީ އަރަބިއްޔާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް، ބޯޑަރު ހުރަސްކޮށް

ސްކަޑް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ހޫތީން ބުނިތާ މާ ގިނައިރުތަކެއް ނުވެ އެެވެ .އެއީ ތެދަކަށް ވެއްޖެ ނަމަ، އެއީ ހޫތީން ސައުދީ އަށް އަމާޒުކޮށް ދިން ދެވަނަ ސްކަޑް މިސައިލްގެ ހަމަލާ އަށް ވާނެ އެވެ. މިދިޔަ މަހު ފަހުކޮޅު ހޫތީން ފޮނުވާލި އެ މިސައިލް ވައްޓާލާފައި ވަނީ، މިސައިލުން ދިފާއު

ވުމަށް ހުޅަނގު ދެކުނު ހާމިސް މުޝައިތު ސިޓީގައި ގާއިމްކޮށްފައިވާ ސިސްޓަމަކުންނެެވެ.

ޝީއީ މަޒްހަބަށް ނިސްބަތްވާ ހޫތީން ވެރިރަށް ސަންއާ އަށް ވެރިވެގަތުމާއެކު، ޔަމަންގެ ރައީސް އަބްދުއްރަބާ މަންސޫރު ހާދީ ވަނީ ފިއްލަވައިގެން ސައުދީ އަށް ވަޑައިގެންފަ އެވެ. އެއާ އެކު، ސައުދީ އާއި ސުންނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސަރަހައްދީ ގިނަ ގައުމުތަކެއް ބައިވެރިވާ

ގުޅިފައިވާ ފައުޖުތަކުން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އޮޕަރޭޝަންގެ އަމާޒަކީ ހާދީގެ ވެރިކަން އިއާދަކުރުމެވެ.

ހާދީގެ ކުރިން ވެރިކަމުގައި ހުންނެވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް މިހާރު ވަނީ، ސޯލިހްގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ހޫތީންނާ ގުޅިފަ އެވެ .ޔަމަންގެ މަސްރަހު އިންތިހާ އަށް ގޯސްވެ، އާބާދީގެ ގާތްގަނޑަކަަށް 80 ޕަސެންޓް މީހުން ހާލުގައި ޖެހިފައި ވާއިރު، އދ. އިން އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން މި މަހުގެ މެދުތެރޭގައި ބޭއްވި މަޝްވަރާތައް ވެސް ނިންމާލީ އެއްވެސް ކޮޅެއްގައި ނުޖެހުމުންނެވެ.