ބޭރު ކުޅިވަރު

ނެދަލޭންޑްސްގެ ކޯޗުކަމުން ހިޑިންކް ވަކިވެއްޖެ

ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ގުސް ހިޑިންކް އިސްތިއުފާ ދީފި އެވެ.

ދެވަނަ ފަހަރަށް ނެދަލޭންޑްސްގެ ކޯޗުކަމާ ހިޑިންކް ،68، ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. އަދި އަންނަ އަހަރުގެ ޔޫރޯގެ ނިޔަަލަށް ހިޑިންކް ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރުމަށް ކޮންޓުރެކްޓް ހަދައިފަ އެވެ.

އެކަމަކު ޔޫރޯ ކޮލިފައިންގައި ނެދަލޭންޑްސްގެ ނަތީޖާތައް ދަށްވުމުން، ރެއާލް މެޑްރިޑާއި ޗެލްސީ އަދި ޕީއެސްވީ އަށް ކުރިން ކޯޗުކޮށްދިން ހިޑިންކް ވަނީ މަގާމުން އިސްތިއުފާ ދިނުމަށް ނިންމައިފަ އެވެ. ޔޫރޯ ކޮލިފައިންގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، ހަތަރު މޮޅާއެކު ނެދަލޭންޑްސް އޮތީ އެ ޓީމު ހިމެނޭ ގުރޫޕްގެ ތިން ވަނައިގަ އެވެ.

"މި ގޮތަށް ވާންޖެހުނީތީ މާފަށް އެދެން،" ހިޑިންކް ބުންޏެވެ. "ނެދަލޭންޑްްސްގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު ޝަރަފެއް. ދެން ޓީމާ ހަވާލުވާ ކޯޗަކަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދުކުރަން."

ކޮލިފައިންގައި އައިސްލޭންޑާއި ޗެކް ރިޕަބްލިކް އަތުން ނެދަލޭންޑްްސް ބަލިވުމުން އެ ޓީމަށް ވަނީ ޔޫރޯ އަށް ކޮލިފައިވުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޔޫރޯ އަށް އޮޓަމެޓިކުން ކޮލިފައިވާނީ ނުވަ ގުރޫޕުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމުގެ އިތުުރުން، ގުރޫޕްތަކުގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެކެވެ. ތިން ވަނަ އަށް ދާ ޓީމުގެ ތެރެއިން ބާކީ އޮތް ޓީމުތައް ޖެހޭނީ ޕްލޭއޮފްގައި ވާދަކުރާށެެވެ.