ރައްޔިތުންގެ މަޖިލިސް 24 ގަޑިއިރު ހުޅުވައިގެން ނަމަވެސް ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއްޖެ އެވެ. ކޮންގްރެސް ޕާޓީއަކީ ރައީސް ޔާމީން އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއެކެވެ.
ޖޭޕގެ މައި ޖަގަހަ އާއި އޮފީސް ހިމެނޭ މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޒާތީވެ ކޮންގްރެސް ޕާޓީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ނަމަވެސް ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުވާނެ ކަމަށެވެ.
''24 ގަޑިއިރު މަޖިލީސް ހުޅުވާފައި ބަހައްޓައިގެން ވެސް އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތެއް، އެކަން ކުރާނަން,'' ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ ޕާޓީގެ މައްސަލާގައި އެ މަނިކުފާނު އިލެކްޝަން ކޮމިޝަނުގެ މެންބަރުންނަށް ގުޅުއްވެވި ކަމަށާއި މައްސަލަ ސާފުކޮށް ދެއްވުމަށް އެދި ވަޑައިގަތުމުން އީސީން ބުނީ އެއީ އީސީގެ މެމްބަރުންނަށް ނިސްބަތްކޮށް ވަގަށް ގޮވާތީ ކަމަށެވެ.