މޯލްޑިވިއަން

މޯލްޑިވިއަންގެ ވިންގީ އުދުހެން ފަށައިފި

Jan 25, 2019
5

އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ" ގެ މެސްކޮޓަކީ "މަހާރާޖާ" އެވެ. އެއީ އެ ގައުމުގެ ކުރީގެ ރަސްގެފާނެވެ. އަދި ކެނެޑާގެ ގައުމީ އެއާލައިންގެ މެސްކޮޓަކީ "މިސްޓަ. ޕޯޓާ" އެވެ. އެހެން އެއާލައިންތަކުން ވެސް އެކި ދުވަސްތަކާ ދިމާކޮށް ހާއްސަ މެސްކޮޓްތައް ނެރެ އެވެ.

އެގޮތަށް ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެވެސް މެސްކޮޓެއް އޮވެ އެވެ. ނަމަވެސް މީގެ ކުރިން މި މެސްކޮޓު އާއްމުކޮށްފައެއް ނުވެ އެވެ. އެކަމަކު މޯލްޑިވިއަންގެ އާ މެނޭޖުމަންޓާއެކު މޯލްޑިވިއަންގެ މެސްކޮޓްވެސް މިވަނީ އާންމުވެ "އުދުހެން" ފަށާފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފުކުރި މޯލްޑިވިއަންގެ މެސްކޮޓަށް ކިޔަނީ "ވިންގީ" އެވެ. މެސްކޮޓުން ދައްކުވައި ދެނީ ކޯމަހެކެވެ. ކެބިން ކްރޫއެއްގެ ގޮތަށް ފަރުމާކޮށްފައިވާ މި ކޯމަހުގައި ބޭނުންކޮށްފައިވާ ކުލަ ތަކަކީ ރާއްޖޭގެ ގައުމީ ކުލަ ރަތް ކުލަ އާއި ވިލު ނޫ ކުލަ އެވެ.

ގައުމީ އެއާލައިންގެ އޮފިޝަަލަކު ވިދާޅުވީ ގައުމީ އެއާލައިނުން މެސްކޮޓް ބޭނުން ކުރަން ފެށީ މޯލްޑިވިއަން އިތުރަށް އިޝްތިހާރު ކުރަން ކަމަށެވެ.

"ވިންގީ ބޭނުން ކުރާނެ ޕީއާރް އެކި އިވެންޓްތަކުގައި ވެސް. މީގެ އިތުރުން ސީއެސްއާރް އެކި އިވެންޓްތަކުގައި ވެސް ބައިވެރި ކުރާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ގައުމީ އެއާލައިންގެ ހިދުމަތުގެ އަގުތައް ހެޔޮކޮށް ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާއިރު، ގައުމީ އެއާލައިންއަށް އަލަށް އައި މެންބަރު "ވިންގީ" ވެގެންދާނީ މުހިންމު މެންބަރަކަށެވެ. ހާއްސަކޮށް ކުންފުނީގެ އިމޭޖަށް އަންނަ ކޮންމެ ބަދަލެއް ވިންގީއިން ވެސް ފެންނާނެ އެވެ. ގައުމީ އެއާލައިނާއެކު ވިންގީ އުދުހެން ފެށީ އެހެންވެ އެވެ.