ދުނިޔެ

ބޮމުގެ ހަމަލާއެއްގައި މިސްރުގެ ޕީޖީ އަވަހާރަކޮށްލައިފި

Jun 30, 2015

ކާރު ބޮމުގެ ހަމަލާއެއް ދީ، މިސްރުގެ އެންމެ އިސް ޕްރޮސެކިއުޓަރު އިއްޔެ އަވަހާރަކޮށްލައިފި އެވެ.

މިސްރު ސަރުކާރުގެ ތަރުޖަމާނަކު ބީބީސީ އަށް ވިދާޅުވި ގޮތުގައި ހިޝާމް ބަރަކާތް އަވަހާރަވެފައި ވަނީ ވެރިރަށް ގާހިރާގެ ހިލިއޮޕޯލިސް އަވަށުގައި ދިން އެ ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަކަށް ހޮސްޕިޓަލުގައި ފަަރުވާ ދެމުން ދަނިކޮށެވެ. އެކަން ޖަސްޓިސް މިނިސްޓަރު އަހުމަދު އަލް ޒިންދު ވަނީ އޭއެފްޕީ ނޫސް އެޖެންސީ އަށް ވެސް ކަށަވަަރުކޮށް ދެއްވާފައެވެ.

މިސްރުގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި ބަރަކާތް އަވަހާރަވެފައި ވަނީ ސީރިއަސް އޮޕަރޭޝަނަކަށް ފަހު އެވެ. އޭނާ އަށް ފަރުވާ ދިން ހޮސްޕިޓަލުގެ އޮފިޝަލަކު އޭޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި ބަރަކާތުގެ މެޔާއި ބަނޑުގެ އިތުރުން ކޮނޑަށް ބޮމުގެ އެތިކޮޅުތައް ވަނުމުގެ ސަބަބުން ސީރިއަސް ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

އަސްކަރިއްޔާގެ ބޮމާ ބެހޭ ޑިވިޝަންގެ ވެެރިޔާ ޖެނެރަލް މުހައްމަދު ގަމާލް އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައި ވަނީ ބަރަކާތް ދަތުރުކުރައްވަމުން ގެންދެވި ކާރުގެ ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ އަޑީގައި ކާރު ބޮމެއް ނުވަތަ ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްގެންނެވެ. ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބަރަކާތުގެ ބޮޑީގާޑަކު ބުނީ ބޮން ގޮއްވާލާފައި ވަނީ ބަރަކާތް އޮފީހަށް ވަޑައިގަންނަވަން ކާރުގައި ދަތުރުކުރައްވަނިކޮށް ކަމަށެވެ.

މިސްރުގެ ރަސްމީ ނޫސް އެޖެންސީން މި ހަމަލާގައި އެ ސަރަހައްދުގައި ތިބި އާއްމުންގެ ތިން މީހަކު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ބީބީސީއާ ވާހަކަދެއްކެވި ސަރުކާރުގެ ތަރުޖަމާނު ވަނީ އިތުރު އަށް މީހަކު ޒަހަމްވި ކަމަށް ވެސް ވިދާޅުވެފަ އެވެ.

މި ހަމަލާގައި ހަލާކުވެފައިވާ އުޅަނދުތަކާއި މަގުމައްޗަށް އެޅިފައިވާ ލޭތަކުގެ އިތުރަށް، ކައިރި އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ތަން ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.

ބަރަކާތް ވަނީ، މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވި ފަހުން އެތައް ހާސް އިސްލާމީ ހިޔާލުގެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުއްވާފަ އެވެ.

އެއިގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ވަނީ މަރުގެ އަދަބާއި އުމުރުދުވަހުގެ ޖަލު ހުކުމް ފަދަ ބޮޑެތި ހުކުމްތައް އައިސްފަ އެވެ. އެއީ މުރްސީ ނިސްބަތްވެވަޑައިގެންނަވާ، މިހާރު މަނާކޮށްފައިވާ މުސްލިމް

ބްރަދަހުޑްއާ ދެކޮޅަށް މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ސަރުކާރުން ފެށި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނެވެ .އެކަމުގެ ސަބަބުން އެތައް ފަހަރަކު ބަރަކާތަށް މަރުގެ އިންޒާރު ދީފައި ވެސްވެ އެވެ.

ބަރަކާތަކީ އޭރު އިންޓީރިއާ މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އަވަހާރަކޮށްލަން ހަނގުރާމަވެރިން 2013 ގައި ދިން ހަމަލާ އަށް ފަހު، މަރުގެ ހަމަލާއެއް އަމާޒުކުރި ސަރުކާރުގެ އެންމެ އިސް އޮފިޝަލެވެ.

މިސްރުގައި ވަރުގަދަ ބޮމުގެ ހަމަލާއެއް ދީފައި މި ވަނީ އެ ގައުމުގެ އަސްކަރިއްޔާ އަށް އަމާޒުކޮށް ހަނގުރާމަވެރިން ދޭ ހަމަލާތައް އިތުރުކޮށްފައި ވަނިކޮށެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މިސްރު ގޮފިން ވަނީ ޝަރުއީ ދާއިރާ އަށް އަމާޒުކޮށް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދާދި ފަހުން ދީފަ އެވެ. އެއީ ހަ ހަނގުރާމަވެރިއަކު ދަން ޖައްސައި މަރާލި ފަހުން ދިން އިންޒާރެކެވެ.