ބޭރު ކުޅިވަރު

ޔުނައިޓެޑުން ރާމޮސް އަށް 28.6 މިލިއަން ޕައުންޑް ހުށަހަޅައިފި

ރެއާލް މެޑްރިޑަށް ކުޅެމުންދާ ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް ގެންދަން މެންޗެސްޓާ ޔުނައިޓެޑުން 28.6 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅައިފި އެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދި ޔުނައިޓެޑްގެ ޑިފެންސް ވަރުގަދަކުރަން ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބޭނުންވާއިރު، ރާމޮސް އަކީ ވެން ހާލްގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ ކުޅުންތެރިއާ އެވެ. ރާމޮސް ،29، އަށް އާ ކޮންޓުރެކްޓެއް ރެއާލް އިން އަދި ހުށަހަޅާފައިނުވާއިރު، ރާމޮސް ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާ ކަމަށް އެ ކްލަބުން ބޭނުންވެ އެވެ. ރެއާލްއާއެކު ރާމޮސް ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2017 ވަނަ އަހަރެވެ.

ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލަށް ބަދަލުވި ރާމޮސް ވަނީ ރެއާލަށް 400 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް 128 މެޗު ކުޅެފައިވާ ރާމޮސް ވަނީ ސްޕެއިންއާއެކު 2012 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ސައުތުހެމްޓަން އަށް ކުޅެމުންދާ ފްރާންސްގެ މިޑްފީލްޑަރު މޯގަން ޝްނައިޑަލިން ،25، އަށް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. ޝްނައިޑަލިން އަންނަ ސީޒަންގައި ސަތުހެމްޓަން އިން ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ރޮނަލްޑް ކޫމަން ވަނީ ބުނެފަ އެވެ. -- ބީބީސީ