ހަބަރު

މަޝްރޫއުތައް ލަސްވަނީ ކުރީ ސަރުކާރު ގޯސް ހެދުމުން

Jan 25, 2019
12

އާ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފެށޫން ލަސްވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައި ހުރި މަޝްރޫއުތަކުގެ މައްސަލަތައް ހައްލު ކުރާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސަރުކާރަށް ތިން މަސްވެފައިވާ އިރު ތަރައްގީގެ މަޝްރޫއެއް ހިނގާފައި ނުވާތީ އިދިކޮޅު ފަރާތްތައް އެކަމަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް އިޝާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިއްޔެ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ރާވާ، ބަޖެޓް ކުރެވިފައިވާ ކަމަށާއި ނަމަވެސް މިވަގުތަށް ގިނަ ކަންކަން މަޑުޖެހިފައި ހުރި ކަމަށެވެ. އެހެންވެފައި ވަނީ ކުރީ ސަރުކާރުން ފަށާފައި ހުރި ބިޔަ ޕްރޮޖެޓުތަކުގައި ގިނަ މައްސަލަތައް ހުރުމުން ކަމަށާއި މިހާރު ދަނީ އެކަން ހައްލު ކުރުމަށް ހޭދަވާ ވަގުތު ކަމަށެވެ.

"ބަޖެޓުގައި ފައިސާގެ ދަތިކެމެއް އޮތިކީ ނޫން. ނަމަވެސް ކުރީގައި ބައެއް ކަންތައްތައްކޮށްފައި ހުރި ގޮތުން އެއަށް ގެންނަން ޖެހޭ ބަދަލުތަކާ ހެދި ލަސްވެގެން އުޅެނީ، އެ މަޝްރޫއުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.