ހަބަރު

މާރިޔާ، އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

Jan 24, 2019
9

ގުޅުން ބަދަހިކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތާރަމަންއާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ބައްދަލުވުމަށްފަހު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯޑަރު ސަރަހައްދުގެ ސަލާމަތާއި ގަވައިދާ ހިލާފަށް ދެ ގައުމުގެ އިގްތިސޯދީ ސަރަހައްދަށް ވަނުން ހުއްޓުވުމަށް ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަ ދަކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިއީ މާރިޔާ، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އާ ސަރުކާރާއެކު، ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ އިންޑިއާއަށެވެ. އެ ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތަކެއް ވެސް ދީފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާއެކު އޮތް ގުޅުން ހީނަރުވީ ޗައިނާއާ ގުޅުން މާބޮޑަށް ބަދަހިކުރުމާ ގުޅިގެން އިންޑިއާގެ ސަލާމަތަށް ނުރައްކާވުމުގެ ބިރު އެ ގައުމަށް އިހްސާސްވެގެންނެވެ.