ހަބަރު

ޖޭޕީން ގެންނާނީ ސަރުކާރަށް ތާއީދު ކުރާ މަޖިލީހެއް: ގާސިމް

ޖުމްހޫރީ ޕާޓީން ބޭނުންވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ވަކި ޕާޓީއަކަށް މެޖޯރިޓީ ނޯންނަ އެކަމަކު ސަރުކާރަށް ތައީދު ކުރާ މަޖިލީހަކަށް ހަދަން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ކެމްޕޭން މިރޭ ވިލިމާލޭގައި ލޯންޗުކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހު ކެރިވަޑައިގަތުމާއި ސާބިތުކަމާއެކު މިއަދު ދެއްކެވި ވާހަކަފުޅުތައް އެނަލައިޒްކޮށްލާއިރު މާނަ އެއްވެސް އޮޅުމެއް ނެތި ސާފުވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ހޮވިވަޑައިގަތް ގޮތާއި ޕާޓީތަކުގެ މެދުގައި އޮތް ވައުދުތަކާއި އަހުދުތައް ހަނދުމަފުޅުގައި ހުރިކަން ރައީސް ސަބިތުކޮށްދެއްވި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތަނެއް ދޮރެއް އޮޅުން ނުފިލުވާ ތަނެއް ދޮރެއް ސާފު ނުވެގެން މީހަކު އިތުރަށް ދައްކާނެ ވާހަކައެއް ނެތޭ، އެމަނިކުފާނު ވަރަށް ސާބިތުކަމާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވައުދާއި އަހުދުގެ ވާހަކަ ވިދާޅުވި، އަދި ސާބިތުކަމާއެކު އެކަން ކުރިޔަށް ގެންދަވާތީ އެ ކެރިވަޑައިގަތުމަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" ގާސިމް ވިދާާޅުވި އެވެ.

އެގޮތުގައި ރައީސް ސަބިތުކަމާއެކު ހުންނަވާ ނަމަ ޖުމްހޫރީ ޕާޓީ އިން އަބަދުވެސް އެމަނިކުފާނާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ރައީސްް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށްޓަކައި ސަރުކާރަށް ތައީދު ކުރާ މަޖިލީހެއް އޮންނަން ޖުމްހޫރީ ޕާޓީން ވެސް ބޭނުންވާ ކަމަށާއި އެގޮތުގައި އޮންނާނެ ކަން ކަށަވަރުކޮށްދެއްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހުއަކީ މިއަދު ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ހުރިހާ ރައްޔިތުންނާ މެދު ވެސް ހަމަހަމަކޮށް އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން އޭގެ ތަޖުރިބާ މީގެ ކުރިން ވެސް ފެނިފައިވާ ކަމަށާއި އެގޮތް ރައީސް ވެސް ބޭނުންފުޅުވެވަޑައި ނުގަންނަވާކަން އެމަނިކުފާނުގެ ވާހަކަފުޅުން އެނގޭ ކަމަށެވެ.

"ބަޔަކު އޮޅުވަލައިގެން ދޮގު ވާހަކަތަކެއް ދައްކައިގެން ޕްރޮޕެގެންޑާ ފަތުރައިގެން މި ގައުމުގެ މަސްލަހަތާއި އަމާންކަން ނަގާލަ މަނިކުފާނުގެ ވެރިކަމާ ތޮޅެ އަނިޔާ ކުރަން އަދި ދުއްތުރާ ކުރަން ބަޔަކު ވިސްނި ކަމުގައި ވިޔަސް، އެކަމެއް އެހެނެއް ނުވާނެ، އެކަން އެގޮތަށް ދެމެހެއްޓޭނީ މަޖިލިސް ވަކި ޕާޓީއަށް ލިބިގެނެއް ނޫން، މަނިކުފާނު [ރައީސް ސޯލިހު] ވެރިކަމަށް ވަޑައިގަތީ ވެސް އެންމެ ޕާޓީއަކުންނެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެސް މިއަދު ވިދާޅުވެފައި ވަނީ އެންމެ ރަނގަޅު ގޮތަކީ ސަރުކާރަށް ތާއީދު އޮންނަ މަޖިލީހެއް އޮތުން ކަމަށެވެ. ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބެން ޖެހޭނެ ކަމަކަށް އެމަނިކުފާނު ވެސް ވިދާޅެއް ނުވެ އެވެ.

ނަމަވެސް މަޖިލިސް ކެމްޕެއިންގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަަމުން ގެންވަނީ ކުރިޔަށް އޮތް އިންތިހާބުގައި އެމްޑީޕީ އިން މަޖިލީހުގެ މެޖޯރިޓީ ނަގަން ޖެހޭ ކަމަށެވެ. ރައީސް ސޯލިހުގެ ވައުދުތައް ވެސް ފުއްދޭނީ އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.