ބޭރު ކުޅިވަރު

ޕެރޫ ބަލިކޮށް ޗިލީ ފައިނަލަށް

ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި މިއަދު ދިހަ މީހުންނާއެކު ކުޅުނު ޕެރޫ އަތުން 2-1 އިން މޮޅުވެ، 28 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗިލީ މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ޗިލީގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގެ 42 ވަނަ މިނިޓުގައި ޗިލީ އަށް ލީޑު ހޯދައިދިނީ އެޑުއާޑޯ ވަރްގަސް އެވެ. އެކަމަކު މެޗުގެ 60 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަަމަހަމަވީ ޗިލީގެ ގެރީ މެޑެލް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

އެކަމަކު އޭގެ ހަތަރު މިނިޓު ފަހުން ޗިލީން ދެވަނަ ފަހަރަށް ލީޑު ހޯދީ ވަރްގަސް ޖެހި ލަނޑުންނެވެ.

މި މެޗުގެ 20 ވަނަ މިނިޓުގައި ޗިލީގެ ޗާލްސް އަރަންގުއިޒް އަށް ކުރި ފައުލަކާ ގުޅިގެން ޕެރޫގެ ހޯސޭ އަރްގޯޓޭ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ކޮޕާ އެމެރިކާގެ 99 އަހަރުވީ ތާރީހުގައި ޗިލީ އަށް އަދި އެ މުބާރާތް ކާމިޔާބެއްނުކުރެވެ އެވެ. ޗިލީ އެންމެ ފަހުން ކޮޕާ އެމެރިކާގެ ފައިނަލްގައި ވާދަކޮށްފައިވަނީ 1987 ވަނަ އަހަރެވެ.

ޗިލީއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ އާޖެންޓީނާ އާއި ޕެރަގުއޭ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ.