ހަބަރު

ނިޒާމް ބަދަލު ކުރެވޭނީ ހުވަފެނަކުން: ގާސިމް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ބަޔަކު ދެކޭ ހުވަފެނެއް ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލިމާލޭ ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލްގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ދިވެހިން ވަނީ ރިޔާސީ ނިޒާމް ބަލައިގެންފައި ކަމަށެވެ. އެ ނިޒާމް އަލުން ބަދަލު ކުރަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ނަމަވެސް ވަކި ބަޔަކު ފަހަތުގައި ތިބެގެން އެ ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިޒާމް ބަދަލު ކުރަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރު ދުވަހު ވެރިކަން ކުރުމުގެ ފުރުސަތު ނުދެއްވާ ކޮންމެވެސް ބޭފުޅަކު ވެރިކަމަށް ގެނައުމަށް ކަަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވަން އުޅުއްވަނީ ވެސް އެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ހުވަފެނެއް ކަމަށާއި އެކަން ދުވަހަކު ވެސް ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރާއްޖޭގައި އޮތް ރިޔާސީ ނިޒާމް ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ހުވަފެނެއް އެއީ ބިލާހެއް، އެކަމެއް ދެނެއް ނުކުރެވޭނެ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިވަނީ ރިޔާސީ ވެރިކަމެއް ބަލައިގެންފައި," ގާސިމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއްގައި ދައުލަތް ހިންގަން އެންމެ އިސްކޮށް ހުންނަވާނީ ރައްޔިތުން ހޮވާ މީހެއް ނޫން ކަމަށާއި މިނިސްޓަރުންނަށް ވެސް ތިއްބަވާނީ މަޖިލިސް މެންބަރުން ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ސަބަބުން ސަރުކާރުގެ ތެރޭގައި ހިނގާ ކޮރޮޕްޝަންގެ އަމަލުތައް ބެލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މިހަކު އަމިއްލައަށް ގާނޫނު ހަދާފަ އެ ގާނޫނުގެ ދަށުން ކުށްވެސްކޮށްފަ ނިޔާ ވެސް ކަނޑައަޅާފަ ތަންފިޒު ވެސް ކުރެވޭނެތޯއޭ އަޅުގަނޑުގެ ސުވާލަކީ، އެހެންވީމަ ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައި ޒިންމާދާރު ކުރުވަން ރައްޔިތުންގެ މަޖިލީހަށް ގޮސް ދެން ކާކުތޯ ޒިންމާދަރު ކުރުވަން ސުވާލު ކުރަނީ، އެހެންވެ އެކަހަލަ ޖޯކު ކަންތައް މިވަރު ކުޑަ ގައުމެއްގައި ކުރާނެ ކަމެއް ނެތް ދެއްތޯ،"

ގާސިމް މިހެން ވިދާޅުވެފައިވާ އިރު ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި އެމްޑީޕީ އިން ދިޔައީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަަށް ގޮވާލައިފަ އެވެ. އެކަން އެ ޕާޓީ އިން ނެރުނު މެނިފެސްޓޯގައި ވެސް ހިމެނި އެވެ. ނަމަވެސް ފަހުން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެ ވާހަކައެއް ހިމަނާފައި ނުވެ އެވެ.