ބޮލީވުޑް

ސުނިލް ޝެޓީގެ ހަގު ދަރިފުޅުވެސް ބޮލީވުޑަށް

ބޮލީވުޑް އެކްޓަރު ސުނިލް ޝެޓީއަކީ އެ ދާއިރާގައި އަދިވެސް އެބަހުއްޓެވެ. ސުނިލްގެ ފިލްމަކަށް އޭނާގެ ފޭނުން އިންތިޒާރު ކުރަމުންދާއިރު، އޭނާގެ ދޮށީ ދަރިފުޅު މީގެ ތިން އަހަރު ކުރިން ވަނީ ދާއިރާއަށް ނިކުމެފަ އެވެ. ސުނިލްގެ ދޮށީދަރިފުޅު އާތިޔާ ޝެޓީ އެންމެ ފުރަތަމަ ފެނުނީ 2015 ގައި ފިލްމު "ހީރޯ" އިންނެވެ. އޭގެ ފަހުން 2017 ވަނަ އަހަރު "މުބާރަކާން" ގައި މަސައްކަތްކޮށް މިދިޔަ އަހަރުގެ ފިލްމް "ނާވާބްޒާދޭ" ގައިވެސް އާތިޔާ މަސައްކަތް ކުރި އެވެ. ދެން އެންމެ އަވަހަށް ފެންނާނީ ސުނިލްގެ ހަގު ދަރިފުޅު ވެސް ބޮލީވުޑްއަށް ނިކުންނަތަނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސުނިލްގެ ހަގު ދަރިފުޅު އަހާން ޝެޓީ އޭނާގެ ފުރަތަމަ ފިލްމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަހާން ފުރަތަމަ ފެންނާނީ މިލަން ލޫތްރިއާ ޑައިރެކްޓް ކުރާ، އެކްޝަން ޑްރާމާ ފިލްމަކުން ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މިއީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ތެލުގޫ ފިލްމް އާރްއެކް-100 ގެ ހިންދީ ރީމޭކެވެ.

މި ފިލްމަށް ތައްޔާރު ވުމުގެ ގޮތުން އަހާން މިހާރު އަންނަނީ ލީޑު ރޯލުގެ ތަމްރީނުތައް ކުރަމުންނެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާނެ ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމުގެ ޝޫޓިންއަށް ތައްޔާރުވަމުން އަންނަ އަހާންއަށް ވެސް ބޮލީވުޑްގައި އޭނާގެ ބައްޕަ ދެއްކި ފަދަ ހުނަރެއް ދެއްކޭނެ ކަމަށް މިހާރުވެސް ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އާހަން އާއި ސުނިލް ޝެޓީގެ ޒުވާން ދުވަސްވަރު ހުރި ގޮތް ވައްތަރު ވުމުން މި ދާއިރާގައި އޭނާއަށް އުއްމީދު އޮތް ކަމަށް އެކި ފަރާތްތަކުން ބުނެ އެވެ.