ހަބަރު

ހިޔާ މަޝްރޫއުގެ 10 ޓަވަރުގެ ކޮންކްރީޓް މަސައްކަތް ނިިމިއްޖެ

Jan 26, 2019
6

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 16 ޓަވަރުގެ ތެރެއިން 10 ޓަވަރުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ 25 ބުރިއަށް ހަދާ ޓަވަރުތަކުގެ ތެރެއިން 10 އިމާރާތެއްގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމި، އެތެރޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 16 ޓަވަރުގެ މަސައްކަތް އެއްކޮށް މި އަހަރު ފަހުކޮޅު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ތަންތަނުގައި މީހުން ދިރިއުޅެން ފެށޭވަރުވާނީ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ އަދި ކަރަންޓާއި ސްކޫލްތަކާއި މިސްކިތްތައް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފެށި 7،000 ޕްލެޓު ހިމެނޭ 25 ބުރީގެ މި ޓަވަރުތަކުގައި ހިމެނެނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި އެޕާޓްމަންޓްތަކުގެ ކޮޓަރިތައް ކުޑަ ކަމަށް ފެންނާތީ ބައެއް ތަންތަން ތިން ކޮޓަރި އަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އެމްޑީ ސުހައިލް ވިދާޅުވީ މި ޕްލެޓުތަކުގެ ޖާގަ ކުޑަކަމަށް ފެންނާތީ އެތެރެ ރާނާ ނިމިފައި ނުވާ ތަންތަން ތިން ކޮޓަރި އަށް ބަދަލު ކުރަން ކޮންޓްރެކްޓާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މިކަން ކުރާނީ ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް. އެކަމަށް މަޝްވަރާ ކުރަމުން މިދަނީ،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިން ކޯރޕަރޭޝަން އިންނެވެ. އެ ކުންފުނިން މި މަޝްރޫއު ކުރިއަށް ގެންދަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އަދި މި މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލިއުންވެސް ހަވާލުކޮށްފަ އެވެ. ނަމަވެސް ފްލެޓު ބެހި ގޮތާމެދު ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެހެންވެ، މި ސަރުކާރުން ވަނީ ފްލެޓު ބެހި ގޮތް ބަލާނެ ކަމަށް ބުނެފަ އެވެ.