ދުނިޔެ

ޓްރަމްޕް އަމާން ދެއްވާ އެމެރިކާގެ ސަރުކާރު ހުޅުވައިފި

Jan 26, 2019
2

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާއި އިމިގްރޭޝަން ސިޔާސަތުގެ ދަށުން މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި ބޮޑުފާރެއް ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ފާސްނުވެގެން އެގައުމުގެ ސަރުކާރުގެ ބޮޑު ބައެއް ހުއްޓިފައި އޮތް އޮތުން އެންމެ ފަހުން ނިމުމަކަށް އައިސްފި އެވެ.

އެމެރިކާގެ ތާރީހުގައި ވެސް އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން 35 ދުވަހަށް ފަހު ނިމުމަކަށް އައީ، ކުރިއަށް އޮތް ތިން ހަފްތާއަށް ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ބަޖެޓް އެމެރިކާގެ ހައުސް އާއި ސެނެޓުން ފާސްކުރުމާ އެކު އެމެރިކާގެ ރައީސް ޓްރަމްޕް ގޮތް ދޫކުރައްވައި އެ ބަޖެޓްގައި ސޮއި ކުރެއްވުމުން އެވެ. އެހެން ނަމަވެސް، ސެނެޓުން ފާސްކޮށް ޓްރަމްޕް ސޮއިކުރެއްވި ބަޖެޓްގައި ބޮޑު ފާރު ރޭނުމަށް އެއްވެސް ފައިސާއެއް ނުހިމެނެ އެވެ.

ޓްރަމްޕް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ، ފާރު ރޭނުމަށް ބޭނުންވާ، ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ގާނޫނޫ ހަދާ މަޖިލީހުން ފާސްނުކޮށްދޭހާ ހިނދަކު، ފާސްކުރާ އެއްވެސް ބަޖެޓެއްގައި ސޮއިނުކުރައްވާނެ ކަމަށެވެ. އަދި އެއާ އެކު އެމެރިކާގެ ސަރުކާރުގެ ބޮޑު ބައެއް ހުއްޓުމަކަށް އައިސް އެތައް ހާސް މުވައްޒަފުން މަގުމަތިވި އެވެ. އެމެރިކާގެ ހައުސް ކޮންޓްރޯލް ކުރާ ޑިމޮކްރަޓުން ގެންދަވަނީ، ޓްރަމްޕްގެ ފާރު ރޭނުމަށް ބާޖެޓް ފާސްކޮށްދޭން ދެކޮޅު ހަދަމުން އެވެ. ޓްރަމްޕް ސޮއިކުރި ބަޖެޓްގައި ވެސް އެ ފައިސާ ހިމަނުއްވާފައެއް ނުވެ އެވެ.

ޓްރަމްޕް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރު ރޭނުމުގެ ފައިސާ ބަޖެޓްގައި ނެތް ނަމަވެސް ބަޖެޓްގައި ސޮއިކޮށް ސަރުކާރު ހުޅުވަން އޭނާ ނިންމެވީ، ސަރުކާރު ހުއްޓިފައި އޮތުމުން އެތައް މިލިއަން އާންމު ރައްޔިތުންނަކަށް އޭގެ ގެއްލުންވެ އެ ގައުމުގެ އިގްތިސާދަށް ވެސް ގެއްލުންތަކާ ކުރިމަތިވާތީ އެވެ. ޓްރަމްޕް ވިދާޅުވީ، ސަރުކާރު ހުއްޓުމުގެ ސަބަބުން ސަރުކާރު މުވައްޒަފުންނަށް ނުލިބި އޮތް ހުރިހާ ފައިސާއެއް އަނބުރާ ލިބިގެން ދާނެ އެވެ. އަދި މި ބަޖެޓްގެ ސަބަބުން، ފެބުރުއަރީ 15 އާ ހަމަޔަށް އެމެރިކާ ސަރުކާރު ހިންގުމުގެ ހަރަދުތައް ހަމަޖެހިގެން ދާނެ އެވެ.

ޑިމޮކްރެޓުންގެ ތާއީދު ނުލިބުމުން ސްޓޭޓް އޮފް އެމެޖެންސީއެއް ނެރުއްވައިގެން ވެސް، މެކްސިކޯ ބޯޑަރުގައި ފާރު ރޭނުމަށް ފައިސާ ހޯއްދެވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް، އެކަމުގައި ކުރިމަތިވި ގާނޫނީ ހުރަސްތަކާ ހެދި ޓްރަމްޕަށް އެގޮތަށް އަމަލު ކުރެއްވޭ ގޮތެއް ނުވި އެވެ. ވައިޓްހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނީ، އެމެރިކާ ސަރުކާރު އަލުން ހުޅުވުމަށް ޓްރަމްޕް އެންމެ ފަހުން އެއްބަސްވެ ވަޑައިގަތީ ސަރުކާރު ހުއްޓިފައި އޮތް އޮތުން ދިގު ދެމިގެން ގޮސް، އޭގެ އަސަރު އެމެރިކާގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކުރަން ފެށުމުން އެވެ.