މީހުން

ސްޓޯން އަވަންގެ ޕިއްޒާގެ ރަހަވެސް ތަފާތު، މާސްޓަމައިންޑްގެ ވާހަކަވެސް ތަފާތު!

"ބައްޕަ އާއި މަންމަގެ ފަރާތުން ނުލިބޭ އެހީއެއް. ހެދުމެއް ވެސް ފޮތް ފަންސުރު ވެސް ނުގަނެދެވޭ އެމީހުންނަކަށް. އެހެންވީމަ އަމިއްލަ އަށް ވަޒީފާއަކަށް ނުކުންނަން މަޖުބޫރުވީ އެންމެ ކުޑައިރު ވެސް،" އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

"އެންމެ ފުރަތަމަ ދިޔައީ ފޮޓޯކޮޕީ ނަގައިދޭ ތަނެއްގައި ފޮޓޯކޮފީ ނަގައިދޭ މީހެއްގެ ވަޒީފާ އަށް. އޭރު އުޅެނީ ވެސް ސްކޫލްގައި. އޯލެވެލް އަށް ފައިސާ ދެއްކީ ވެސް އެގޮތަށް ޕާޓްޓައިމް ވަޒީފާ އަށް ގޮސްގެން އެއްކުރި އެއްޗަކުން"

"އަޅުގަނޑަށް ޖެހުނު ހާލަކީ ބައްޕައަކަށް އަޅުގަނޑު ނުގެންގުޅެވުނު. އަދި މަންމައަކަށް ވެސް އަޅުގަނޑު ނުގެންގުޅެވުނު. އެހެންވީމަ ބޮޑުދައިތައެއްގެ ކައިރީގައި އަޅުގަނޑު ބޮޑުވީ ވަރަށް މިނިވަންކޮށް."

މިއީ މިހާރު ދެ އެކުވެރިޔަކާ ގުޅިގެން ޕިއްޒާގެ ވިޔަފާރިއެއް ފަށާފައިވާ ޒުވާނެއް ކަމުގައިވާ ހުސެއިން ޝާހްގެ ވާހަކަ އެވެ. މާލޭގައި އެންމެ ތަފާތު ގޮތަކަށް ޕިއްޒާގެ ހިދުމަތް ދެމުން އަންނަ ސްޓޯން އަވަންގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރި ޝާހް ބުނަނީ އޭނާގެ ކާމިޔާބީގެ ސިއްރަކަށް އެ މިނިވަންކަން ވެދާނެ ކަމަށެވެ.

ނަމަވެސް އޭނާގެ ވާހަކަ މިއަށް ވުރެ ވެސް ތަފާތެވެ. ފަހަރެއްގައި އޭނާގެ ޕިއްޒާ ވިޔަފާރީގެ ހިދުމަތް ދޭ ގޮތަށް ވުރެ ވެސް ތަފާތެވެ.

މި ޖޫން މަހުގެ އެއް ވަނަ ދުވަހު ހުޅުވި "ސްޓޯން އަވަން ޕިއްޒާ" ގެ އެންމެ ބޮޑު ތަފާތަކީ އާންމުކޮށް ޕިއްޒާ ފިހަން ބޭނުންކުރާ އަވަން ދޫކޮށް ކްލެސިކް ސްޓޯން އަވަނުގައި ނުވަތަ ގާ އުނދުނެއްގައި މި ތަނުގެ ޕިއްޒާތައް ފިހުމެވެ.

ނަމަވެސް މި ތަނުގެ ތަފާތުކަމާއި އެމީހުންގެ ޕިއްޒާގެ ރަހަތަކާއި ވައްތަރުތަކުގައި ހުރި ތަފާތެއްގެ ވާހަކަ ދެއްކުމުގެ ކުރިން ޝާހްގެ ވާހަކަ ދައްކައި ނިންމާލަމާ ހިނގާށެވެ.

ތަފާތު މީހަކަށް ޝާހް ވަނީ އޭނާ މިހާރު އެހުރި ހިސާބަށް އައުމަށް ކުރަން ޖެހުނު ދަތުރު ވެސް ތަފާތުވީމަ އެވެ. އެންމެ ފުރަތަމަ އޭނާ އަކީ އެއްވެސް މީހެއް ނޫނެވެ. މަންމަ އާއި ބައްޕައެއްގެ ލޯބި ވެސް ނުލިބި ބޮޑުވި ޒުވާނެކެވެ.

އަނެއްކޮޅުން ދިރިއުޅުމުގެ އަމާޒުތަކެއް ވެސް އޭނާގެ އޭރަކު ނެތެވެ.

އެހެންވީމަ ކިޔެވުން ނިންމާލި ގޮތަށް ޓޫރިޒަމްގެ ދާއިރާ އަށް ކުއްލިއަކަށް ޝައުގުވެރިވެގެން އެ ދިމާލަށް ދުއްވައިގަނެވުނީ ވެސް އެ ސަބަބާ ހެދި އެވެ.

"ސްކޫލް ނިންމާލާފައި ދިޔައީ ހޮޓެލް ސްކޫލްގެ ދާއިރާ އިން ކިޔަވަން. އެކަމަކު އޭރު ވެސް އަދި ނޭނގޭ ކޮން ދާއިރާއަކުން ކަމެއް ސީދާ ކުރިއަށް ދާން ބޭނުންވަނީކީ. އެހެން ނަމަވެސް އެންމެ މަޝްހޫރު ދާއިރާއަކަށް އޮތީ ޓޫރިޒަމްގެ ދާއިރާ ކަމަށްވީމަ އެ ދިމާލަށް ދެވުނީ،" ޝާހް ބުންޏެވެ.

ކޯސް ނިންމާލުމަށް ފަހު އޭނާ ދިޔައީ ކުރެއްދޫ ރިސޯޓްގެ ފްރޮންޓް އޮފީހުގެ ވަޒީފާއަކަށެވެ.

"އެކަމަކު ރިސޯޓް ލައިފް އަޅުގަނޑަށް އެހާ ކަމުދާ ލައިފްސްޓައިލަކަށް ނުވި. ވީގޮތަކީ އަޅުގަނޑު މަންމައަކާއި ބައްޕައެއްގެ ލޯބި ނުލިބި ބޮޑުވިޔަސް ބޮޑުވީ ވަރަށް ގިނަ އެކުވެރިންނާ އެކު. އެހެންވީމަ ރިސޯޓަށް ދިޔައީމަ އިހްސާސްކުރެވުނީ އެކަހެރިކަމެއް."

ރިސޯޓް ވަޒީފާ އަށް ފޫހިވި ހިސާބުން އެ ވަޒީފާ ދޫކޮށްލާފައި އޭނާ އެނބުރި މާލެ އައީ އެވެ. ދެން ގާތްގަނޑަކަށް ހަ މަސްވަންދެން އުޅުނީ އެއްކަމެއް ވެސް ނުކޮށެވެ.

"ކުރާނެ ވަކި އިތުރު ކަމެއް ވެސް ނޭނގޭ އޭރަކު،" ޝާހް ބުންޏެވެ.

ދެން މާލެ އަށް އައީ އިންޓަނެޓްގެ އިންގިލާބެވެ. އިންޓަނެޓް ކެފޭތަކުގެ ފޯރި މާލެގައި އެންމެ ގަދަވެގެން އައި ދުވަސްވަރެވެ. އަނެއްކާވެސް ޝާހް އާ ވަޒީފާއަކަށް ނުކުތީ އެވެ. ދިރާގުގެ ސައިބާ ކެފޭގެ ކޭޝިއަރެއްގެ ވަޒީފާ އަށެވެ.

ހޮޓެލް ސްކޫލް ކިޔެވި މީހާގެ ކެރިއަރު ކުއްލިއަކަށް ބަދަލުކޮށްލީ އެވެ. ދިރާގުގެ ސައިބާ ކެފޭގައި ހޭދަކުރި ވަގުތުތަކާ އެކު ދެން އޭނާގެ ޝައުގުވެރިކަން ދަމައިގަތީ އައިޓީ ދާއިރާ އެވެ. ވަކިން ހާއްސަކޮށް ނެޓްވޯކިން އާއި ސިސްޓަމް އިންޓްގަރޭޝަންގެ މަސައްކަތަށެވެ.

އެތަނުގައި ތިން އަހަރު ކޮށްލާފައި ނުކުމެގެން ދިޔައިރު ޝާހް ހުރީ ނެޓްވޯކިން އާއި ސިސްޓަމް އިންޓަގްރޭޝަންގެ މަސައްކަތަށް ނިކަން ރަނގަޅަށް ފައްކާވެފަ އެވެ.

"އަޅުގަނޑު އެ ހުރިހާ ކަމެއް ދަސްކުރީ ލިބުނު ހުސް ވަގުތުތަކުގައި ކިޔައި ދަސްކޮށްގެން. ސައިބާ ކެފޭގައި އުޅުނުއިރު ލިބުނު ހުސް ވަގުތުތަކުގައި އަޅުގަނޑުގެ ކަމަކަށް އޮންނާނީ އައިޓީގެ ދާއިރާ އިން އެކި މައުލޫމާތު އެއްކޮށް ދަސްކުރުން،" ޝާހް ބުންޏެވެ.

"އަޅުގަނޑު ކަމަކަށް އިންޓްރެސްޓް ވެއްޖެ ނަމަ އެކަމެއް އަމިއްލަ އަށް ދަސްކުރަނީ. ވަކި މިވެނި ކަމަކަށް ހާއްސަވެގެންނެއް ނުހުންނަން އަޅުގަނޑު."

ފަހަރެއްގައި ދިރާގުގެ އެ ވަޒީފާ ދޫކޮށް އޭނާ އަނެއްކާވެސް އެހެން ވަޒީފާއަކަށް ބަދަލުވީ މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. ދެން ގޮސް އޭނާ ގުޅުނީ އޭރު މާލެ ފުންމާލި ވަތަނިއްޔާއާ އެވެ.

އެތަނުގައި އޭނާ ހާއްސަވެގެން ދިޔައީ އިންޓާނަލް ނެޓްވޯކިން ބެލެހެއްޓި އިސް މީހެއްގެ ގޮތުގަ އެވެ. މިއީ ޓޫރިޒަމް ދާއިރާ އަށް ވަނުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނު ޝާހް އައިޓީ ދާއިރާ އަށް ހާއްސަވެ ނިމުނު ހިސާބެވެ. އެއަށް ފަހު ގާތްގަނޑަކަށް 12 އަހަރު ވަންދެން އޭނާ އުޅުނީ މި ދާއިރާގެ އެކި މަސައްކަތްތަކުގަ އެވެ. 

އެންމެފަހުން ލިންޓެލްގެ އައިޓީ މެނޭޖަރަކަށް އުޅުމަށް ފަހު އޭނާ އަނެއްކާވެސް ކެރިއަރު ބަދަލުކޮށްލީ އެވެ. މެނޭޖަރެއްގެ ވަޒީފާ އޭނާ ދޫކޮށްލީ ބަޔަކު މީހުން ވިއްކާލި ސައި ހޮޓަލެއް ހިންގުމަށް ކުއްލިއަކަށް ވެރިވި ޝައުގުވެރިކަމެއްގެ ތެރެއިންނެވެ.

"ހިތަށް އެރީ ވަރަށް ގިނަ ދުވަހު ޖޮބުތަކުގައި އުޅެވިއްޖެޔޭ. އަމިއްލަ އަށް ކޮންމެވެސް ކަމެއް ކުރަންވީއޭ ދެން،" އާ ހުވަފެނެއްގައި ކުލަ ޖައްސަން ޝައުގުވެރިވި ގޮތް ޝާހް ކިޔައިދިނެވެ.

ޝާހް ބުނީ ބަޔަކު މީހުން ވިއްކާލި ސައި ހޮޓަލެއް ގަނެގެން އެތަން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ހިންގަން ނުކުތީ ކެއުމަށް ޝައުގުވެރިނުވާނެ މީހަކު ނެތްކަން އޭނާ އަށް އެނގޭތީ ކަމަށެވެ.

"އެއީ އަޅުގަނޑަށް އެނގޭ ޓުއަރިޒަމް އިންޑަސްޓްރީ އާއި ފިޝިން އިންޑަސްޓްރީ އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ނަގާފައި ދެން ވަރުގަދައީ ފުޑް އިންޑަސްޓްރީކަން. ކިތަންމެ ފަގީރުވިޔަސް މީހުން ކާން ޖެހޭނެ. ކިތަންމެ ޚަރަދު ކުޑަކޮށްގެން އުޅުނަސް ކެއުމަށް ލާރި ހަރަދުކުރާނެ މީހުން،" ޝާހް ބުނީ މިހެންނެވެ.

"ބްރޯ ކެފޭ" ގެ ނަމުގައި ހިންގި ސައިހޮޓަލުގެ ވިޔަފާރި ވަރަށް ވެސް ކާމިޔާބެވެ. ނަމަވެސް ދެ އަހަރުވީ ތަނުން އޭނާ އަށް ޖެހުނީ އެތަން ދޫކޮށްލާށެވެ. ކެފޭ ހުރި ތަނުގެ އެއްބަސްވުން އެތަނުގެ ވެރިން އާނުކޮށްދިނުމުންނެވެ.

ދެން މި އަންނަނީ "ސްޓޯން އަވަން" ހޫނުކުރަން ފެށި ދުވަސްތަކެވެ. އަނެއްކާވެސް އާ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފެށުމަށް ޝާހް ތައްޔާރުވީ އެވެ.

"އަޅުގަނޑުގެ ދެ އެކުވެރިޔަކާ ގުޅިގެން ބެލިބެލުމަށް ޕިއްޒާ ކާ މީހުން މާލޭގައި ވަރަށް ގިނަ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މިއީ ވަރަށް މަގްބޫލު އެއްޗެއް. އެހެންވީމަ އަޅުގަނޑުމެން ނިންމީ އެމީހުންނަށް ހާއްސަ ތަފާތު ހިދުމަތެއް ފަށަން،" ޝާހް ކިޔައިދިނެވެ.

އެހެންވީމަ ޝާހް އާއި އޭނާގެ ދެ އެކުވެރިންގެ މި ވިޔަފާރި ނުވަތަ އެމީހުންގެ "ސްޓޯން އަވަނުން" ފިހޭ ޕިއްޒާގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ ކުރިން ވެސް ދެންނެވިހެން އެންމެ ބޮޑު ތަފާތަކީ ޕިއްޒާ ފިހުމަށް މި މީހުން ބޭނުންކުރާ މެކެނިޒަމެވެ.

"މިއީ އެންމެ ކުރީ ޒަމާނުގެ މީހުން ޕާން ފިހަން ބޭނުންކުރި ވައްތަރުގެ އުނދުނެއް. މިއީ ސީދާ އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ސްރީ ލަންކާ އިން ޑިޒައިންކޮށްގެން ގެނެސް އިންސްޓޯލްކޮށްފައިވާ އުނދުނެއް. އަސްލު މީގައި ދަރު ބޭނުންކުރިޔަސް އަޅުގަނޑުމެން މި ބޭނުން ކުރަނީ ގޭސް. އެއީ ދަރު ހޯދުން ފަސޭހަ ކަމަކަށް ނުވާތީ،" ޝާހް ބުންޏެވެ.

އޭނާ ބުނީ މި އުނދުނުގައި ފިހޭ ޕިއްޒާގެ ރަހަ އާދައިގެ ޕިއްޒާ އަވަނުގައި ފިހޭ ޕިއްޒާގެ ރަހައާ ތަފާތުވާނެ ކަމަށެވެ.

"އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވޭނީ ފުށްގަނޑުން،" ޝާހް ބުންޏެވެ.

"އަނެއްކޮޅުން ޕިއްޒާއެއްގައި އޭގެ ފުށްގަނޑަކީ ވަރަށް މުހިންމު އެއްޗެއް. މި ފުށްގަނޑު ސަކަރާތްވެއްޖެ ނަމަ ދެން އިތުރަކަށް އެ ޕިއްޒާއެއް ކާހިތެއް ނުވާނެ މީހަކު. މާ އަވަހަށް ބަނޑުފުރޭނެ. އެހެންކަމުގައި ވާ ނަމަ އެއީ ރަނގަޅު ޕިއްޒާއެއް ނޫން"

ޝާހް ބުނީ ކަމުދާ ފެންވަރުގެ ނުވަތަ ބޭނުންވި ފުށްގަނޑު ތައްޔާރުކުރެވުނީ 14 ދުވަސް ވަންދެން އެކި ކޮލިޓީގައި އެކި ގޮތްގޮތަށް ފުށްގަނޑުތައް ފިހެ ޓެސްޓްކޮށްގެން ކަމަށެވެ. ސްޓޯން އަވަންގައި ބޭނުންކުރާ ފުށްގަނޑުން ފެށިގެން އެމީހުންގެ ޕިއްޒާތަކުގެ ހުރިހާ ރެސިޕީއެއް ވެސް ތައްޔާރުކޮށްފައި ވަނީ ޝާހް އަމިއްލަ އަށެވެ.

"ގާތްގަނޑަކަށް 14 ދުވަސް ވަންދެން އެކި ފެންވަރުގައި ފުށްގަނޑުތައް ތައްޔާރުކޮށް ޓެސްޓްކުރަމުން ދިޔައީ ރަނގަޅު ފުށްގަނޑެއް ހޯދަން. ކޮންމެ ދުވަހަކު ވެސް އޮންނާނީ ފުށްގަނޑެއް ފިހެގެން މި ހިސާބުގަނޑުގެ މީހުންނަށާއި ގޭގައި ތިބޭ މީހުންނަށް ކާން ދީގެން އޭގެ ރަހަ ޓެސްޓްކުރުވުން،" ޝާހް ކިޔައިދިނެވެ.

"ޕިއްޒާގެ ރެސިޕީން ވެސް ގާތްގަނޑަކަށް 25 އަށް ވުރެ ރެސިޕީ އަޅުގަނޑުމެން ޓެސްޓްކުރިން މިކަން ފަށަން."

އޭނާ ބުނީ ފަހަރެއްގައި އެމީހުންގެ ސީކްރެޓް ރެސިޕީއަކަށް މި ފުށްގަނޑު ވެދާނެ ކަމަށެވެ. ނަމަވެސް މިއަށް ވުރެ ތަފާތު ސިފަތަކެއް ވެސް އެމީހުންގެ ހިދުމަތުގައި އެބަހުއްޓެވެ.

އެގޮތުން އަނެއް ހާއްސަ ސިފައަކީ ކަސްޓަމައިޒް ޕިއްޒާ ފިހުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދިއުމެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް ގުޅާފައި ބުންނަންވީ ޕިއްޒާއެއް ދެ ފަޅިކޮށްފައި އެއް ފަޅިއަށް އެހެން ރަހައް އަނެއް ފަޅިއަށް އެހެން ރަހައެއް އަޅައިގެން ފިހެގެން ގެނެސްދޭށޭ ނުވަތަ މިވެނި އެއްޗެއް އެއްވެސް ވަރަކަށް ނާޅައި ފިހޭށޭ. އޭރުން އެގޮތަކަށް އަޅުގަނޑުމެން ފިހައިދޭނަން ޕިއްޒާ."

"ސްޓޯން އަވަން" ގެ އަނެއް ހާއްސަ ކަމަކީ ސީދާ ދިވެހި ރަހަތަކެއް ގެނެސްދިނުމަށް ޝާހް ތައްޔާރުކޮށްފައިވާ ބައެއް ރެސިޕީތަކެވެ. އެގޮތުން މި ތަނުން ނުވަ ވައްތަރެއްގެ ޕިއްޒާ ލިބެން ހުރިއިރު ހަތަރު ވައްތަރަކީ ވަރަށް ދިވެހި ރަހަތަކަކަށް ހާއްސަކޮށްފައިވާ ޕިއްޒާ އެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ޕިއްޒާ އަކީ "ޕިއްޒާ އެލީ މެލެންޒާނޭ" އެވެ.

"މިއީ ބަށި އޭގެ ތެރެއަށް ލައިގެން ހާއްސަކޮށްފައިވާ ޕިއްޒާއެއް،" ޝާހް ބުންޏެވެ.

"ބައްޓަކީ ރާއްޖޭގެ މާކެޓުން ވަރަށް ފަސޭހައިން ލިބޭ އެއްޗެއް. އެކަމަކު ރާއްޖޭގައި ޕިއްޒާ ފިހާ އެއްވެސް ބަޔަކު އެމީހުންގެ ޕިއްޒާއަކަށް ބައްޓެއް ނާޅާ. އެކަމަކު އަޅުގަނޑުމެން ބަށި ބޭނުންކޮށްގެން ފިހާ ޕިއްޒާ އަކީ ވެސް މިހާރު ވަރަށް ގިނަ ބަޔަކަށް ކަމުދާ އެއްޗެއް."

"މިއީ ރާއްޖޭގެ ރަހަތަކެއް ލިއްބައިދޭ ޕިއްޒާތަކެއް ހަދަން ކުރި މަސައްކަތެއް. އެގޮތުން "ރެހި" އާއި "ފްރެޝް ޓޫނާ" ޕިއްޒާ އަކީ ވެސް ވަރަށް ދިވެހި ރަހަތަކެއް ދޭނެ ޕިއްޒާ."

މި ތަނުގެ އަގުތަކަށް ބަލާއިރު އެންމެ އަގުހެޔޮކޮށް އުޅެނީ 105ރ. އަށް ވިއްކާ ދެ ޕިއްޒާއެކެވެ. އެންމެ އަގުބޮޑީ 149ރ. އަށް ވިއްކާ "އޯލް މީޓީ" އެވެ. ޝާހް ބުނީ އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ރަނގަޅު ރިވިއުތަކެއް ލިބެމުން އަންނަ ޕިއްޒާ އަކީ މިއީ ކަމަށެވެ.

"މި ވަގުތަށް އެންމެ މަގްބޫލު އެއްޗަކީ އޯލް މީޓީ. އޭގެ ބޭޑް ރިވިއުއެއް މިހާތަނަކަށް ނުލިބޭ،" ޝާހް ބުންޏެވެ.