ހަބަރު

އިންޑިއާއާ އޮތް ގުޅުން ކުޑަދުވަސްކޮޅަކުން ބަދަހިވެއްޖެ: ފައިސަލް

ރާއްޖެ އާއި އިންޑިއާއާ އޮތް ގުޅުން މިސަރުކާރުގެ މަސައްކަތްތުުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ނައިބް ރައީސް ވިދާޅުވީ، އިންޑިއާއަކީ ވަރަސްވެސް ޑިމޮކްރެޓިކް ގައުމެއް ކަމަށާއި އިންޑިއާއިން ގާނޫނާއި ގަވާއިދާ އެއްގޮތަށް ޑިމޮކްރަސީގެ ނަމޫނާ ދައްކަމުންގެންދަވާ ކަމަށެވެ. ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ވަރަސްވެސް ކުރިންސުރެވެސް އުފެދިފައިވާ ގުޅުމެއް ކަމަށާއި ރާއްޖެއާ އިންޑިއާގެ ޖޯގްރީގެ ގޮތުން ގުޅިފައިވާކަމީވެސް ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމެއް ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ރަހުމަތްތެރިކަމުގެ ގުޅެއް، އިންޑިއާ ވެގެންގޮސްފައިވަނީ އަބަދުވެސް ވަރަށް ގާތް ރަހުމަތްތެރި ގައުމެއް، އަބަދުވެސް ރާއްޖެ އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމަކީ އިންޑިއާ،" ނައިބް ރައީސް ވިދާޅުވި އެވެ.

"މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އިންޑިއާއާ ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފި،"

ފައިސަލް ވިދާޅުވީ، އިންޑިއާއިން އަންނަނީ ރާއްޖެއަށް ވަރަށްވެސް ގިނަ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އެގޮތުން ސިއްހީ ނިޒާމާއި ތައުލީމާއި ވިޔަފާރީ ކުރިއެރުވުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގައި އިންޑިއާ ދަނީ ވަރަށްވެސް ބޮޑު ރޯލެއް އަދާކުރަމުން، އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުންނާއި ވިޔަފާރިވެރިން ދަނީ ރާއްޖޭގެ އިގްތިސޯދަށާއި ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެމުން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ސަރުކާރުން އެގައުމަށް ކުރައްވާ ދަތުރުފުޅުތަކުން ރާއްޖޭ އާއި އިންޑިއާގެ ގުޅުމަށް ރާއްޖެއިންދޭ އަހަންމިއްޔަތު ސާބިތުކޮށްދޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެގައުމަށް ފައިދާވޭނެހެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.