ހަބަރު

ޕީޕީއެމް ނުހިމަނާ އީސީގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފި

އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމް ނުހިމަނާ އިކެޝަންސް ކޮމިޝަން (އީސީ)ގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީގައި ކޮމިޝަންގެ ފަސް މެންބަރުންނާއި ޕާޓީތަކާއި 10 މުއައްސަސާއެއް ހިމަނައިގެން 26 ފަރާތަކުން ތަމްސީލު ކުރައްވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމް އާއި ޑީއާރްޕީ ހިމަނާފައި ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ޕީޕީއެމް އިން މިހާތަނަކަށް ނަން ފޮނުވާފައެއް ނުވޭ އެ ކޮމިޓީގައި ބައިވެރިވުމަށް، އެހެންވެ އެ ޕާޓީ ނުހިމަނާ މި އެކުލަވާލީ، ނަން ފޮނުވީމަ ހިމަނާނަން،" އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމް ހިމަނާފައި ނުވާ އިރު ގައުމީ ލަފާދެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުލް މަތީން ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގައި ބައިވެރިިވާނެ މެންބަރުންގެ ނަންތައް އީސީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެ ކޮމިޓީ އެކުލަވާލި ކަން އަނގާފައި ނުވާ ކަމަށް މަަތީން ވިދާޅުވި އެވެ.