ހަބަރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އޭވިއޭޝަން ސެކިއުރިޓީއިން، އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަން 22 އަންހެން އޮފިސަރުންނާއި 29 ފިރިހެން އޮފިސަރުން ހޯދަން ބޭނުންވާ ކަމަށް އެ އިދާރާއިން ގެޒެޓުކުރި އިއުލާނުގައި ބުނެ އެވެ.

އެ އިއުލާން ބުނާ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާ ކޮންމެ ތަނެއްގައިވެސް އެ މީހުން މަސައްކަތް ކުރަން ޖެހިދާނެ އެވެ. މި މަގާމުގެ މުސާރައަކީ 5920ރ. އެވެ. މި މުސާރައާއެކު ބައެއް އެލަވަންސްތައް ވެސް ހިމަނާފައި ވެއެވެ.

މުވައްޒަފުން ހޮވާއިރު ސާނަވީ އިމްތިހާނުގެ ދެ މާއްދާއިން ފާސްވުމާއެކު، ސެކަންޑަރީ ސްކޫލުން ދިވެހި މާއްދާއިން ފާސް ވެފައިވޭތޯ ބަލާނެ އެވެ. އަދި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ނުވަތަ ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ހާސިލްކޮސްފައިވުން އެއީ ވެސް ޝަރުތެކެވެ.

އޭވިއޭޝަން ސެކިއުރިޓީ ބަލަހައްޓަން ވަޒީފާއަށް ހުޅުވާލިއިރު، ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރަށް ހުށަހަޅަން ޖެހެ އެވެ.