ހަބަރު

އަދީބު ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

އެކި މައްސަލަތަކުގައި ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.

އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ.

ސިވިލް ކޯޓުގައި ވެސް އެދުނު ގޮތަށް އަދީބުގެ ފަރާތުން ވަނީ އަދީބަށް އެކަށީގެންވާ ބޭސް ފަރުވާ ލިބޭނެ ގޮތް ހެދުމަށް އޭނާ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބުގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވީ އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތް ހަދައިދީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ދޭން މުހައްމަދު އިސްމާއިލް އެދިވަޑައިގަތެވެ.

އަދީބު ވިދާޅުވީ، އޭނާއަށް ބާރުގަދަ ބޭސްތަކެއް ކާން ޖެހިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބޯލުގައި ރިއްސުމާއި ހޭނެތުން ފަދަ ކަންކަމާ ކުރިމަތިވާ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް ޖަލު ފާހާނާ ތެރެއަށް ވެއްޓުނު ކަމަށް އަދީބު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވަނީ އަދީބުގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިފަ އެވެ.

އެކަމަކު، ދައުލަތުގެ ވަކީލް ވިދާޅުވީ، ސިވިލް ކޯޓުން އަދީބުގެ މައްސަލަ ނުބެލޭނެ ކަމަށް ބޭރުކޮށްލީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އަދީބު ފުރިހަމަކުރަން އެއްބާރުލުން ދީފައިނުވާތީ ކަމަށެވެ. އެގޮތުން އަދީބުގެ ސްކޭނެއް ކުރުމަށް ކަރެކްޝަނުން ކުރި މަސައްކަތަށް އެއްބާރުލުންދީފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލްކުރި ނަމަވެސް އަދީބު ބޭހަށް ބޭރަށް ފޮނުވުމަށް ހައިކޯޓަށް މިވަގުތު ހުކުމް ނުކުރެވޭނެ އެވެ. ސަބަބެއް ކަމަށް ވަކީލް ވިދާޅުވީ އެއީ އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ މައުޟުއީ ގޮތެއްގައި މައްސަލަ ބެލުމެއް ނެތި ކަމަށާއި އެއީ އިޖުރާއީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

މިފަދަ އަމުރަކަށް އަދީބު އެދުނުއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުތަނާހެން އަދީބު ފުރަތަމަ ފަހަރަށް ގެއަށް ބަދަލުކުރި އެވެ. އޭނާ ގެއަށް ބަދަލުކުރީ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އެވެ. އަދީބުގެ ކިޑްނީގެ އޮޕަރޭޝަން އޭރުކޮށްފައިވާއިރު ޑޮކްޓަރުން ވެސް ލަފާ ދިނީ އޭނާ ސްޓްރެސް ފްރީ ތަނެއްގައި ބެހެއްޓުމަށެވެ.

ނަމަވެސް ޑޮކްޓަރު ލަފާ ދިން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ، އަދީބު އަނބުރާ ޖަލަށް ގެންދަން ކަރެކްޝަނަލް ސާވިސްއިން ނިންމައި އެގޮތަށް އަމަލުކުރި އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފައިވެ އެވެ. މިދިޔަ ހަފުތާ ވެސް އަދީބު ގޮޅި ތެރެއަށް ހޭނިތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިނެވެ. މިހާރު އޭނާ އަނެއްކާވެސް ހުރީ ޖަލަަށް ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން އަދީބުގެ އާއިލާއިން ގެންދަނީ އޭނާގެ ބޭސް ފަރުވާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ހޯމް މިނިސްޓަރު ވެސް އަދި ރައީސް ސޯލިހު ވެސް އަދީބާމެދު ގޯސްކޮށް އަމަލު ކުރާ ތަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

އަދީބުގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވެ އެވެ. އަދި އަދީބުގެ ލޮލުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ. އަދީބު މީގެކުރިން ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ކުރަމުންދާ ތަހުގީގުތަކަށް އޭނާ އެއްބާރުލުންދޭނެ އެވެ. އަދި ރާއްޖެއިން ބޭރަށް ދާން ވެސް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އެކަށީގެންވާ ފަރުވާއެއް ރާއްޖެއިން ލިބުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.