ދުނިޔެ

ފިއްތުންތަކުގެ ކުރިމަތީ މަޑޫރޯ ބޮލެއް ނުލެބި

Jan 28, 2019
1

ވެނެޒުއޭލާގެ އިންތިގާލީ ރައީސަކީ އިދިކޮޅު ލީޑަރު ހުވެން ގުވައިޑޯ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކެއް ބަލައިގަނެ، އެ ގައުމުގައި އާ އިންތިހާބެއް ބޭއްވުމަށް ޕްރެޝަރު ކުރި ނަމަވެސް، އެ ކަމަށް ބޯ ނުލަނބާނެ ކަމަށް އެ ގައުމުގެ އިންތިހާބީ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެ އެވެ.

ނިކޮލަސް މަޑޫރޯ އާ ދެކޮޅަށް އެތަކެއް ސަތޭކަ ބަޔަކު ނުކުމެ ކުރި މުޒާހަރާއެއްގެ ތެރެއިން، އެގައުމުގެ އިންތިގާލީ ރައީސަކީ އޭނާކަމަށް 35 އަހަރުގެ އިދިކޮޅު ލީޑަރު، ގުވައިޑޯ އަމިއްލަފުޅަށް އިއުލާން ކުރެއްވުމާއެކު އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް އަދި ވެނެލުއާޒާގެ އަވަށްޓެރި ގައުމުތަކުން ވަނީ އެކަން ބަލައިގަނެ، އަށް ދުވަހުގެ ތެރޭގައި ވެނެޒުއޭލާގައި އަލުން އިންތިހާބެއް ބޭއްވުމަށް މަޑޫރޯއަށް މުހުލަތެއް ދީފަ އެވެ. ގުވައިޑޯ ވިދާޅުވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު މަޑޫރޯ ކާމިޔާބު ކުރެއްވީ ބޮޑެތި އޮޅުވާލުންތަކާއި މަކަރުގެ ތެރެއިން ކަމަށާއި ރައްޔިތުން އަސްލު އިންތިހާބު ކުރީ ގުވައިޑޯ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅުގެ މުޒާހަރާތައް އިތުރަށް ވަރުގަދަވެ ގައުމު ހަލަބޮލިވެފައިވާ ދަޑިވަޅުގައި ސީއެންއެން ޓާކްއަށް ދެއްވި އިންޓަވިއުއެއްގައި މަޑޫރޯ ވިދާޅުވީ، މިއީ އޭނާ ވެރިކަމުން ދުުރުކުރަން އެމެރިކާއިން ދުރާލާ ރޭވި ބޮޑު ބަޣާވާތެއް ކަމަށެވެ. އަދި އިދިކޮޅު ލީޑަރު، ގުވައިޑޯ އެ ހިންގަވަނީ އެ ގައުމުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފު އަމަލުތަކެއް ކަމަށާއި އެކަމުގެ ހައްގު އަދަބު އެ ގައުމުގެ ޝަރުއީ ދާއިރާގެ ތެރެއިން އޭނާއަށް ދޭނެ ކަމަށް ވެސް މަޑޫރޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައްސަލައިގައި އެމެރިކާއާ ވާހަކަދައްކަން ވެސް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ މެސެޖްތަކަށް ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި ޓްރަމްޕް ބޭނުންފުޅު ވަނީ އޭނާގެ ބާރުގެ ދަށުގައި ވެނެޒުއޭލާ ވެސް ބޭއްވުމަށް ކަމަށް ފާހަގަ ކުރައްވަމުން މަޑޫރޯ ވިދާޅުވީ، އެމެރިކާއަށް ވުރެ ވެނެޒުއޭލާ ކުރިއަރާފާނެތީ އެ ގައުމާ މެދު އެމެރިކާ ހަސަދަވެރިވާ ކަމަށެވެ. އެ ސަބަބުތައް ހުރި ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ހަލަބޮލިކަން ނިމުމަކަށް ގެންނަން، ބޭރުގެ ފަރާތްތައް ބައިވެރިނުކޮށް އިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް މަޑޫރޯ ވިދާޅުވި އެވެ.

އެހެން ނަމަވެސް . މަޑޫރޯއާ ވާހަކަދައްކަން އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވެ އެވެ. އދ ގެ ސެކިއުރިޓީ ކައުންސިލުން ވެސް ގައުމުތަކަށް ގޮވާލާފައި ވަނީ، އިދިކޮޅު ލީޑަރު ގުވައިޑޯއާ އެކު ތިބުމަށެވެ. އަދި ވެނެޒުއޭލާގެ ދިފާއީ ބާރުތަކުގެ މެދުގައިވެސް ވަނީ މިހާރު ބައިބައިވުންތައް އުފެދިފަ އެވެ. ގުވައިޑޯ އެކުލަވާލަވާފައިވާ އިންތިގާލީ ސަރުކާރުގެ ބިލަށް ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދުވަހު ވޯޓަށް އަހާނެ އެވެ.

މަޑޫރޯގެ ސަރުކާރަށް ތާއީދު ކުރާކަން ހާމަކޮށްފައި ވަނީ، ޗައިނާ، ރަޝިޔާ އަދި ތުރުކީ ފަދަ މަދު ގައުމަކުން އެވެ. މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާ އަދި އީޔޫގެ ގައުމުތަކުން މިހާރު ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. އަދި ބޭރު ގައުމުތަކުގައި ހުރި ވެނެޒުއޭލާ ސަރުކާރުގެ ފައިސާ އާއި އެސެޓްތައް ވަނީ މިހާރު ފްރީޒްކޮށްފަ އެވެ.

އިދިކޮޅު ލީޑަރު، ގުވައިޑޯ ވިދާޅުވަނީ މަޑޫރޯގެ ލީޑަޝިޕްގައި ވެނެޒުއޭލާ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއި އިދިކޮޅު ޕާޓީތަކާއި ބޭރުގެ ތާއީދާ އެކު އުފާވެރި އަމާން ދުވަސްތަކެއް ވެނެޒުއޭލާއަށް ހޯއްދަވައި ދެއްވާނެ ކަމަށް ގުވައިޑޯ ވިދާޅުވި އެވެ. އަދި ކުރިއަށް ވުރެވެސް ބޮޑެތި މުޒާހަރާތައް ސަރުކާރާ ދެކޮޅަށް ބާއްވާނެ ކަމަށް ގުވައިޑޯ ވިދާޅުވި އެވެ.

މަޑޫރޯއާ ދެކޮޅަށް އެގައުމުގައި ކުރާ މުޒާހަރާތަކުގައި 20 މީހުން ވަނީ މަރުވެފަ އެވެ. އަދި 300 އެއްހާ މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.