ހަބަރު

އިމާރާތްކުރުމުގެ ގަވައިދުތަކަށް އާއްމުންގެ ހިޔާލު ހޯދަނީ

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާ މެދު އާންމުންގެ ހިޔާލު ހޯދަން މިނިސްޓްރީން އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން އިއުލާން ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ޑްރާފްޓާމެދު އާއްމުންގެ ހިޔާލު ހުށަހެޅުމާއި އެކަމާ ބެހޭ މަސައްކަތު ބައްދަލުވުމެއް އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލް ފޮނުވުމަށް އެ އިއުލާނުގައިވެ އެވެ.

އިމާރާތް ކުރުމުގެ ގަވާއިދުތަކަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާއިރު، އަދި މިދިޔަ އަހަރު އަމަލުކުރަން ފެށި، އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވާއިދެއް ހަދަން ޕްލޭނިންގ މިނިސްޓްރީއަށް ވަނީ އަމުރު ކޮށްފަ އެވެ. މި ގަވައިދުތައް ހެދަން މުރު ކޮށްފައިވަނީ، އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓި ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު އެވެ.