ދުނިޔެ

އަފްޣާނިސްތާނުގެ ސުލްހަޔަށް އެމެރިކާ-ތޯލިބާނުން އެއްބަސްވުމަކަށް

ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ތެރޭގައި އޮތް އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް އެ ގައުމުގައި ނުފޫޒުގަދަ ތޯލިބާނުންނާއި އެމެރިކާއާ ދެމެދުގެ ސުލްހައިގެ އެއްބަސްވުމެއްގެ ދެލިކޮޕީއަކަށް ފުރަތަމަ ފަހަރަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

އެމެރިކާއިން ތޯލިބާނުންގެ ވެރިންނާ އެކު ގަތަރުގައި ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތް އެމެރިކާގެ ސުލްހައިގެ ހާއްސަ މަންދޫބު ޒާލްމޭ ޚަލީޒާދު ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމެއްގެ ދެލިކޮޕީއަށް ތޯލިބާނުންނާ އެކު އެއްބަސްވީ، ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތްތަކާއި އެ މީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދޭނެ ކަމަށް ތޯލިބާނުންނަށް ޝަރުތުކޮށްފައި ކަމަށެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެގައުމުގައި ތިބި އެމެރިކާ ސިފައިން އެކީ ބޭލުމަށް ދެލިކޮޕީގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއާއެކު، ތޯލިބާނުން އަފްޣާނިސްތާނުގެ ސަރުކާރާ އެކު ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ވެސް އެއްބަސްވެފައިވެ އެވެ.

އެ އެއްބަސްވުމަށް އަފްޣާން ސަރުކާރުގެ އާ ބަސް ހޯދުމަށް، އެމެރިކާގެ މަންދޫބު މިހާރު ވަނީ ކާބުލްއަށް ވަޑައިގަތް އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާ ފައްޓަވައިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ގައުމާ މުހާތަބު ކުރައްވަމުން އަފްޣާންގެ ރައީސް އަޝްރަފު ޣަނީ ވަނީ މަޝްވަރާކުރުމަށް އަނެއްކާ ވެސް ތޯލިބާނުންނަށް ދައުވަތު ދެއްވައިފަ އެވެ. އަދި ތޯލިބާނުންނާ މަޝްވަރާ ކުރުމުގައި އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި އަފްޣާނިސްތާނުގެ ރައްޔިތުން ބަލައިގެންފައިވާ މެދުމިނުގެ އުސޫލުތަކަށް އުނިކަން އަންނާނެ ފަދަ ކަމަކަށް އެއްބަސްނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ރައީސް ޣަނީގެ އެޑްރެސްގައި ވިދާޅުވި އެވެ.

ތޯލިބާނުން ބުނީ، އެއްބަސްވުމުގެ ދެލި ކޮޕީގައި ދެ ފަރާތުން ސޮއިކުރާނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ އާއި އެހެން ގައުމުތަކުގެ ސިފައިން ބާލަން ފަށާނެ ތާރީހަކާއި އެކަން ނިމޭނެ ޔަގީން ތާރީހެއް އެމެރިކާއިން ދިނުމުން ކަމަށެވެ. އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާން ހިފައި ތޯލިބާނުންގެ ވެރިކަން ވައްޓާލި ފަހުން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި 6،000-11،000 އާ ދެމެދުގެ ކުށެއް ނެތް އާންމުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ 14،000 އެއްހާ ސިފައިންގެ އަފްޣާނިސްތާނުގައި އަންނަނީ ހަރަކާތްތެރިވަމުން އެވެ. އަދި ނޭޓޯގެ ގައުމުތަކުގެ އިތުރު 8،000 އެއްހާ ސިފައިން އެ ގައުމުގައި ހަރަކާތްތެރިވެ އެވެ. އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅައެއްބައި، 15 މިލިއަނެއްހާ މީހުން ދިރިއުޅެނީ ތޯލިބާނުންގެ ބާރު ހިނގާ ސަރަހައްދުތަކުގަ އެވެ.