ހަބަރު

އެންމެ ކުޑަ އުޖޫރައިގެގޮތު ދުވާލަކަށް 200ރ. ކަނޑައަޅަނީ

ރާއްޖޭގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ދެވޭ އެންމެ ކުޑަ މުސާރައަކީ ދުވާލަކަށް 200 ރުފިޔާ ކަމަށް ކަނޑައަޅަން އެމްޑީޕީ އިން ނިންމައިފި އެވެ.

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ކަންކަމާ ގުޅޭ ގޮތުން އެ ޕާޓީ އިން ތައްޔާރުކޮށްފައިވާ ކަރުދާހުގައިވާ ގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާ، މިނިމަމް ވޭޖް ރޭޓު ނުވަތަ އެންމެ ކުޑަ މިނުން ދެވޭ އުޖޫރައެއް ކަނޑައެޅާނެ އެވެ. އެ އުޖޫރަ ދެވޭ އުސޫލު ކަނޑައަޅާނީ އެކި ފަންނު ވެރިންގެ މަސައްކަތަށް ބަލާ، ސިނާއަތްތަކަށް ކަނޑައެޅިފައިވަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތަކާއި އަދަދު

ދަތުރުފަތުރުގެ ސިނާއަތް - ދުވާލަކަށް 266.27 ރުފިޔާ
މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް - ދުވާލަކަށް 266.67 ރުފިޔާ
ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް - ދުވާލަކަށް 200.00 ރުފިޔާ
ރިސޯޓު ފަހަރު ހިންގުމުގެ ސިނާއަތް - ދުވާލަކަށް 333.33 ރުފިޔާ
ފަތުރުވެރިކަމުގެ އެހެނިހެން ސިނާއަތް - ދުވާލަކަށް 200.00 ރުފިޔާ
ސިއްހީ ހިދުމަތް ދިނުން - ދުވާލަކަށް 266.67 ރުފިޔާ
ތައުލީމީ ހިދުމަތް - ދުވާލަކަށް 266.67 ރުފިޔާ
އެހެނިހެން ސިނާއަތްތަކާއި ހިދުމަތް - ދުވާލަކަށް 200.00 ރުފިޔާ

އެ ކަރުދާހުގައިވާ ގޮތުން އުޖޫރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ އަދަދު ދާއިމި ވަޒީފާ އާއި ވަގުތީ ވަޒީފާ އަދާ ކުރާ މުއައްޒަފުންނަށް ވެސް ކަނޑައެޅޭނެ އެވެ.

މުސާރައިގެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ 18 ވަނަ ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވަރަށް ގަދައަށް ގޮވާލަމުން ދިޔަ ކަމެކެވެ. ނަމަވެސް އޭރު ސަރުކާރުގެ ފަރާތުން އެފަދަ އިސްލާހެއް ގާނޫނަށް ގެންނަން ނިންމާފައި ނުވެ އެވެ.