ވިޔަފާރި

އެލައިޑް އިންޝުއަރެންސް ބާޒާރުގެ އެންމެ އުހުގައި!

އެލައިޑު އުފެދުނީ 1985 ވަނަ އަހަރު އެވެ. ދިވެހި ސަރުކާރުގެ ސައްތަ އިންސައްތަ ކުންފުނި އެލައިޑާއި އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން އެ ކުންފުނި މަސައްކަތް ކުރީ ރާއްޖެއަށް އާ އިންޝުއަރެންސުގެ ވިޔަފާރި ކުރިއަރުވާށެވެ. އެގޮތުން އެ ކުންފުންޏަށް މިއަދު 34 އަހަރު ފުރުނުއިރު، މި ވިޔަފާރީގެ އެންމެ އުހުގައި ފައިތިލަ ސާތިބުކޮށްފި އެވެ. އަދި ހަމަމިއާއެކު ގިނަ މީހުންނަށް ނޭނގޭ އިންޝުއަރެންސު ކިޔައިދިނުމުގައި ވެސް އެ ކުންފުނިން ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.

މި ވިޔަފާރީގައި ރާއްޖޭގައި ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވި ނަމަވެސް އެލައިޑް އިންޝުއަރެންސު މި ދާއިރާގެ އެންމެ އުހަށް ގޮސްފައިވަނީ ގިނަ ބައެއްގެ މަސައްކަތުންނެވެ. ހާއްސަކޮށް އެ ކުންފުނީގެ މުވައްޒަފުންގެ ދައުރު މިކަމުގައި ބޮޑެވެ. ވަކިން ހާއްސަކޮށް އެކި ދުވަސްވަރު ކުންފުނީގެ ހުންގާނުގައި ހިއްޕަވައިގެން ތިއްބެވި ވެރިންގެ މަސައްކަތް ފާހަގަ ކޮށްލަން ޖެހެ އެވެ. އެގޮތުން މިއަދު އެ ކުންފުނިވެފައިވަނީ މި ސަރަހައްދުގެ ވެސް ވަރުގަދަ ކުންފުންޏެއްގެ ގޮތުގަ އެވެ.

އެލައިޑުގެ ވިޔަފާރިއަށް ވޭތުވެދިޔަ ހަތަރު އަހަރު ނަޒަރު ހިންގާލާއިރު މިހާރު އެ ކުންފުންޏަކީ އިންޝުއާ ކުރުމުގެ ގާބިލްކަން 120 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރި ކުންފުންޏެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ވެސް ފާހަގަ ކުރަން ޖެހޭ ބޮޑު ކުރިއެރުމެކެވެ.

އެލައިޑުގެ އެމްޑީ އަހުމަދު އަމީލު ވިދާޅުވެފައިވާ ގޮތުގައި މިހާރު އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ އިންޑިޔާ ކަނޑުގެ ގައުމެއްގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏެވެ. އެއީ ވަރަށް ބައިވަރު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެއީ މޮރިޝަސް، ނޫނީ ސީޝެލްސް ނުވަތަ ސްރީލަންކާ އަށް ބެލި ކަމުގައިވިޔަސް. އެންމެ ކައިރިއަށް ބަލާއިރު ސްރީލަންކާގެ ކެޕޭސިޓީއަކީ 40 މިލިއަން ޑޮލަރު. މިއީ މި ކާމިޔާބީއަކީ،" އަމީލް ވިދާވެފައިވެ އެވެ.

އިންޝުއަރެންސުގެ ދާއިރާއިން ވިޔަފާރީގެ ގޮތުން ކާމިޔާބު ހަރުފަތް ތަކެއް ކަޑައްތު ކުރިއިރު އެ ކުންފުނި ވަނީ ރާއްޖެ އަށް އާ އެތައް ކަމެއް ކޮށްދީފަ އެވެ. ދުނިޔޭގެ ބޮޑެތި އިންޝުއަރެންސް ކުންފުނިތައް ރާއްޖޭގައި ތިބިނަމަވެސް، އެ މީހުންނަށްވުރެ ކުރިއަށް ނުކުމެފަ އެވެ. މިގޮތުން ހުރިހާ ވިޔަފާރިއަކަށް އެލައިޑުގެ އިންޝުއަ ޕެކޭޖުތައް މިހާރު ލިބެ އެވެ. އަދި އާއިލާތަކާއި ވަކިވަކި މަސައްކަތްތެރިނާ ހަމައަށް ވެސް އެލައިޑު ފޯރައިފި އެވެ. އިސްލާމިކް ވިންޑޯއެއް ހުޅުވައިފި އެވެ. މީގެ އިތުރުން ދުނިޔެއާ އެއް ހަމައަށް ފައި ނެގުމަށްޓަކައި އިންޓަނެޓު މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މިހާރު އެލައިޑުގެ ހިދުމަތް ހޯދެ އެވެ. އިންޝުއަރެންސްގެ މައުލޫމާތު ސާފު ކުރަން ބޭނުންނަމަ "1600" އާ ގުޅާލުމުން ނިމުނީ އެވެ.

އެލައިޑުން މިއަދު 34 އަހަރު ފާހަގަ ކުރަމުންދާއިރު، އެ ކުންފުނީގެ މިހާރުގެ އަމާޒު ހުރީ މުޅިންއާ ދިމާލަކަށެވެ. މިހާރު މަސައްކަތް ކުރަނީ ރާއްޖޭން ބޭރުގައި ވިޔަފާރި ފުޅާ ކުރުމަށެވެ.