ދުނިޔެ

އެހީގެ ޕްރޮގްރާމާ ދެކޮޅުވެއްޖެ ނަމަ ޔޫރޯޒޯނުން ބޭރުވާނެ ކަމުގެ އިންޒާރު ގްރީސް އަށްދީފި

Jun 30, 2015

ބައިނަލްއަގުވާމީ ފަރާތްތަކުން ގްރީސް އަށް ދޭ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު އަންނަ އާދިއްތަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އެ ކަމާ ދެކޮޅު ހަދައިފި ނަމަ ޔޫރޯޒޯނުން ގްރީސް ބޭރުވުން ނޫން ގޮތެއް ނޯންނާނެ ކަމުގެ އިންޒާރު ޔޫރަޕްގެ ވެރިން މިއަދު ދެއްވައިފި އެވެ.

ޖަރުމަނާއި ފްރާންސާއި އިޓަލީގެ އެންމެ އިސް ވެރިން ވަނީ އެ ފަރާތްތަކުގެ ހުށަހެޅުމަށް އާނ ބަސް ބުނަން ގްރީސްގެ ރައްޔިތުންނަށް ގޮވާލާފަ އެވެ. އެހެން ނޫން ނަމަ، އެހީގެ މުއްދަތު ހަމަވެ، ޔޫރޯ ބޭނުންކުރުން ހުއްޓާލަން ޖެހި، ބޮޑެތި އިގްތިސާދީ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އެ ބޭފުޅުން ދެއްވި އެވެ.

 ޔޫރަޕްގެ އެންމެ ބޮޑެތި ބާރުތަކުގެ ވެރިން އެ ގޮތަށް އިންޒާރު ދެއްވާފައި މި ވަނީ ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުންދާ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން މިދިޔަ ހޮނިހިރު ދުވަހު ނިންމާފައި ވެސް ވަނިކޮށެވެ.

ބޭރުގެ ފަރާތްތަކުން އެ ގޮތަށް ނިންމީ ގްރީސް އަށް ދޭ އެހީގެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ހޮނިހިރު ދުވަހު ނިންމާލައި، މި މަހުގެ ނިޔަލަށް މުއްދަތު ހަމަވާ އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެވެ.

 އަންނަ އާދިއްތަ ދުވަހު ނަގަން ނިންމާފައިވާ އެ ވޯޓަށް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ރުހުން ދީފަ އެވެ. އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ)ން ވެސް ވަނީ ދަރަނިވެރިވުމުގެ ބިރު ހީވެފައިވާ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ.

އީސީބީން ނިންމާފައި ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރުމަށެވެ. އެ ގޮތަށް ނިންމިޔަސް، ގްރީސްގެ މަރުކަޒީ ބޭންކާ އެކު އިތުރަށް މަސައްކަތް ކުރަން ތައްޔާރު ކަމަށާއި އެ ނިންމުން އަލުން

މުރާޖައާކުރުމަށް ވެސް ތައްޔާރަށް އޮތް ކަމަށް އީސީބީން ބުނެފައިވެ އެވެ. އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން މިދިޔަ ހަފުތާއެއްހާ ދުވަހު ތޮއްޖެހިފައި އޮތް ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ދަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ .އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެކަމުގެ ނަތީޖާއަކަށް ވާނީ ގްރީސް ޔޫރޯޒޯނުން ބޭރުވެ، ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރަން ހުއްޓާލަން ޖެހުމެވެ.

އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕްގެ އިއްތިހާދު (އީޔޫ)އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. ޔޫރަޕިއަން ޔޫނިއަން މެދުވެރިވެގެން، ޔޫރަޕިއަން ސެންޓްރަލް ބޭންކާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވާން ކައިރިވެފައި ވާއިރު، މާދަމާގެ ކުރިން ގްރީސް އިން 1.7 ބިލިއަން ޑޮލަރު އައިއެމްއެފް އަށް އަނބުރާ ދައްކަންޖެހެ އެވެ. އެ އަދަދު ދައްކާނެ ފައިސާ އެއްކުރާނެ ގޮތަކާ މެދު ޝައްކު އުފެދިފައި ވާއިރު، އެ ފައިސާނުދައްކައިފި ނަމަ އެ ގައުމު ދަރަނިވެރިވާނެ އެވެ. އެއިރުން ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވުމުގެ ފުރުސަތު އެބައޮތެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެއިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.