ދުނިޔެ

އިންޑިއާގެ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލު އަޑިން ކޮނެގެން އަލަށް ގައިދީންތަކެއް ފިލައިފި

Jun 30, 2015

އިންޑިއާގައި އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޖަލުގެ ބިމު އަޑިން ބިންގަރާސް މަގެއް ކޮނެގެން ދެ ކުށްވެރިއަކު ފިލައިފި އެވެ.

ދިއްލީގެ ތިހާރު ޖަލުގެ ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް މުކޭޝް ޕްރަސާދު އިއްޔެ ވިދާޅުވި ގޮތުގައި ވައްކަމުގެ ކުށުގެ ދައުވާގެ ޝަރީއަތް ފަށަންދެން ޖަލު ބަންދުގައި ތިބި ފައިޒާން އާއި ޖާވިދު ޖަލުގައި ނެތްކަން އެނގުނީ އާދިއްތަ ދުވަހު ހެނދުނު އާދައިގެ މަތިން ކުރި އިންސްޕެކްޝަންގައި އެ މީހުން ފެންނަން ނެތުމުންނެވެ. އެ ދެ މީހުން ފިލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ނޫނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޕްރަސާދު ވިދާޅުވި އެވެ.

ޕްރަސާދު ވިދާޅުވީ ހަތިޔާރު އެޅި ގާޑުންނާއި އެތައް ސަތޭކަ ކެމެރާތަކެއް ހުރި ޖަލުން ފަރުޒާން އާއި ޖާވިދު ފިލި ގޮތް ހޯދުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަަމަށެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށާއި އޭނާއާ ސުވާލުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ފިލި ގޮތް ނިންމަން އަދި މާ އަވަސް. އެކަމަކު އެކަން އަހަރުމެން ހޯދާނަން،" އޭނާ ވިދާޅުވި ކަމަށް އޭއެފްޕީ ނޫސް އެޖެންސީންބުންޏެވެ.

އެހެން ނަމަވެސް، ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނި ގޮތުގައި ފައިޒާން އާއި ޖާވިދު ފިލީ އެ މީހުން ތިބި ގޮޅި ހުންނަ ޖަލު އިމާރާތުގެ ފާރު މަތިން ފިރުކެމުން ގޮސް ޖެހިގެން ހުރި ޖަލު އިމާރާތުގެ ތެރެއަށް ފުންމާލުމަށް ފަހު، އެ އިމާރާތުގެ އިން ފާރުގެ އަޑިން ބިންގަރާސް މަގެއް ކޮނެގެންނެވެ. އެ މަގުން ކުރިއަށް ގޮސް، މަގުމައްޗަށް ނުކުމެފައި ވަނީ ފާހާނާ ހޮޅިއެއްގެ ތެރެއިން ލާފައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން މިއީ ބިންގަރާސް މަގެއް ކޮނެގެން ތިހާރު ޖަލުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.

މުޅި އޭޝިއާގައި ވެސް ހުރި އެންމެ ބޮޑު މި ޖަލުގެ ކެޕޭސިޓީ އަކީ 6،250 އެވެ. އެކަމަކު، ގާތްގަނޑަކަށް 13،500 ގައިދީން މިހާރު ވެސް އެ ޖަލުގައި އެބަތިބި ކަމަށް ހިސާބުތައް ދައްކަ އެވެ.