ވިޔަފާރި

އެލައިޑުގެ ބްރޭންޑް އެމްބެސެޑަރަކަށް ނަހޫ

އެލައިޑް އިންޝުއަރެންސުގެ ބްރޭންޑް އެމްބެސެޑަރަކަށް، އެ ކުންފުނީގެ އިޝްތިހާރުތަކުން މަޝްހޫރުވި ނަހުޒާން އަހުމަދު ހުސެއިން (ނަހޫ) ހަމަޖައްސައިފި އެވެ.

އެލައިޑުގެ 34 ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ރޭ ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް" ގައި ނަހޫއަށް ބްރޭންޑް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ އެލައިޑުގެ ކުރީގެ އެމްޑީ އަހުމަދު އަމީލެވެ. އެ ލިއުމާ ހަވާލުވީ ނަހޫގެ ބައްޕަ އާއި މަންމަ އެވެ.

އެލައިޑުގެ ބްރޭންޑް އެމްބެސެޑަރުކަން ލިބުމާއެކު ނަހޫއަށް އެއް އަހަރު ދުވަހުގެ ހިލޭ އިންޝުއަރެންސާއި ކިޔެވުމުގެ ބައެއް ހަރަދުތައް ވެސް އެ ކުންފުނިން ދޭނެ އެވެ.

ވ. ކެޔޮދޫ ސްކޫލުގައި ކިޔަވަމުން ގެންދާ ނަހޫ، އާއްމުންގެ މަގުބޫލުކަން ހޯދީ، އެލައިޑުން މޯލްޑިވިއަން އައިޑޮލްގެ ޓައިޓަލް ސްޕޮންސާ ނަގައި އޭގައި ދެއްކި އިޝްތިހާރު ތަކުގެ ސަބަބުނެވެ. އެ އިޝްތިހާރުތަކުގައި ނަހޫ ދެއްކި ކުޅަދާނަ ކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލްކަން އޭނާ ހޯދި އެވެ. އަދި ފަހުން އޭނާ ވަނީ މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު މަތިންވެސް ފެނިފަ އެވެ.