ބޮލީވުޑް

ރާނީ ލަކްޝްމީބާއީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ކަންގަނާ

Jul 1, 2015

“ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ގެ ކާމިޔާބީ އާއިއެކު ބޮލީވުޑްގެ ރަނިކަން ކުރަމުން އަންނަ ކަންގަނާ އަކީ ރާނީ ލަކްޝްމީބާއީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލުކުޅެން އެންމެ އެކަށީގެންވާ މީހާ ކަމަށް އެފިލްމުގެ އުފައްދާ ޑައިރެކްޓަރު ކޭތަން މެހްތާ ބުނެފި އެވެ.

ކަންގަނާ ނޫން އެހެން މީހަކަށް މިރޯލު ނުކުޅެވޭނެ ކަމަށް ބުނަމުން ކޭތަން ބުނެފައިވަނީ ކަންގަނާ އަކީ މިވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން މިރޯލަށް އެންމެ އެކަށޭނެ މީހާ ކަމަށެވެ. އެގޮތުން ކަންގަނާ މިހާރު މިފިލްމުގެ ސްކްރިޕްޓް ކިޔައި ފިލްމު ކުޅެން އާނބަސް ބުނެފައިވާ ކަމަށެވެ.

“މި ރޯލު ކުޅެވޭނެ ހަމައެކަނި މީހަކީ ކަންގަނާ" ކޭތަން ބުނެފައިވެ އެވެ.

މިފިލްމުގައި ކުޅޭ ރޯލަށް ފިޓް ވުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ކަންގަނާ އަސް ދުއްވުމަށް ދަސްކުރުމުގެ ގޮތުން ހާއްސަ ޓްރެއިނިން އެއް ހެދުމުގެ އިތުރުން ސްވޯޑް ފައިޓިން ވެސް ދަސްކުރާނެ އެވެ.

މިއީ 2005 އަހަރު ނިކުތް ފިލްމު "މަންގަލް ޕާންޑޭ: ދަ ރައިޒިން" އަށް ފަހު އިންޑިއާ މިނިވަން ވުމުގެ ކުރީގައި އުޅުނު މީހެއްގެ ހަޔާތުގެ މައްޗަށް ކޭތަން އުފައްދާ ދެވަނަ ފިލްމެވެ.

މިފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިން އަދި ހަމަޖެހިފައިނުވާއިރު، ކަންގަނާ އާއި އެކު މުހިންމު ރޯލަކުން ހޮލީވުޑްގެ މަޝްހޫރު ތަރި ހިއު ގްރޭންޓް ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަތަކައާއި ގުޅިގެން ކޭތަން ބުނެފައިވަނީ ފިލްމަށް ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ތަރިން ހަމަޖެހުމުން އެކަން އިއުލާން ކުރާނެ ކަމަށެވެ.

“މިރްޗް މަސާލާ" ، "މަޔާ މޭމްސާބް" އަދި "ރަންގް ރަސިޔާ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކޭތަން އިތުރަށް ބުނީ މިފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އިތުރަށް މިފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ކޭތަން ބުނީ ރާނީ ލަކްޝްމީބާއީ އަކީ އޭނާ ހަޔާތުގައި އާދަޔާ ހިލާފު އަންހެނުންގެ ތެރެއިން އެފަދަ އަންހެނެއްގެ ވާހަކަ އަޑުއަހާފައިވާ މީހެއްގެ ވާހަކަ ކަމަށެވެ. އަދި އިންޑިއާގެ މިނިވަންކަމަށް ބޮޑު މަސައްކަތެއް ކޮށްފައިވާ އަންހެނެއްގެ ވާހަކަ ފިލްމެއްގެ ސިފައިގައި އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ ބޮޑު އުނދަގޫ ޗެލެންޖިން މަސައްކަތެއް ނަމަވެސް އެފަދަ ޗެލެންޖެސް ތަކަކީ ރަނގަޅު ކަމެއް ކަމަށެވެ.

“މިފިލްމުގެ މަސައްކަތް ކުރަން ފަށާތީ އަހަރެން މިހިރީ ވަރަށް އުފަލުން" ބައޮޕިކް އުފައްދަން ޝައުގުވެރިކަން ހުންނަ ކަމަށް ބުނަމުން ކޭތަން ބުންޏެވެ.

"ޖާނސީ ކީ ރާނީ ގޮތުގައި މަޝްހޫރުވެފައިވާ ރާނީ ލަކްޝްމީބާއީ އަކީ އިންޑިއާގެ އުތުރުގައި އޮންނަ ޖާނސީ ސްޓޭޓް ކިޔާ ސަރަހައްދެއްގައި ރަސްކަން ކުރި ރާނީ އެކެވެ. އޭނާ މަޝްހޫރުވެފައިވަނީ އިންޑިއާ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި އޮތްއިރު، އިނގިރޭސިންނާއި ހަނގުރާމަކުރި ފަހުލަވާނެއްގެ ގޮތުގަ އެވެ.