މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޑިސެމްބަރު މަހު ކުޑަކުދިންނާ ގުޅޭ 131 މައްސަލަ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޑަކުދިންނާ ގުޅުން ހުރި 131 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި މިއީ މިދިޔަ ޑިސެމްބަރު އެމިނިސްޓްރީ އަށް ހުށަހެޅުނު މައްސަލައް ތަކުގެ 40 އިންސައްތަ އެވެ. އެ މިނިސްޓްރި ޑިސެމްބަރު މަހު ރިޕޯޓް ކޮށްފައިވަނީ 290 މައްސަލައް އެވެ.

ކުޑަ ކުދިންނާ ގުޅޭ މައްސަލައްތަކުގެ ތެރެއިން އިހްމާލުވި ކަމުގެ 48 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ޖިސްމާނި އަނިޔާކުރުމުގެ 39 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. ޖިންސީ އަނިޔާގެ 23 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ ފަސް މައްސަލައެއް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.

މީގެ އިތުރުން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ކުދިން ދޫކޮށް ދިޔުމުގެ ހަތަރު މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އަދި ގެވެށި އަނިޔާ ކުރުން ނުވަތަ އަނިޔާ ކުރާ މަންޒަރު ކުޑަކުދިންނަށް ދެއްކުމުގެ ފަސް މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމާއި އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރުމުގެ އެއް މައްސަލައެއް ވަނީ ރިޕޯޓް ކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު، މަހު އެންމެ ގިނައިން ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނާ ގުޅުންހުރި އާއިލީ މައްސަލަތަކެވެ. އެގޮތުން އާއިލީ މައްސަލަތަކުގެ 50 ރިޕޯޓް އެމިނިސްޓްރީ އަށް ވަނީ ކޮށްފަ އެވެ.

ހައްގުތަކުން މަހުރޫމް ކުރުމާއި، ކުޑަކުދިން ކުރާ ކުއްތަކާ ގުޅޭ ހިސާބުތަށް ވެސް މިނިސްޓްރިން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ހައްގުން މަހްރޫމް ކުރުމުގެ ތިން މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ 15 މައްސަލައެއް ރިޕޯޓް އަދި އަހްލާގީ ދިހަ މައްސަލައެއް ރިޕޯޓް ކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު އެހެން މައްސަލަތަކަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 45 މައްސަލެއް ވަނީ ރިޕޯޓް ކޮށްފަ އެވެ. ނުކުޅެދުންތެރިކަން ހުންނަށް މީހުނާ ގުޅޭގޮތުން 31 މައްސަލައެއް އަދި އަމިއްލަށް ނަފްސަށް ގެއްލުން ދިނުމުގެ ފަސް މައްސަލައެއް މިދިޔަ ޑިސެމްބަރު މިނިސްޓްރީ އަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.