ދުނިޔެ

ލޯން ނުދެއްކި ގްރީސް ދަރަނިވެރި ވެއްޖެ، ޔޫރަޕުން އެހީ އިތުރުކޮށެއް ނުދިން!

Jul 1, 2015

އިގްތިސާދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯން ދައްކަން އިއްޔެގެ ނިޔަލަށް ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްވި އެ ގައުމު ދަރަނިވެރިވެއްޖެ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.

އައިއެމްއެފްގެ ތަރުޖަމާނު ގެރީ ރައިސް ވިދާޅުވި ގޮތުގައި ގްރީސް ދަރަނިވެރިވެފައިވާ ކަމަށް ނިންމައި އެކަން އެ އިދާރާގެ އެގްޒެކެޓިވް ބޯޑަށް ވަނީ މިހާރު އަންގާފަ އެވެ. އަދި ގްރީސް އަށް އިތުރު އެއްވެސް މާލީ އެހީތެރިކަމެއް ދެވޭނީ އެ ދަރަނި އަދާކުރުމުން ކަމަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯނުގެ މުއްދަތު އިތުރުކޮށްދޭން ސުންގަޑި ހަމަވާން ކުޑަތަންވެފައި ވަނިކޮށް ގްރީސް އިން ހުށަހެޅި. އެ ހުށަހެޅުން ބޯޑަށް ގެންދަން އޮންނަ އުސޫލުގެ ދަށުން ހުށަހަޅާނަން،" ގެރީ ވިދާޅުވި އެވެ.

ގްރީސް ވެފައި ވަނީ އައިއެމްއެފަށް ދައްކަންޖެހޭ ދަރަންޏެއް މުއްދަތުގެ ކުރިން އަދާ ނުކުރެވި ދަރަނިވެރިވި ކުރިއަރާފައިވާ ހަމައެކަނި ގައުމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ފަރާތްތަކުން ގްރީސް އަށް ދޭ އެހީގެ ޕްރޮގްރާމްގެ މުއްދަތު ވެސް އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެ ޕްރޮގްރާމް އިތުރު ނުކުރަން ނިންމާފައި އޮތް ނިންމުން އެ ގޮތުގައި ދަމަހައްޓަން ޔޫރަޕްގެ ގައުމުތަކުން ވަނީ ސުންގަޑީގެ އިރުކޮޅެއް ކުރިން ވެސް ނިންމާފަ އެވެ.

އެހެންވެ، ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތުމުން، ގްރީސްގެ ސަރުކާރުން ވަނީ މުޅިން އާ 29.1 ބިލިއަން ޔޫރޯގެ އެހީގެ ޕްރޮގްރާމެއް ހަމަޖައްސައި ދިނުމަށް ސުންގަޑި ހަމަވާން އިރުކޮޅަކަށް ވެފައި ވަނިކޮށް ޔޫރަޕްގެ ގައުމުތަކަށް ހުށަހަޅާފަ އެވެ. ޔޫރޯޒޯންގެ މިނިސްޓަރުން އެ ހުށަހެޅުމާ މެދު މިއަދު ބަހުސްކުރައްވާނެ އެވެ.

ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން އެންމެ ފުރަަތަމަ ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ ގޮތަށް ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ހޮނިހިރު ދުވަހު ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެވެ.

އަންނަ އާދިއްތަ ދުވަހު ނަގަން ނިންމާފައިވާ އެ ވޯޓަށް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ރުހުން ދީފަ އެވެ. އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ)ން ވެސް ވަނީ ދަރަނިވެރިވުމުގެ ބިރު ހީވެފައިވާ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ.

އީސީބީން ނިންމާފައި ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރުމަށެވެ. އެ ގޮތަށް ނިންމިޔަސް، ގްރީސްގެ މަރުކަޒީ ބޭންކާ އެކު އިތުރަށް މަސައްކަތް ކުރަން ތައްޔާރު ކަމަށާއި އެ ނިންމުން އަލުން މުރާޖައާކުރުމަށް ވެސް ތައްޔާރަށް އޮތް ކަމަށް އީސީބީން ބުނެފައިވެ އެވެ.

އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން މިދިޔަ ހަފުތާއެއްހާ ދުވަހު ތޮއްޖެހިފައި އޮތް ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ދަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ .އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.