ހަބަރު

އަމިއްލަ އެދުން ނެތީ އެމްޑީޕީ ކެންޑިޑޭޓުންގެ: ނަޝީދު

ރައްޔިތުންގެ އުއްމީދުތަކާއި އެދުންތަކަށް މަސައްކަތް ކޮށް ދޭނީ އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ބޭއްވި އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހަކަށް ވާނެ ކަމަށާއި އެ މަޖިލީހަކީ އެމްޑީޕީގެ އެޖެންޑާ ތަންފީޒު ވެގެންދާނެ މަޖިލީހެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ އެދޭ ގޮތަށް ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރުމަށް ކަންކަން ނިންމަން ޖެހޭ ބައެއް ކަމަށެވެ.

"މެންބަރުން ނިންމަން ޖެހޭނީ އެންމެ ކަމެއްގެ މައްޗަށް، އެއީ ތިޔަ ބޭފުޅުން ބޭނުންވާ ކަންކަން ތިޔަބޭފުޅުންގެ އެދުންތައް ތިޔަ ބޭފުޅުން ބޭނުންވާ ކަންކަމުގެ މައްޗަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރާނެ ބަޔަކު އެމްޑީޕީ ކެންޑިޑޭޓުން މެނުވީ ނުތިބޭނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެ ޕާޓީގެ ކެންޑިޑޭޓުން އެމަނިކުފާނާ ވެސް އެކުގައި މަޖިލީހަށް އިންތިހާބުކޮށް ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުންނެއް އަމިއްލަ މަސްލަހަތެއް ހިމާޔަތެއް ނުކުރާނެ، ހިމާޔަތް ކުރާނީ ތިޔަބޭފުޅުންގެ މަސްލަހަތު، ތިޔަ ބޭފުޅުންގެ މަޖިލީހަކަށް ހަދާނަން، އެ މަޖިލީހަކީ ރައީސް ސޯލިހުގެ ވައުދުތައް ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދާނެ މަޖިލީހަކަށް ވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިރޭ ރައީސް ނަޝީދު ވަނީ އެމްޑީޕީއިން އަންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބައެއް ކަންކަން ވިދާޅުވެފަ އެވެ. އެކަންކަމަކީ އެ ޕާޓީއިން އާންމުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަންކަމެވެ. އޭގެ ތެރެއިން އެންމެ ކުޑަ އުޖޫރަކީ 6،000 ރުފިޔާއަށް ހެދުމާއި ރަށްތައް ލާމަރުކަޒީ ނިޒާމްގެ ތެރެއިން ހިންގައި ކައުންސިލްތަކަށް ބާރު ދެއްވާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ވާނެ ކަމަށެވެ. އެ މަޖިލީހަކީ ވަގުންނާއި ހިޔާނަތްތެރިން ތިބޭނެ މަޖިލީހެއް ނޫން ކަމަށެެވެ. ގޯނި ގޯނީގައި ފައިސާ ބެހި ކަމަށް ބުނާ މީހުން އެ މަޖިލީހުގައި ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.