ޗިލީގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ދެވަނަ ސެމީ ފައިނަލްގައި ރޭ ޕެރަގުއޭ އަތުން 6-1 އިން މޮޅުވެ، އާޖެންޓީނާ މުބާރާތުގެ ފައިނަލް އިން މިއަދު ޖާގަ ހޯދައިފި އެވެ.
މެޗުގެ 15 ވަނަ މިނިޓުގައި އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ ޑިފެންޑަރު މާކޮސް ރޯހޯ އެވެ. އަދި އާޖެންޓީނާގެ ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި ޖެހީ ހަވިއޭ ޕަސްޓޯރޭ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޕެރަގުއޭގެ ލޫކަސް ބަރިއޮސް ވނަީ ލަނޑެއް ޖަހައި ޕެރަގުއޭގެ އުންމީދު އާކޮށްފަ އެވެ. އެ ލަނޑާއެކު ޕެރަގުއޭ އިން ފުރަތަމަ ހާފުގައި ބާކީ އޮތް ވަގުތުކޮޅުގައި އާޖެންޓީނާ އަށް ޕްރެޝަރުކުރި އެވެ.
އެކަމަކު ދެވަނަ ހާފު ކުޅެން ފެށިތާ މާގިނައިރުތަކެއް ނުވެ، އަންހެލް ޑިމަރިއާ ވަނީ ލަނޑެއް ޖަހައި އާޖެންޓީނާގެ ލީޑު ފުޅާކޮށްފަ އެވެ. އަދި ދެވަނަ ހާފުގައި ބާކީ އޮތް ވަގުތުގައި ޑިމަރިއާ އާއި ސާޖިއޯ އަގުއޭރޯ އަދި ގޮންޒާލޯ ހިގުއައިން ވަނީ އާޖެންޓީނާ އަށް އިތުރު ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި މުބާރާތުގެ ފައިނަލްގައި ހޮނިހިރު ދުވަހުގެ ރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗިލީ އެވެ. އާޖެންޓީނާ އެންމެ ފަހުން ކޮޕާ އެމެރިކާގެ ފައިނަލްގައި ވާދަކުރީ 2007 ވަނަ އަހަރެވެ. އާޖެންޓީނާ އެންމެ ފަހުން ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކުރީ 1993 ވަަނަ އަަހަރެވެ.