ހަބަރު

ޕީޕީއެމާއި ޕީއެންސީ ކޯލިޝަން ހަދައި، އެކުގައި އިންތިހާބަށް

އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ކޯލިޝަން ހަދައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ޕާޓީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. އަދި ކޮންގްރެސް ޕާޓީއިން ސޮއި ކުރީ އެ ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ، އަދުރޭ އެވެ.

ސޮއި ކުރެއްވުމަށްފަހު އަދުރޭ ވިދާޅުވީ، ދެ ޕާޓީއަކީ އެއް ވިސްނުމެއްގައި އެއް ފިކުރެއްގައި އެއް އަޒުމެއްގައި މަސައްކަތްކުރާ ދެ ޕާޓީ ކަމަށާއި ދެ ނަމެއްގައި މަސައްކަތް ކުރި ނަމަވެސް އެއް ޕްލެޓް ފޯމެއްގައި މަސައްކަތް ކުރާނެ ދެ ޕާޓީ ކަމަށެވެ. އަދި ދެ ޕާޓީގެ ފިކުރަކީ އެއް ފިކުރެއް ކަމަށާއި އެއީ ރައީސް ޔާމީންގެ ސިޔާސަތުތައް ދެމެހެއްޓުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދެ ޕާޓީން ވެސް މަސައްކަތް ކުރާނީ އުސޫލުތަކެއް ދަމަހައްޓަން ކަމަށާއި އެއީ ގައުމިއްޔަތާއި ދީނާއި ރައްޔިތުންނަށް މުހިންމުވާ ކަންތައްތައް ދެމެހެއްޓުން ކަމަށެވެ. އަދި އެ ދެ ޕާޓީއަކީ އެއް ފިކުރަކަށް މަސައްކަތްކުރާ އެއް މިސްރާބަކަށް ދަތުރުކުރާ ދެ ޕާޓީި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ދެ ޕާޓީއިން ނިންމާފައިވަނީ މަޖިލިސް އިންތިހާބަށް ކޯލިޝަންގެ ތެރެއިން ނިކުތުމަށެވެ. އެގޮތުން މިރޭ ވަނީ އެ ކޯލިޝަނުން އިތުރު 10 ފަރާތަކަށް ޓިކެޓް ދީފަ އެވެ. ދެ ޕާޓީގެ ކޯލިޝަނުން މިހާތަނަށް 63 ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށް ވަނީ ނިންމާފަ އެވެ. އަދި ބާކީ ހުރި ދާއިރާތަކުގެ ކޮންގްރެސް ބާއްވާނެ ކަމަށާއި މާދަމާ އެދާއިރާތައް އިއުލާން ކުރާނެ އެވެ.