ހަބަރު

އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދިދާނެ: ޔާމީން

ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއެކު ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް ކޯލިޝަން ހަދަން ވާހަކަ ދައްކަން އުނދަގޫ ވާނީ އެމްޑީޕީއާ ކަމަށް ކުރީިގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައި މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި މަޝްވަރާ ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ޕާޓީއަކާއެކު ވެސް މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އުނދަގޫވާނީ އެމްޑީޕީއާއެކު މަސައްކަތް ކުރަން ކަމަށާއި އެއީ ތަފާތު ދެ ފިކުރުގެ ދެ ޕާޓީއަށްވާތީ ކަމަށެވެ.

"އަޅުގަނޑަށް ޕާޓީއެއްގެ ލީޑާޝިޕްގައި ހުރެގެން އަޅުގަނޑާއި ކޯލިޝަން ހަދަން ވާހަކަ ދައްކަން އުނދަގޫ ވާނީ އެމްޑީޕީއާ، އެއީ މީ ތަފާތު ދެ ފިކުރު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މައުމޫނާއެކު ކޯލިޝަން ހައްދަވައިފާނަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން ވެސް ޕާޓީއެއް ހެދުމުން ކޯލިޝަން ހަދަން ބޭނުންވާނަމަ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީ ހަދަން ލައްކަ ވަގުތު ނަގައިފި ނޫންތޯ، އެހެންވީމަ ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް އަޅުގަނޑުމެންނާ ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ވީ ކޭން ސިޓްޑައުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަޖިލިސް އިންތިހާބަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވެސް ވަނީ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ، ކޯލިޝަންއާއެކު ސާބިތުވެ ހުންނަވާނެ ކަމަށާއި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކު އެއްބަސްވެވޭ ކޮންމެ ގޮތަކަށް ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އިތުރު ޕާޓީއަކާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.