ދުނިޔެ

އެމެރިކާ-ރަޝިޔާގެ ނިއުކުލިއާ ހަތިޔާރުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފި

ފިނި ހަނގުރާމައަށް ފަހު، ރަޝިޔާ އާއި އެމެރިކާއާ ދެމެދު އެކުލަވާލާފައިވާ މެދު ރާސްތާގެ ނިއުކުލިއާ ހަތިޔާރު އުފެއްދުން މަނާކުރާ އެއްބަސްވުން އުވާލަން އެމެރިކާއިން ނިންމައި، އެ އެއްބަސްވުމަށް އަމަލު ކުރުން ނިމުމަކަށް ގެނެސްފި އެވެ.

މީގެ 30 އަހަރުކުރިން ސޮއިކޮށްފައިވާ އެ އެއްބަސްވުމުގެ ދަށުން، މެދު ރާސްތާގެ ނިއުކުލިއާ މިސައިލް އުފެއްދުން ހުއްޓާލަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. އަދި މިއީ ޔޫރަޕްގެ ސުލްހައިގެ ނަމޫނާ އެއްބަސްވުމެއްގެ ގޮތުގައި ބަލާ އެއްބަސްވުމެކެވެ. މި އެއްބަސްވުން އުވާލަން ނިންމުމާ އެކު، އެމެރިކާ-ރަޝިޔާއާ ދެމެދު ހަތިޔާރުގެ ވާދަވެރި ހަނގުރާމައެއް ފެށި ދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެ އެއްބަސްވުން އުވާލަން ބަހަނާއެއްގެ ގޮތުން އެމެރިކާއިން ބުނަނީ، ރަޝިޔާއިން އެ އެއްބަސްވުމުގެ ބައެއް މާއްދާތަކާ ހިލާފުވެ ނިއުކުލިއާ މިސައިލް އުފައްދަމުން ދާ ކަމަށެވެ. އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލިކަން އިއުލާން ކުރައްވަމުން އެމެެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން އެއްބަސްވުމުގައިވާ ކަންކަމާ ހިލާފަށް ރަޝިޔާއިން ހަތިޔާރު އުފައްދަމުން އަންނަ ކަމަށެވެ. އަދި އެގްރިމަންޓް އަލުން ދަމަހައްޓަން ބޭނުން ނަމަ އެގްރިމަންޓާ އެގޮތަށް ރަޝިޔާއިން އަމަލު ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ރަޝިޔާއަށް ދޭ ކަންވެސް އޭނާ އިއުލާން ކުރެއްވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވީ އެއްބަސްވުމެއް އޮވެއްޖެ ނަމަ، ދެ ފަރާތުން ވެސް އެއްބަވުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެއް ފަރާތަކުން އެއްބަސްވުމަށް އިހުތިރާމް ކުރުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި އެއް ފަރާތުން އަމަލު ކުރާ އެއްބަސްވުމެއްގައި ދެމި ތިބެގެން، އެމެރިކާއިން އެކަނި ކަންތައްތަކެއް ގުރުބާން ކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، ރަޝިޔާ އާއި އެހެން ވެސް ދުނިޔޭގެ ބާރުތަކުން ބޭނުން ނަމަ އަލުން މަޝްވަރާކޮށްގެން އާ އެއްބަސްވުމެއް އެކުލަވާލަން އެމެރިކާ ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެ ތުހުމަތުތައް ދޮގުކުރަމުން ރަޝިޔާއިން ބުނީ، އެމެރިކާއިން އެޅި ފިޔަވަޅަކީ ރަޝިޔާގެ ކުށެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށާއި އެމެރިކާއިން ބޭނުން ވަނީ ރަޝިޔާ ބްލެކްމެއިލްކޮށްގެން ކަންތައްތަކެއް ހާސިލް ކުރަން ކަމަށެވެ. އަދި އެމެރިކާގެ އެ ނިންމުމުން ދޭހަކޮށްދެނީ އެ ގައުމުގެ ޒިންމާތައް އަދާނުކޮށް އެހެން މީހުން ކުށްވެރި ކުރަން އުޅުމުގެ އުސޫލު ކަމަށް ވެސް ރަޝިޔާއިން ބުންޏެވެ.

ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، މި އެއްބަސްވުމުގައި 1987 ވަނަ އަހަރު ސޮއިކުރެއްވީ އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން އެވެ. އަދި ރަޝިޔާގެ ފަރާތުން ސޮއިކުރެއްވީ، އޭރުގެ ސޯވިއެޓް ޔޫނިއަންގެ ލީޑަރު މިޚައިލް ގަރުބަޗޯފް އެވެ.