ހަބަރު

މަޖިލީހަށް ވާދަ ނުކުރަން ނިންމަވައި އާޒިމާ ޓިކެޓް ދޫކޮށްލައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމަވާ، ޕީޕީއެމްގެ ޓިކެޓު ދޫކޮށްލައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ ޓިކެޓު ދިން އިރު ރައީސް ޔާމީން ވަނީ ޕްރައިމަރީއަކާ ނުލާ އާޒިމާއަށް ނ. ހޮޅުދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް ޓިކެޓު އަަރުވައިފަ އެވެ. ނަމަވެސް ރޭ ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ބޭފުޅުން ކަމަށް ބުނެ އެ ދެ ޕާޓީ އިން އާންމު ކުރި ލިސްޓުގައި ހޮޅުދޫ ދާއިރާއަށް ވާދަ ކުރާނެ ކަމަށް ބުނެފައި ވަނީ އަހުމަދު ހަމްދާން ނާސިރު އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އާޒިމާ ވަނީ އެކަމަނާގެ ނަން އަނބުރާ ނަންގަވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެކަން ކުރެއްވީ އެކަމަށް އާޒިމާގެ ސިއްހީ ހާލަތު ތަން ނުދޭތީ އެވެ.

ޕީޕީއެމް އާއި ކޮންގްރަސް ޕާޓީ ވަނީ ކޯލިޝަނެއް ހަދައި މަޖިލީހުގައި ގުޅިގެން ވާދަ ކުރަން ނިންމަވައިފަ އެވެ. އެ ދެ ޕާޓީގައި ވެސް އިސްކޮށް އުޅުއްވަނީ ރައީސް ޔަމީން އެވެ. ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއިން ޖުމްލަ 63 ފަރާތަކަށް ވަނީ މަޖިލީހުގައި ވާދަކުރަން ޓިކެޓް ދީފަ އެވެ.