ވިޔަފާރި

މަަސް ފިހެ ދިނުން: ރޯދަމަހަށް މާރަނގަޅު ވިޔަފާރިއެއް!

Jul 1, 2015
1

ގޭގައި ހުސް ތަންކޮޅެއް އެބަ އޮތް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިޔަ ނިމުނީ އެވެ. ދެން ބޭނުންވަނީ ހިތް ވަރަކެވެ. މި ވިޔަފާރި ކުރެވިދާނެ އެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ބޭނުންވާ މަސް ފިހެ ދިނުމުގެ މަސައްކަތެވެ. މި "ވިޔަފާރި" ކުރާ ގޭގެ މި ރޯދަ މަހު މާލޭގައި ވަރަށް ގިނަ އެވެ.

"ވަރަށް ރަނގަޅު. ފިހާ ވަރަކަށް ވިކެމުން ދަނީ. ރޯދަ ވީއްލާ ގަޑި ޖެހޭއިރަށް ހުރިހާ މަހެއް ހުސްވޭ،" މަސް ފިހުމުގެ ހިދުމަތް ދޭ ގެއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކޮންމެ މީހަކީ ތާޒާކޮށް މަހެއް ފިހެލައިގެން ކާލެވޭނެ މީހެއް ނޫނެވެ. ސަބަބަކީ މާލޭގެ ގޭގެ ދަތިކަމެވެ. މި ދަތިކަމުގެ ސަބަބުން ބާބެކިޔު ހަދައިގެން މަހެއް ފިހެލުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް މަސް ފިހެދޭ ގޭގެއިން އެކަން ކޮށްދެނީ ވަރަށް "ޕްރޮފެޝަނަލް" ކޮށެވެ. ދިވެހި މިރުސް ގަނޑުގައި ފިހެލާފައި ހުންނަ މަސް ހާދަ މީރެވެ. އެހެންކަމުން ފިނުނު މަސް ގަންނަން މީހުން ހަވީރު އަތަށް އަޅާއިރަށް މި ގޭގެ ހޯދަން ދުއްވަން ފަށަ އެވެ.

މި ހިދުމަތް ދޭ މީހުން ބުނާ ގޮތުގައި އިސްތިހާރު ނުކުރިއަސް ވިޔަފާރި ވަރަށް ރަނގަޅެވެ.

"އަހަރެމެންގެ ޓާކެޓަކީ ދުވާލަކު 100 އަށްވުރެ ގިނަ މަސް ވިއްކުން. ވަރަށް ބޮޑު ޑިމާންޑެއް އޮވޭ،" މއ. ސްކޫޕް ގޯޅިގަނޑު ކައިރީގައި ހުންނަ ގެއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރޯދަ މަހަކީ މަހުގެ އަގު އިންތިހާއަށް އުފުލިގެން ދާ ދުވަސް ވަރެކެވެ. މުށުތެރެ އަށް ކިރިޔާ ލެވޭ ވަރުގެ ދޮން މަހެއް ރޯދަ މަހު މާލޭ މަސް މާރުކޭޓުން ވިއްކަނީ 10ރ. އަށެވެ. ނަމަވެސް މަސް ފިހުމުގެ ހިދުމަތް ދޭ ބައެއް ގޭގެއިން ވިއްކާ މަހުގެ އަގު ބޮޑެއް ނޫނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

"އާއްމުކޮށް މަސް ގަންނާތީ އަގު ހެޔޮކޮށް މަސް ލިބޭ. ކުޑަ މަހެއް މި ވިއްކަނީ 25ރ. އަށް. ބޮޑު މަހެއް މި ވިއްކަނީ 130ރ. އާއި 140ރ. ވަރަށް،" މަސް ފިހެދޭ ގެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި އަގުގައި ވިއްކާނަމަ މި މަސައްކަތުން ރަނގަޅު އާމްދަނީއެއް އެ މީހުންނަށް ލިބޭނެ އެވެ. މި ހިދުމަތް ދޭ ގޭގެ އިން ބުނާ ގޮތުގައި ކޮންމެ ދުވަހެއްގެ ހަރަދު ކެނޑުމަށްފަހު ދުވާލެއްގެ މައްޗަށް 1،000ރ. އާއި 500ރ. އާ ދެމެދުގެ އާމްދަނީއެއް ލިބެ އެވެ. އެހެންކަމުން ރޯދަ މަހުގެ ކޮންމެ ދުވަހަކު މަސް ފިހެދޭނަމަ ރޯދަ މަސް ނިމޭއިރު އެންމެ މަދުވެގެން މި ގޭގެއަށް 15،000ރ. ވަރުގެ އާމްދަނީއެއް ލިބޭނެ އެވެ.

މި މަސައްކަތުން ލިބޭ އާމްދަނީ ބޮޑު ނަމަވެސް މިކަމުގައި ހުރި ގޮންޖެހުންތައް މަދެއް ނޫނެވެ. މިގޮތުން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނާށި އަންދައިގެން މަސް ފިހާއިރު އަރާ ދުމުން ސަބަބުން އަވައްޓެރިން ނަށް އުނދަގޫވުމެވެ. އެމީހުންގެ ނުރުހުން ލިބުނެވެ. މިކަމުގެ ޝަކުވާ ލިބުމެވެ. އަނެއް ގޮންޖެހުމަކީ މަސް ހޯދުމުގައި ދިމާވާ ދަތިކަމެވެ.

"ވަރަށް ބަލައިގެން މި އަންދަނީ. އެކަމަކު ވެސް ޝަކުވާ ލިބޭ،" މަސް ފިހާ ގެއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރޯދަ މަހާ ގުޅުންހުރި ހިދުމަތްތަކުން ކޮންމެ އަހަރު ވެސް "ސީޒަނަލް" ވިޔަފާރިތަކެއް އުފެދެ އެވެ. މި އަހަރު ވެސް އެކަން ދަނީ ފެންނަކުންނެވެ. މިއީ ވެސް އާމްދަނީ ލިބޭނެ ރަނގަޅު ވިޔަފާރިއެކެވެ.