ހަބަރު

ފީވަކު މީހަކަށް މިފަހަރު ހޮވުނީ 82 ކިލޯގެ މާވަހަރެއް

ށ. ފީވަކު މީހެއް 82 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.

ފީވަކު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އާދިލް މިއަދު "އަވަސް" އަށް ވިދާޅުވީ، އެރަށު ބްލޫހެވަން އަލި މަނިކު އެ މާވަހަރު ހޮވީ އިއްޔެގެ ހެނދުނު 6:15 ހާއިރު އެވެ. އަދި މާވަހަރު ފެނުނީ އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ށ. ނަލަންދޫ އާއި ފީވަކާ ދޭތެރޭ ކަނޑުއޮޅިން ކަމަށާއި އެންމެފުރަތަމަ މާވަހަރެއް ކަމަށް ބެލެވުމުން ޔަގީން ނުވެ އެ ހިފައިގެން އޭނާ ރަށަށް އައީ ކަމަށް މާވަހަރު ހޮވި ރަށުގެ ކައުންސިލަރު ބުނެ އެވެ.

މާވަހަރު ހޮވި އަލި މަނިކަކީ އަބަދުވެސް އެކަނި މަހަށް ދާ މީހެއް ކަމަށާއި، އެދުވަހުވެސް އޭނާ ދިޔައީ ކޮންމެ ދުވަހަކުހެން އޭނާގެ ޑިންގީގައި އެކަނި ކަމަށް ކައުންސިލުން ބުނެ އެވެ. އަދި އެ މާވަހަރު ހިފައިން ރަށަށް އައިސް، ކުރިން މާވަހަރު ފެނިފައި ތިބި މީހުންނަށް ދެއްކުމުން އެއީ މާވަހަރެއްކަން ޔަގީން ވުމުން، އަލި މަނިކު މިހާރު ހުރީ ވަރަށް އުފަލުން ނެވެ.
މާވަހަރު ހޮވި، އަލި މަނިކު މިހާރު މަސައްކަތް ކުރަނީ އެ މާވަހަރު ހިފައިގެން މާލެ އައިސް ޓެސްޓު ކުރުމަށެވެ. އަދި އޭނާގެ ހިޔާލަކީ އެންމެ ބޮޑު އަގު ކިޔާ މީހަކަށް އެ މާވަހަރު ވިއްކާލުން ކަމަށްވެސް ކައުންސިލުން ބުނެ އެވެ.

މީގެ ކުރިންވެސް ފީވަކުން ވަނީ މާވަހަރެއް ހޮވާފަ އެވެ. ފީވަކުން 2014 ވަނަ އަހަރު 300 ކިލޯގެ މާވަހަރު ހޮވީ އަލީ ޒަހިރާއި އޭނާގެ ދޯނީގެ ފަޅުވެރިންނެވެ.