ރިޕޯޓް

ނައިބު ރައީސް ހުންނެވީ ބޭރުގެ ނުފޫޒެއްގެ ތެރޭގައިތަ؟

ހުރިހާ ކަމެއް ހިނގައި ދިޔައިރު ވެސް ހަނު ހިމޭނުން ހުންނެވި ނައިބު ރައީސް ޖަމީލް "ތޮށިގަނޑު ފަޅާލާފައި" ނުކުމެ އެންމެ ފަހުން ބަސްފުޅު ވިދާޅުވެއްޖެ އެވެ. ތުހުމަތުތަކުން ބަރީއަ ވުމަށް ވުރެ އެމަނިކުފާނުގެ ހުއްޖަތަކީ ނައިބު ރައީސްކަމުން ބޭރު ކުރުމަށް މި ހިނގާ ކަންތައްތަކަކީ، މުޅިން އުސޫލުތަކުގެ ބޭރުން ހިނގާ ކަމެއްކަން ސާބިތުކޮށްދިނުމެވެ. އަމިއްލަފުޅަށް އަރުވާލެވިގެން ކަހަލަ ގޮތަކަށް ލަންޑަންގައި ހުންނަވައިގެން ޖަމީލް ވިދާޅުވަނީ މި އުޅެނީ "ދުސްތޫރީ ބަޣާވާތެއް" ގެންނަން ކަމަށެވެ. ދެން ގޮވާލައްވަނީ ބޭރުގެ ފަރާތްތަކުން އެ މައްސަލައިގެ ތެރެއަށް ވަނުމަށެވެ.

ނައިބު ރައީސް ލަންޑަނަށް ވަޑައިގަތީ ބޭރުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކަމަށް ބުނެ، ފަތުރާފައިވާ އަޑުތަކަށް މިހާރު ކޮންމެވެސް ވަރެއްގެ ބާރެއް އެބަ ލިބެ އެވެ. ނައިބު ރައީސްއަށް ކުރިމަތިވެފައި މިވާ ބޮޑު ކަންތައްގަނޑުން ސަލާމަތް ވުމަށް ނައިބު ރައީސް ހަތިޔާރަކަށް މި ހައްދަވަނީ، ބޭރުގެ ނުފޫޒުތައް ހެއްޔެވެ؟ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އާއި އެމްޑީޕީ ޗެއާ އަލީ ވަހީދު އާއި ޖޭޕީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދު ވެސް ހިޔާރު ކުރައްވާފައި ވަނީ އެ ގޮތެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ނައިބު ރައީސް ބޭރުގެ ބައެއް ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. އެގޮތުން ވަރަށް ހާއްސަ ގޮތެއްގައި ޖީއެމްއާރާ ގުޅިގެން މި ސަރުކާރާ ކިބައިން ބަދަލު ހިފުމުގެ ކަންތައްތަކެއް ނައިބު ރައީސް ކުރައްވާ ކަމަށް އޮތީ ތުހުމަތު ކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ނައިބު ރައީސް އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތީ ވެސް ޖީއެމްއާރުގެ ފަރާތްތަކާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ލަންޑަންގައި ހުންނަވައި އިންޓަވިއު ދެއްވި އިންޑިއާގެ ނިއު އެކްސްޕްރެސް ނޫހަކީ މީގެ ކުރިން ޖީއެމްއާރުގެ މައްސަލަތައް ހިލިގެން އުޅުނު ދުވަސްވަރު އެ ކުންފުނީގެ ބަސްތައް ގެނެސްދިން ނޫހެކެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ލައްކަ ގިނަ ވާހަކަ އެމީހުން ފެތުރި އެވެ. އޮފިޝަލް ވިދާޅުވީ ނައިބު ރައީސް ލަންޑަންގައި ހުންނަވައި އިންޓަނޭޝަނަލް މީޑިއާތަކާ ބައްދަލު ނުކުރައްވައި އިންޑިއާގެ މެދު ފަންތީގެ ނޫހަކަށް އިންޓަވިއު ދެއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

"އެންމެ ބޮޑަތި މީޑިއާތައް ލަންޑަންގައި އެ ހުރީ. އެ މީހުން މާބޮޑަށް ޝައުގުވެރިވެސް ވާނެ އެބޭފުޅާގެ އިންޓަވިއު ނަގަން. އެކަމަކު އިންޑިއާގެ މެދު ފަންތީގެ ނޫހަކަށް އިންޓަވިއު ދެއްވުމުން މި އެނގެނީ ނައިބު ރައީސް ހުންނެވީ ވަކި ބައެއްގެ ނުފޫޒުގައި ކަން،" އޮފިޝަލް ވިދާޅުވި އެވެ.

ދެން އޮތީ ނައިބު ރައީސްގެ މައްޗަށް ކުރެވިފައި ހުރި ބޮޑެތި ތުހުމަތުތަކެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވިފައި އޮތް މައިގަނޑު ތުހުމަތަކީ ޒިންމާތައް އަދާކުރުމުގައި ފެއިލްވުމެވެ. ދެން އޮތީ ރައީސްއަށް އެއްބާރުލުން ނުދެއްވައި ސަރުކާރު ވެސް ދިފާއު ނުކުރައްވައި ހަމަ އެ ހުންނެވި ގޮތަށް ހުންނެވުމެވެ. އެ ހަނު ހިމޭންކަމުގެ ތެރެއިން ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އެމަނިކުފާނު ހީލަތްތެރި ރޭވުންތަކެއް ރޭވި ކަމަށް ކުރެވޭ ތުހުމަތު އަދި މާބޮޑެވެ. ޕްރޮޓޮކޯލްތަކުގެ ބޭރުން ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތް ވެސް އަދި މާހުތުރެވެ. އެކަމަކު ނައިބު ރައީސް މީގެން ވާހަކަޔަކަށް ހަމަ ބަސްފުޅެއް ވެސް ވިދާޅެއް ނުވެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވަނީ ނައިބު ރައީސްގެ ކުށެއް ނެތް ނަމަ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މައްސަލައަށް ޖަވާބު ދާރީވެ، ދިފާއު ވަޑައިގަންނަވަން ފުރުސަތު އެބަ އޮތެވެ. އެކަމަކު އެމަނިކުފާނު ހިޔާރު ކުރައްވަނީ ގައުމުން ބޭރުގައި ހުންނަވައިގެން ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ވެއްދުމުގެ މަގެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ކުށެއް ނެތް ނަމަ މިކަން ކުރައްވަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން މި ދައްކަނީ ސަބަބުތައް. އެމަނިކުފާނު އެއަށް ޖަވާބު ދެއްވަންވީ. އޭރުން އެއީ ކުށެއް ނެތް ބޭފުޅެއްކަން އިނގޭނީ ވެސް،" ނިހާން ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ނައިބު ރައީސް މިހާރު ކުރައްވަން އުޅޭ ކަމަކީ ރާއްޖެ ދުސްތޫރީ ހުސްކަމަކަށް ވައްޓާލުމުގެ މަސައްކަތެވެ. އަދި ނައިބު ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަޔާ ހަމަޔަށް ދާން ޖެހެނީ ޒިންމާ އަދާނުކުރައްވާ ކަމުގެ ޝަކުވާ މެދުނުކެޑި ލިބޭތާ އަށް މަސް ދުވަސްވީ ފަހުންނެވެ. ދެން އެހެން ގޮތެއް ނެތުމުން އެ ފިޔަވަޅު އެޅުމުން ދެން ނައިބު ރައީސް ރާއްޖެއިން ބޭރަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭނާ ވެސް ތުހުމަތު ކުރައްވައި ގޮތުގައި ނައިބު ރައީސް މި ހުންނެވީ ބޭރުގެ ނުފޫޒުތަކެއްގެ ތެރޭގައި ތާށިވެފަ އެވެ.

އެކަމަކު ނައިބު ރައީސް ވިދާޅުވަނީ ރައީސް އެފަދަ ވާހަކައެއް ހިއްސާ ނުކުރައްވާތީ، މިއީ ދުސްތޫރީ ނިޒާމުގެ ތެރެއިން ގެންނަން އުޅޭ ބަޣާވާތެއް ކަމަށެވެ. ނިހާން ވިދާޅުވީ ނައިބު ރައީސް ޒިންމާ އަދާ ނުކުރައްވާ ނަމަ ވަކި ކުރުމުގެ ބާރަކީ މަޖިލީހަށް ކުރެވެން އޮތް ކަމެއް ކަމަށެވެ. އަދި ގާނޫނީ ވެރިކަން ނަގަހައްޓައި ރައްޔިތުންނަށް ފުރިހަމަޔަށް ހިދުމަތް ދިނުމަށް އެކްޓިވް ނައިބު ރައީސްއެއް ގެނައުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެކެވެ.

"ރައްޔިތުންގެ ބާރެއް ނަގައިގަންނާކަށް ނޫން މި އުޅެނީ. ރައްޔިތުން ހޮވާފައި އޮތް ސަރުކާރެއް ރަނގަޅަށް ފަގްޝަން ކުރާނެ ގޮތް ހަދަން މި އުޅެނީ. އަނެއްކާ އެކަމަށް ތާއީދު މި ކުރަނީ 61 މެންބަރުން. އެއީ އެބޭފުޅިން ރައްޔިތުން ތަމްސީލް ކުރާ ނިސްބަތަށް ބަލާއިރު އާބާދީގެ ވަރަށް ބޮޑު ބައެއް،" ނިހާން ވިދާޅުވި އެވެ.

ނައިބު ރައީސްގެ ހަނުހުންނެވުން ދޫކޮށްލައްވައި ހަމައެކަނި އެމަނިކުފާނު މަސައްކަތް މި ކުރައްވަނީ ކޮންމެވެސް އެހެން ގޮތަކުން އެ މައްސަލައިން ރެކި ގަންނާށެވެ. އެކަމަކު އެމަނިކުފާނަށް ދެންވެސް އޮތް ކުޑަ ފުރުސަތަކީ، އަދި ކުށެއް ނެތް ކަން ރައްޔިތުންނަށް ދެއްކެވެން އޮތް ފުރުސަތަކީ އެ މައްސަލައަށް ފުރިހަމަޔަށް ޖަވާބު ދާރީވުމެވެ. ބޭރުގެ ނުފޫޒުތަކަކުން ނޫނީ ފިއްތުންތަކަކުން ވަކި ގައުމަކަށް ކުރާނެ ރަނގަޅެއް މޮޅެއް ނެތެވެ. އެކަން އޮތީ ތާރީހު ދައްކައި ދީފަ އެވެ.