ބޭރު ކުޅިވަރު

އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލަށް ބްލެޓާ ވަޑައެއް ނުގަންނަވާނެ

ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި ބައިވެރިވެވަޑައިނުގަތުމަށް ފީފާގެ ރައީސްގެ ޖޯސެޕް ބްލެޓާ ނިންމަވައިފި އެވެ.

ފީފާ އިން ބުނީ "ފިފާގެ ހާލަތު މި ވަގުތު އޮތް ގޮތުގެ ސަބަބުން" ބްލެޓާ އާއި ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ފައިނަލް އަށް ވަޑައިނުގަންނަވާނެ ކަމަށެވެ.ބްލެޓާގެ ބަދަލުގައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވަނީ ފީފާގެ ސީނިއާ ނައިބު ރައީސް އީސާ ހަޔާޓޫ އެވެ.

މިއީ 1998 ވަނަ އަހަރު ފީފާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލަށް ބްލެޓާ ވަޑައިނުގަންނަވާ ފުރަތަމަ ފަހަރެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ބްލެޓާ ކެނެޑާ އަށް ވަޑައިނުގަތީ ކެނެޑާގެ އަވައްޓެރި އެމެރިކާ އިން ފީފާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާތީ އެވެ. ފީފާގެ ދެ ނައިބު ރައީސުން މި މައްސަލައިގައި ހިމެނުނު ނަމަވެސް، ސީދާ ބްލެޓާއާ ދެކޮޅަށް އެއްވެސް ތުހުމަތެއް ނުކުރެވެ އެވެ. އެހެންވިޔަސް މި ދަނޑިވަޅުގައި އެ މައްސަލަ ބަލަމުންދާ ގައުމުގެ ސަރަހައްދަށް ދަތުރުކުރެއްވުމަށް ބްލެޓާ ވަނީ ނިންމަވައިފަ އެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ވެސް، ބްލެޓާ ވަނީ ފަސް ވަނަ ދައުރަކަށް ފީފާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ. އެކަމަކު އޭގެ ހަފުތާއެއް ފަހުން އޭނާ ވަނީ އެ މަގާމުން ދުރުވާނެ ކަމަށް ވިދާޅުވެ، އާ އިންތިހާބެއް ބޭއްވުމަށް މަގު ފަހިކޮށްދީފަ އެވެ. މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ބްލެޓާ ފަހުން ވަނީ ވިދާޅުވެފަ އެވެ. އާ އިންތިހާބު ބާއްވާނެ ތާރީހެއް މި މަހުގެ 20 ވަނަ ދުވަހު ފީފާ އިން ކަނޑައަޅާނެ އެެވެ.