ހަބަރު

"އެކްޓިވް ވޯކްޕްލޭސް" ހަރަކާތް އިފުތިތާހުކޮށްފި

ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވަރކްޕްލޭސް" ހަރަކާތް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފި އެވެ.

ކެންސަރ ސޮސައިޓީގެ އެކްޓިވް ވަރކްޕްލޭސް ނައިބް ރައީސް ފައިސަލް ނަސީމު އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހަފުލާއެއްގައެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރިކަމަށެވެ.

އެގޮތުން އެ ބަލިޖެހެމުންދާ މީހުން އިތުރުވަމުން އަންނާތީ އެބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް، ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ސިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްވެސް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުރުން، ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސް ސޯލިހުވެސް ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައި ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ރައީސް ސޯލިހު އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަންވެސް ފައިސަލް ވަނީ ފާހަގަކުރައްވާފަ އެވެ.