ހަބަރު

މޯލްޑިވިއަންގެ އޮޕަރޭޝަންސް ހެޑްގެ ބައެއް މަސްއޫލިއްޔަތުތައް ނަގައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުން އިހުތިޖާޖު ކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންގެ ބައެއް މައްސޫލިއްޔަތުތައް ނަގައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި އަމީން އެ މަގާމުން ވަކިކޮށްދިނުމަށް އެދި ޕައިލެޓުން ވަނީ މިއަދު އިހުތިޖާޖުކޮށް ވަޒީފާއަށް ނުނިކުންނަން ނިންމައިފަ އެވެ. އަދި އިއްޔެ ވެސް ގިނަ ޕައިލެޓުން ވަނީ ސަލާން ބުނެފަ އެވެ. އެކަމުގެ ސަބަބުން ބައެއް ފްލައިޓުތައް ވެސް ވަނީ ޑިލޭވެފަ އެވެ.

"އަވަސް"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ހައްލު ކުރުމަށް މިއަދުގެ ވަގުތެއްގައި އަމީން ވަނީ ބައެއް މައްސޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ. އެގޮތުން ސީދާ ޕައިލެޓުންނާ ގުޅޭ ކަންކަން ވަނީ އެނާގެ އަތުން ނަގައިފަ އެވެ. ނަމަވެސް އަދިވެސް އޮޕަރޭޝަން ހެޑުގެ މަގާމްގައި ހުންނެވީ އެނާ އެވެ. އެކަމާ ގުޅިގެން ޕައިލެޓުން ވެސް ވަނީ އިހުތިޖާޖު ނުކުރަން ނިންމާ ވަޒީފާއަށް ނިކުމެފަ އެވެ.

ޕައިލެޓުން އަމީން ވަކި ކުރަން ބޭނުންވީ ޕައިލެޓުން ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅެ، ކޮރޮޕްޝަންއަށް މަގު ފަހިވާ ގޮތަށް އޭނާ އަމަލު ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަމީން ވަކޮކޮށްފައިވާ އިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޒްވީ ވަނީ ރެ ވަނީ ބައެއް ޕައިލެޓުންނާ ބައްދަލުކޮށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހުރިހާ ޕައިލެޓުން މިއަދު ވަޒީފާއަށް ނިކުތީ ވެސް އެކަން ކަށަވަރުކޮށްދިނުމުންނެވެ.