ހަބަރު

މާވަހަރުގެ ބައެއް މާލެ ގެނެސް ޓެސްޓު ކުރަނީި

މިދިޔަ ހުކުރު ދުވަހު ށ. ފީވަކުން ހޮވި 82 ކިލޯގެ މާވަހަރުގެ ބައެއް ޓެސްޓު ކުރުމަށް މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

މާވަހަރު ފެނުނީ އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ށ. ނަލަންދޫ އާއި ފީވަކާ ދޭތެރޭ ކަނޑުއޮޅިން ފީވަކު އަލި މަނިކު އަށެވެ. "އަވަސް" އާ ވާހަކަ ދައްކަމުން އަލި މަނިކު ބުނީ، މާވަހަރުގެ ބައިތައް ޓެސްޓު ކުރުމަށް އެކި ފަރާތްތަކަށް ދީގެން މިއަދު ހެނދުނު މާލެ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި، މާވަހަރު ގަތުމަށް ދިވެހިންނާއި ބޭރު މީހުންގެ ފަރާތުންވެސް ޝައުގުވެރިކަަން ފާޅު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"މާވަހަރުން ކުދި ކުދި އެތިކޮޅު ބުރި ކުރުމަށް ފަހު ޕެކެޓުތަކަށް އަޅަައިފައި ފޮނުވީ. ޓެސްޓު ކުރަން ޝައުގުވެރިވާ މީހުންނަށް މާވަހަރުން ކުޑަ އެތިކޮޅެއް މިދެނީ. މާވަހަރު ޓެސްޓު ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ދޭނަން"

އަލި މަނިކު ބުނިގޮތުގައި މި މާވަހަރު ބަލާފައި އެއީ ހުދު މާވަހަރެއްކަން ކުރިން މާވަހަރު ފެނި ޓެސްޓުކޮށްފައި ތިބި މީހުން ޔަގީން ކޮށްދެ އެވެ. އެހެންނަމަވެސް، މާވަހަރެއް ކަން ޔަގީން ވާނީ ޓެސްޓުތައް ހެދުމަށްފަހު ކަމަށެވެ. އަދި އެންމެ ބޮޑު އަގު ކިޔާ މީހަކަށް ވިއްކާލުމަށް އަލި މަނިކު މިހާރުވެސް ހުރީ ތައްޔާރަށެވެ.
މީގެ ކުރިންވެސް ފީވަކުން ވަނީ މާވަހަރެއް ހޮވާފަ އެވެ. ފީވަކުން 2014 ވަނަ އަހަރު 300 ކިލޯގެ މާވަހަރު ހޮވީ އަލީ ޒަހިރާއި އޭނާގެ ދޯނީގެ ފަޅުވެރިންނެވެ.