ބޭރު ކުޅިވަރު

ރޮބީނިއޯ ވެސް ގުއަންޒޯ އަށް ބަދަލުވަނީ

ސަންތޯސް އަށް ކުޅެމުންދާ ބްރެޒިލްގެ ގައުމީ ޓީމުގެ ފޯވަޑް ރޮބީނިއޯ ވެސް ޗައިނާގެ ގުއަންޒޯ އެވަގްރާންޑޭ އަށް ބަދަލުވާނެ ކަމަށް ބެލެވިއްޖެ އެވެ.

ސަންތޯސް އިން ރޮބީނިއޯގެ ކޮންޓުރެކްޓް އާކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ސަންތޯސް އިން ބުނީ ރޮބީނިއޯ ،31، އަށް އެހެން ގައުމުތަކުން ލިބިފައިވާ ހުށަހެޅުންތައް މާ ރަނގަޅު ކަމަށާއި އެ ކްލަބަށް އެ ހުށަހެޅުންތަކާ އެއްވަރުކުރެވެން ނެތް ކަމަށެވެ.

އޭސީ މިލާން އިން ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ އަަހަރު ސަންތޯސް އަށް ރޮބީނިއޯ ބަދަލުވި ނަމަވެސް، އެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވެ، ރޮބީނިއޯ މިހާރު ހުރީ "ފްރީ އޭޖެންޓެއް"ގެ ގޮތުގަ އެވެ. މިލާންއާއެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، ރޮބީނިއޯ ވަނީ އެ ކޮންޓްރެކްޓް ބާތިލްކުރަން އެއްބަސްވެފަ އެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ރޮބީނިއޯ ބަދަލުވާނީ ޗައިނާގެ މުއްސަނދި ކްލަބެއް ކަމަށްވާ ގުއަންޒޯއަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭގޮތަށް ގުއަންޒޯ އަށް ބަދަލުވާން ރޮބީނިއޯ ވަނީ އެއްބަސްވެފަ އެވެ. އެކަމަކު ގުއަންޒޯ އިން އެކަން ދޮގުކުރެ އެވެ.

ތިން ފަހަރެއްގެ މަތިން ސަންތޯސް އަށް ކުޅެ، ރޮބީނިއޯ ވަނީ އެ ކްލަބަށް 111 ލަނޑު ޖަހައިފަ އެވެ. ސަންތޯސް އިން ކެރިއަރު ފެށި ރޮބީނިއޯ ވަނީ ރެޢާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފަ އެވެ.

ގުއަންޒޯގެ ކޯޗަކީ 2002 ވަނަ އަަހަރުގެ ވޯލްޑް ކަޕް ބްރެޒިލް އަށް ކާމިޔާބުކޮށްދިން ކޯޗު ލުއިސް ފިލީޕޭ ސްކޮލާރީ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ބްރެޒިލްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޕައުލީނިއޯ ގުއަންޒޯ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް އެ ކްލަބުން ވަނީ އިއްޔެ ބުނެފަ އެވެ. މީގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު ރިކާޑޯ ގޯލާޓް ވެސް ވަނީ ގުއަންޒޯއާ ގުޅިފަ އެވެ.