ވާހަކަ

އީޝަލް

(3 ޖެނުއަރީ 2019 އާ ގުޅޭ)

"ބޮޑުދައިތަ ތިދައްކަނީ ކޮންވާހަކައެއްތަ؟" އީޝަލްއަށް ވިސްނައިގަންނަން އުނދަގޫވިއެވެ.

"ރައުލް..." ބަލްޤިސް ބުންޏެވެ. އީޝަލްއަށް ލިބުނު ސިހުން އެ މޫނުން ފޮރުވައެއް ނުލެވުނެވެ. ބަލްޤިސްއާ ހަތަރުކަޅި ހަމަވިގޮތަށް ބުނާނޭ އެއްޗެއް ވެސް އީޝަލްއަކަށް ނޭނގުނެވެ. އެހިނދު އަނެއްކާ ވެސް ބަލްޤިސް ވާހަކަދައްކަން ފެށިއެވެ.

"މީކާޢިލް ނުޤަބޫލުކަން ދައްތަ ގާތު ބުނީ މިޒަރެން، އީޝަލްގެ ތި މާޔޫސްކަން ގުޅިފައިވަނީ ރައުލްއާކަން އެނގުނީ އެހެންވެ، އީޝަލް... ޖިންނީންނަކީ އޮޅުވާލައި ދޮގު ހަދާބައެއް... ޔަގީންތަ ރައުލް އެފަދަ ޖިންނިއަކަށް ނުވާނޭކަން، ދައްތަ ކިތަންމެހާ ވެސް ބޭނުން އީޝަލް އެދޭގޮތަށް މިކަންވުމަށް، ލޯބިވުމަކީ ކުށެއްނޫން، އީޝަލް ބޮޑުވެއްޖެކަން ދައްތައަށް ވެސް އެނގޭ، އެކަމަކު ރައުލްގެ ފުށުން ދެރައެއް ލިބިއްޖެނަމަ ކޮއްކޮއަށްވާނޭ ގޮތެއް ހިތަށް އަރާފައި ބިރު ވެސް ގަނޭ" ބަލްޤިސް ބުންޏެވެ.
"ރައުލް ފަދަ ޖިންނިއެއް އަޅުގަނޑު ދުވަހަކުވެސް ނުދެކެން، އޭނާގެ އަސްލު ގުޅިފައިވަނީ ކަނޑާ، އޭނާ ދޮގެއް ނުހަދާކަން ޔަގީން، އޭނާއަކީ އެ މީހުންގެ ތެރެއިން ރަސްމަތިފުށުގެ ޖިންނިއެއް، އޭނާއާއެކު އޭނާގެ ޢާއިލާ މީހުން ވެސް އައިސް އުޅެނީ، ރައުލްގެ ގައިގާ ދަންނަވައްތަރު ޖަހާކަން އޭނާއާ ބޮޑުދައިތަ ބައްދަލުވެއްޖެނަމަ އެނގޭނެ، ނުބައިކަމެއް އޭނާގެ ފުށުން ނުފޯރާނޭކަން އޭރުން ޔަގީން ކުރެވޭނެ... ބައްޕަ ނުޤަބޫލުވަނީ ކީއްވެކަމެއް ނޭނގެ، ބޮޑުދައިތަ ނިކަން ބައްޕައަށް ވިސްނައިދީބަލަ، ގޯސްކަމެއްކަމުގައިވަނީމަ އަޅުގަނޑު ރައުލްއާ ދުރަށް ހިނގައިދާނަން، އޭނާއާއި އޭނާގެ ޢާއިލާގެ ގޮތް ދެނެގަންނާނޭ ފުރުޞަތެއް ނުދީ ގޮތް ނިންމުމަކީ އިންސާފެއްނޫނެއްނު" އީޝަލްގެ އަޑުގައިވަނީ އަދޭހެވެ. އެކަން ބަލްޤިސް ދެނެގަތެވެ.

"ކުޑަކުޑަ ދުވަސްކޮޅަކު މަޑުކޮށްލަ ދީ، ބޮޑުދައިތަ އަންނާނަން އީޝަލްގެ ގާތަށް، ރައުލްއާ ބައްދަލުކުރާނަން، މިހާރު ހުރިހާކަމެއް ދޫކޮށްލާފައި ދައްތައަށް ވެސް ދެވެން ނޯންނާނޭކަން އީޝަލްއަށް އެނގެއެއްނު" އީޝަލްގެ އަތަށް ބާރުކޮށްލި ގޮތުން ހީވީ ބަލްޤިސް ވަޢުދެއްވީހެންނެވެ. މަޑުމަޑުން އީޝަލް ބޯޖަހާލިއެވެ.

"އީޝަލް... ހުރިހާ ހުނަރެއް ދަސްކޮށް ޒިޔަޒެލްއާއި މީކާޢިލްގެ ގާތުން ފުރިހަމައަށް ތަމްރީނުވޭ، މުސްތަޤްބަލުގައި އެޅިދާނޭ އަނދިރިކަމަކަށް ކުރިމަތިލުމަށް، މީކާޢިލްއާއި މިޝަލްގެ ދެމެދަށް ވެސް ކަޅު ހިޔަނިތަކެއް އެޅުން، މިޝަލްއަށް ޖިންނިއެއްގެ ގޯނާ ވެސް ކުރިމަތި، މީކާޢިލް އޭނާ އެފަހަރު ރައްކާތެރިކުރީ، އޭގެ ފަހުން އިންސާނުންގެ ތެރެއިން އެ ދެމެދަށް ވަންނަން މަސައްކަތްކުރީ، ރައުލް ކިތަންމެ ރަނގަޅުނަމަވެސް އީޝަލްގެ ހަޤީޤަތް ހަނދާންނައްތާނުލާތި، ތީ މީކާޢިލްއާއި މިޝަލްގެ ދަރިއެއްކަން... ރައުލްމެންގެ ތެރެއިން ނޫނީ އަހަރެމެންގެ ތެރެއިން ވެސް ޖިންނިއަކު ފާރަލާފާނެ، ކޮންމެކޮންމެ ވާހަކައެއް ފާޅުގައި ނުދައްކާތި... އީޝަލް... އެހެންމީހުންނަށް ކަލޭގެ މައްޗަށް ބާރު ނުފޯރުވޭވަރަށް ތަމްރީނުވޭ، ޖިންނީންނަކީ ބާރުގަދަ މީހާއަށް ކިޔަމަންވާނޭބައެއް، ހުރިހާ ފަހަރަކު ރައްކާތެރިކޮށްދޭނޭ ބަޔަކު ގާތުގައި ނުތިބޭނެކަން ހަނދާންނައްތާނުލާތި... އަހަރެންގެ ހިތް ބުނަނީ ކަމެއް ގޯސްވާންށޭ މިއުޅެނީ" ބަލްޤިސް އެތައްފަހަރަކު އެދުނީ އީޝަލް ތަމްރީނުވެ ފުރިހަމައަށް ތައްޔާރުވުމަށެވެ. އެކަމަށް އީޝަލް އެއްބަސްވިއެވެ. ބަލްޤިސް އަންނަންވާއިރަށް އޭނާގެ ހުރިހާ ވަގުތެއް ތަމްރީނަށް ހުސްކުރާން އީޝަލް ނިންމިއެވެ. މިހާރު ވެސް ރައުލް އޭނާއަށްވުރެ ކުޅަދާނަކަން އީޝަލްއަށް އެނގެއެވެ. ބަލްޤިސް އެދުނު ފަދައިން އަމިއްލަ ނަފްސު ހިމާޔަތްކުރާން އޭނާ ދަސްކުރަން އެބަޖެހެއެވެ. ބަރޯސާވިޔަސް އެއިން ކޮންމެ ފަހަރަކު ރައްކާތެރިކޮށްދޭން އާދެވޭ ހިސާބުގައި މީހަކު ނުހުރެދާނޭކަން އީޝަލްއަށް ވެސް އެނގެއެވެ. ބަލްޤިސްގެ ވާހަކައިން އީޝަލް އިހުނަށްވުރެ ބޮޑަށް އަމިއްލަ ނަފްސާމެދު ވިސްނިއެވެ. އޭނާ އެހެން ޖިންނީންނާ ތަފާތުވީއިރު އޭނާގެ ޒިންމާ ވެސް އިތުރުވެއްޖެކަން އީޝަލްއަށް އިޙްސާސް ކުރެވުނީ އަދިކިރިޔާއެވެ. ރައުލްއަކީ އެ މީހުންގެ ނަސްލުގެ ތެރެއިންވާ ޖިންނިއަކަށްނުވާއިރު އޭނާއާ ގުޅުމުން ކުރިމަތިވެދާނެ ކޮންމެކަމަކަށް އީޝަލް ހުންނަން ޖެހޭނީ ތައްޔާރުވެގެންކަން ޚުދު އަމިއްލަ ނަފްސަށް އީޝަލް ވިސްނައިދިނެވެ.

"ތީ ކާކު ދިން އެއްޗެއް؟" އެނދުގައި އިން އީޝަލްގެ ދެއަތުގައި ބަލްޤިސް ދިން ކަނޑި އޮތެވެ. އެކޮޓަރިއަށް ވަން މީކާޢިލްއަށް އެ މަންޒަރު ފެނި ސުވާލުކުރީ އެހެންވެއެވެ.

"ބޮޑުދައިތަ" އީޝަލް އިސްއުފުލައި ބަލާލިއެވެ.

"ބައްޕާ... އަޅުގަނޑު... އަޅުގަނޑު ތަމްރީނުވާން ބޭނުން، ހަނގުރާމައެއްގައި ބޭނުންކުރާނޭ އުކުޅުތައް ދަސްކުރަން ބޭނުން" އީޝަލް ބުންޏެވެ. މީކާޢިލްއަށް ލިބުނީ ހައިރާންކަމެވެ.

"އީޝަލް ތީ އަންހެންކުއްޖެއްނު، ހަނގުރާމައަކަށް އީޝަލް ދާކަށް ނުޖެހޭނެ" މީކާޢިލް ބުންޏެވެ. އަދި މަޑުމަޑުން އައިސް އީޝަލްގެ އަތުގައި އޮތް ކަނޑި ނަގައި އޭގެ އުރައިގެ ތެރެއިން ދަމައިގަތެވެ. އޭރު އީޝަލް ވެސް ހުރީ ކޮޅަށް ތެދުވެ މީކާޢިލްއާ ކުރިމަތިލައިގެންނެވެ.

"ބަލްޤިސް" މަޑުމަޑުން މީކާޢިލްއަށް ބުނެވުނެވެ. އަތުގައި އޮތީ އެންމެ ފުރިހަމައަށް ތައްޔާރުކޮށްފައި އޮތް ކަނޑިއެއްކަން މީކާޢިލް އެއަށް ބަލާލުމުން އެނގުނެވެ. ގަނޑުވަރުތެރެއިން ތައްޔާރުކުރެވިފައި އޮތް ކަނޑިއެއްކަން މީކާޢިލްއަށް ޔަގީންވެއެވެ. އެފަދަ އެއްޗެއް އީޝަލްއަށް ދޭންވީ ސަބަބެއް އޭނާއަށް ނުވިސްނުނެވެ.

"ޒިޔަޒެލްއާއި ބައްޕައާއި ބޮޑުދައިތަ ފަދަ ޖިންނިއަކަށް އަޅުގަނޑުވާން ބޭނުން، ނުރައްކަލެއް ކުރިމަތިވުމުން ފިލަން ދުވާ ޖިންނީންގެ ތެރޭ ހުންނާކަށް ބޭނުމެއްނޫން، ބައްޕާ.... އެންމެން ވެސް ބައްޕައާއި ޒިޔަޒެލްގެ ކުޅަދާނަކަމުގެ ވާހަކަތައް ދައްކާ، ދުވަހަކުވެސް ބައްޕަ އަޅުގަނޑު އެއްވެސް ކަމަކަށް ތަމްރީނެއް ނުކުރޭ، ކީއްވެ؟... އަޅުގަނޑު ބޭނުންވިޔަސް އެހެން ޖިންނީން ފަދައިން ނުވާނޭކަން އެނގޭ... އެކަން ޤަބޫލު ވެސް ކޮށްފިން، ޒިޔަޒެލްގެ ފަރާތުން އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް އެތައް ފިލާވަޅުތަކެއް ދަސްވެއްޖެ، އެކަމަކު ބައްޕަ އަޅުގަނޑަށް ލިބިފައިވާ ހުނަރާއި ބާރު ދުށުމަށް ދުވަހަކުވެސް ނޭދޭ، އަޅުގަނޑު ރައްކާތެރިކުރަން ބައްޕައާއި ޒިޔަޒެލްގެ އިތުރުން ބޮޑުދައިތަ މަސައްކަތްކުރާއިރު ބައްޕައަށް ކަމެއް ދިމާވެއްޖެނަމަ އަޅުގަނޑު ކިހިނެއް ހަދާނީ، ދެއަތް އުރާލައިގެން ބަލަހައްޓައިގެން ހުންނަންވީތަ؟ މީކާޢިލްގެ ދަރިއަކަށްވެ ހުރެ ފިނޑިއެއްހެން ސަލާމަތަށް ފިލަން ދުވަންވީތަ؟ ނޫނީ ބައްޕަ ބޭނުންވީ މަންމަގެ ފަރާތުން ފިރިހެން ދަރިއެއްތަ؟" އީޝަލް ވާހަކަދެއްކީ ސާބިތުވެ ހުރެއެވެ. އެހެންވިޔަސް އެ ދެ ލޯ ފެންކަޅިވަމުންދިޔަތަން މީކާޢިލް ދުށްޓެވެ.

އަތުގައޮތް ކަނޑި އޭގެ އުރައަށް ލާފައި އީޝަލް އިން އެނދުގެ އެއްފަރާތުގައި ބާއްވާލިއެވެ. އަދި ދަރިފުޅު ގެނެސް އެ މޭގައި ޖައްސާލައި ބޮލުގައި ބޮސްދީފިއެވެ. ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ބައްޕަގެ އޯގާތެރި އެންމެ ފިރުމާލަކުން ވެސް ލުއިވެއްޖެހެން އީޝަލްއަށް އިޙްސާސް ކުރެވުނެވެ.

"ބައެއްފަހަރު ފިލަން ދުވުމަކީ ވެސް ކުރަން ޖެހޭނެކަމެއް، އީޝަލް... ދަރިފުޅާ..." މީކާޢިލް ގޮވާލި ނަމަވެސް އީޝަލް އޭނާގެ މޭގައި ޅަކުއްޖަކު ފަދައިން އިތުރަށް މޫނު ފޮރުވާލީއެވެ. ލުއި ހިނިތުންވުމެއް މީކާޢިލްގެ ތުންފަތަށް ވެރިވިއެވެ.

"ބައްޕަ ވަރަށް ލޯބިވޭ އީޝަލްދެކެ، ފިރިހެން ދަރީންނަށްވުރެ އަންހެން ދަރީން މާ ބޮޑަށް ވެސް ޚާއްޞަ، ދަރިފުޅު އުފަންކުރުމަށް ޓަކައި މަންމަ ވަރަށް ބުރަ އުފުލި، އެ މަންމައަށްވުރެ ކުރީން ބައްޕައަށް އެނގޭ ލިބެން އުޅެނީ އަންހެންކުއްޖެއްކަން، ދަރިފުޅާ ބައްދަލުކުރަން މަންމައާއި ބައްޕަ ވަރަށް އިންތިޒާރުކުރިން، އަންހެންކުއްޖަކަށް ވިޔަސް ތީ މި ބައްޕަގެ ދަރިއެއް، ބައްޕަ އެންމެ ލޯބިވާ އީޝަލް، އެހެންވީމަ ދެން ނުބުނައްޗޭ ފިރިހެންކުއްޖަކަށް އީޝަލްވީނަމައޭ" މަޑުމައިތިރިކަމާއެކު މީކާޢިލް ވާހަކަދެއްކީ އީޝަލްގެ ބޮލުގައި ފިރުމަމުންނެވެ.

"އަޅުގަނޑުވެސް އެންމެ ލޯބިވަނީ ބައްޕަދެކެ، ބައްޕައާ އެއްވަރެއްނުވާނޭކަން އެނގޭ، އެހެންވިޔަސް ބައްޕަގެ ގާތުގައި ހުރެ ބައްޕަގެ ބުރަކަށްޓަށް އަރާފާނޭ ހަމަލާއެއް ދިފާއުކުރާނޭ ދަރިއަކަށްވާން ބޭނުން، ޒިޔަޒެލް ވެސް ބުނޭ ޖިންނީންނަށް އިތުބާރުކުރާކަށް ނުވާނޭ، ނުބެހޭ ކަންކަމުގެ ތެރެއަށް ވެސް އެ މީހުން ވަދެ ގަޑުބަޑު އުފައްދާ ހަދައޭ، އެފަދަ ނުބައިކަމަކާ ކުރިމަތިވާ ހިނދު ބައްޕައާއި ޒިޔަޒެލްއާއެކު އެއްސަފުގައި އަޅުގަނޑު ވެސް ހުންނަން ބޭނުން، އޭރުން ވާކަމެއްވާނީ އަޅުގަނޑުގެ ލޯކުރިމަތީގައި، ވީގޮތެއް ނޭނގި ގޭގައި ހުރުމަށްވުރެ އެގޮތް މާރަނގަޅު، ބައްޕަ އަޅުގަނޑު ތަމްރީނު ކުރާނަންތަ؟" އީޝަލްއަށްވުރެ އިސްކޮޅުން ބޮޑު މީކާޢިލްއަށް ބަލާލަމުން ބުންޏެވެ. ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލަން އިރުކޮޅަކު މީކާޢިލް ހުއްޓެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ބޯޖަހާލިއެވެ.

"އީޝަލް، ގަނޑުވަރުގެތެރެއަށް އަހަރެމެންނަށް އާދެވޭނީ ދެން ކޮންދުވަހަކުންކަމެއް ނޭނގެ، އެހެންވީމަ ބޮޑުދައިތަގެ ޚާއްޞަ ދުވަހުގައި ޢާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރޭ، އަހަރެމެން ދުރުގައި އުޅުނެއްކަމަކު މީ އީޝަލްގެ ވެސް ޢާއިލާ، ބައްޕަ ބޭނުންނުވިޔަސް ދަރިފުޅު ބޮޑުވެއްޖެކަން ޤަބޫލުކުރަން ޖެހޭ، އެހެންވީމަ ބައްޕަ މި ދައްކާ ވާހަކަ އީޝަލްއަށް ވިސްނޭނެކަމަށް ހީކުރަން" މީކާޢިލްގެ ވާހަކައަށް ނިކަން އަވަހަށް އީޝަލް ބޯޖަހާލިއެވެ.

"ދަރިފުޅު މިރޭ ވަރަށް ރީތި އިނގޭ" މީކާޢިލް ބުނެލިއެވެ.

"މީ މާމަ ދިން ހެދުމެއް، މާމަ ގެނައި ކުދީންތަކެއް އަޅުގަނޑު ތައްޔާރުކޮށްދިނީ" ލާފައި ހުރި ހެދުން ރީތިކޮށްލަމުން އީޝަލް ބުންޏެވެ. އޭރު ބައްޕަގެ ތަޢުރީފުން އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ފެންނަން ހުއްޓެވެ.

"ދެން ހިނގާ ދަމާ، އެހެންނޫނީ މާމަ އަތުވެދާނެ" އީޝަލްގެ ކޮނޑުގައި އަތްޖައްސާލަމުން މީކާޢިލް ބުންޏެވެ. އަދި ދެބަފައިން އެކުގައި ކޮޓަރިން ނުކުތެވެ.

* * * * *

ކައިވެންޏާ ގުޅުވައި ގަނޑުވަރު ތެރޭގައި އޮތް ހުރިހާ ކަމެއް ދެވަނަ ދުވަހުގެ އިރުއޮއްސޭންވީއިރަށް ނިމިއްޖިއެވެ. އައިޒަންއާއި ބަހީރާ އެންގީ އެރޭ އެ މީހުންގެ ތެރޭގައި މީކާޢިލްމެން މަޑުކުރުމަށެވެ. އެނބުރި ދާނީ އަނެއް ދުވަހު ކަމުގައެވެ. އެގޮތަށް މީކާޢިލްއާއި ޒިޔަޒެލް ވެސް އެއްބަސްވިއެވެ.

ގަނޑުވަރުގެ ވަކި ހިސާބެއް އޮތީ ޖޫދާއާއި ބަލްޤިސްއަށް ޚާއްޞަ ކުރެވިފައެވެ. އެހިސާބަށް ދެވެނީ ވެސް އެ ދެ މީހުންނަށް ޚާއްޞަކުރެވިފައި ތިބި ޚާދިމުންނަށް އެކަންޏެވެ. އެއީ ވެސް އައިޒަންގެ ނިންމުމެވެ. ގަނޑުވަރުގެ މަސްއޫލިއްޔަތުން ބަލްޤިސްއަށް ޗުއްޓީއެއް ދިނީއެވެ. އަލަތު ދެމަފިރިން އެކުގައި ވަގުތު ހޭދަ ކުރުމަށެވެ.

ހެނދުނުގެ ނާސްތާ ކުރިއަށް ދިޔައިރު އައިޒަންގެ ނަޒަރު ސުފުރާ ދޮށުގައި ތިބި ކޮންމެ މެންބަރަށް ހުއްޓެމުންދިޔައެވެ. އޭނާގެ ސަމާލުކަން އަތުލީ ގާތުގައި އިން އަނބިމީހާ އޭނާގެ އަތުގައި ފިރުމާލުމުންނެވެ. ވަގުތުން ލުއި ހިނިތުންވުމެއް ބަހީރާއާއި އައިޒަން ބަދަލުކޮށްލިއެވެ.

"މިފެންނަނީ ލޮލުގެ ފިނިކަން" ބަހީރާ ބުންޏެވެ. އައިޒަން އަނގައިން ނުބުނި ނަމަވެސް ބޯޖަހާލިއެވެ.

"އައިޒަން، އެކުދީން ގެންނަންވީ ވަގުތު އަދިވެސް ނުޖެހޭތަ" ބަހީރާގެ އަޑުގައިވީ ރިހުން އައިޒަން ދެނެގަތެވެ. ނަމަވެސް އައިޒަން އެކަމަށް ވަކިއެއްޗެއް ނުބުންޏެވެ. އޭނާ ބަހީރާއާއި ނަޒަރު ވަކިކޮށްލިއެވެ. ޖޫދާގެ ގާތުގައި އިން މީކާޢިލްއަށާއި އޭނާގެ ގާތުގައި އިން އީޝަލްއަށް އައިޒަން ބަލާލިއެވެ. ތުންފަތަށް ވެރިވި ލުއިހިނިތުންވުމަކާއެކު އެ ދެ ތުންފަތް ފިއްތާލިގޮތުން އެ ހިތުގައިވަނީ ކީކޭކަން ބަހީރާ ދެނެގަތެވެ.

"އެނބުރިދާން އެއުޅެނީ... އައިޒަން އެމީހުން ހުއްޓުވާނެނަމައޭ އަހަރެން ހިތަށް އަރަނީ، ޒިޔަޒެލް ވެސް އޭނާގެ އުމުރު އެދަނީ އަހަރެމެންނާ ދުރުގައި ހުރެ، އޭނާގެ ކުށަށް ފުދޭހާ އަދިވެސް ނުވޭތަ؟ ޒިޔަޒެލް އެނބުރި އަތުވެއްޖެނަމަ މީކާޢިލް އަންނާނެ، އަދިވެސް އެއީ އަހަރެމެންގެ ބަސްއަހާ ކިޔަމަންތެރި މީކާޢިލް، އައިޒަން އެންމެ ފަހަރަކު އެ ދަރިފުޅު ގާތު ބުނަންޖެހޭނީ" ބަހީރާ ބުންޏެވެ.

"ބަހީރާ" އައިޒަން މަޑުމަޑުން ގޮވާލިއެވެ. އޭނާގެ އެ ގޮވާލުމުގައި އެތައް ވާހަކައެއް ފޮރުވިފައިވާކަން ބަހީރާއަށް އެނގެއެވެ. އޭނާ ހިމޭންވީ އެހެންވެއެވެ. އައިޒަންއަކީ ކެތްތެރި ޖިންނިއެއްކަން އެންމެ ރަނގަޅަށް އެނގޭނީ ބަހީރާއަށްކަން ޚުދު ބަހީރާ ޤަބޫލުކުރެއެވެ.

"އައިޒަންއަށް މަޖުބޫރުނުކުރޭ ބަހީރާ" އެ މީހުންގެ ގާތުގައި އިން ޒިޔަޒެލްގެ އަޑު އިވުނެވެ.

"އޭނާއަށް ތަބާވާ މީހުން އެއްދުވަހަށްވުރެ އަނެއްދުވަހަށް އިތުވަމުން އެ ދަނީ ސަބަބަކާނުލައެއްނޫން، އޭނާ މީކާޢިލްދެކެ ވަރަށް ލޯބިވޭ، އީޝަލްދެކެ ވެސް، އެ މީހުން ދުރުގައި ތިއްބެއްކަމަކު އެމީހުން ތީބީ އައިޒަންގެ އަތްފޯރާ ހިސާބުގައި، ބަހީރާ، ކަލޭގެ ފިރިމީހާއަށް ބުރަބޮޑުނުކުރޭ، އޭނާގެ ނިންމުންތައް ޤަބޫލުކުރޭ، އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ކަލޭގެ ދަރީން ރައްކާތެރިކުރާނަން، އެއީ އަހަރެންގެ ހަށިގަނޑު ބައެއް" ޒިޔަޒެލްގެ ވާހަކަތައް އަހާފައި އައިޒަން ހިނިތުންވެލިއެވެ. އަދި އައިޒަންގެ ކޮނޑުގައި އޭނާ މަޑުމަޑުން ޖަހާލިއެވެ. އައިޒަންގެ ހިތުގައިވާ އެއްޗެއް ޒިޔަޒެލްއަށް ވިސްނޭކަން އޭނާއަށް އެނގެއެވެ.
އައިޒަން އިރުކޮޅަކު އިނދެފައި ޒިޔަޒެލްއަށް ގޮވާލިއެވެ. އަދި އޭނާ މިފަހަރު ވާހަކަދެއްކީ ސީދާ އަރަބި ބަހުންނެވެ. އޭނާ
"الحيوانات البرية" އޭ ބުނުމާއެކު ބަހީރާ ކަންބޮޑުވެ އަނގަމަތީ އަތްއަޅާލިއެވެ. ޒިޔަޒެލް ފާޑަކަށް ހީނލީއެވެ. ޖިންނީންގެ ތެރޭގައިވާ ވަލުޖަނަވާރުން ގެނެސް ގޭގައި ގެންގުޅެނީތޯ އައިޒަން ބުނީއެވެ. އޭނާ އިޝާރާތްކުރާ "ވަލުތެރޭގެ ހައިވާނު"އަކީ ލުގަލްބަންދާކަން ޒިޔަޒެލްއަށް އެނގުނެވެ.

"ކަލޭގެ ކާފަދަރިފުޅު ގެނައި އެއްޗެއް އެއީ، އޭނާ އެ ސޮރުވަނީ ކިޔަމަންކޮށްފައި، ކިޔަނީ ލުގަލްބަންދާ" ޒިޔަޒެލް ބުންޏެވެ. އޭނާ ބުނި ގޮތުން އައިޒަންއަށް ވެސް ހީނލެވުނެވެ. ނަމަވެސް ބަހީރާގެ ކަންބޮޑުވުން ފިލައިގެން ނުދިޔައެވެ. އޭނާ އެންމެފަހުން ދިޔައިރު އެގޭގައި އެފަދަ އެއްޗެއް ދިރިއުޅޭ ކަމުގެ ނިޝާނެއް ނެތްވިއްޔާއެވެ.

"އަހަރެންގެ ހިތްބުނޭ އެކުއްޖާފުޅު ހަރުވެ ފުރިހަމަ އަންހެނަކަށްވާއިރު އޭނާއަށް ކިޔަމަންވާ ބާރުގަދަ ޖިންނީންތަކެއްވާނޭ، އަހަރެމެންގެ ކާބަފައިންގެ ވެސް ކުރީން އެ މީހުން ރަސްކަމުގެ ތެރޭގައި އުޅުނުކަން އެނގެން އެބަހުރި، އެކަމަކު އެމީހުން ކުއްލިއަކަށް ގެއްލުނީ، އޭގެ ޖިންނިއެއް، އަދި އެވެސް އެ ސިފައިގައި އަހަރެން ވެސް ދުށް ފުރަތަމަ ފަހަރު މީ، އައިޒަން... ކަލޭގެ ކާފަ ދަރިފުޅު ގިނަ ސިއްރުތަކެއް ހޯދާނެ... އަނދިރީގެ ތެރެއިން އޭނާއާ ބައްދަލުކުރަން ޖިންނީން ނާންނާނޭ ބުނާކަށް ނުކެރޭނެ" ޒިޔަޒެލް ބުންޏެވެ. އައިޒަންގެ ނަޒަރު އީޝަލްއަށް ހުއްޓުނުއިރު އެ ލޮލުގައިވަނީ ތަފާތު ޝައުގުވެރިކަމެކެވެ.

ސުފުރާ މަތިން ފައިބައި އެންމެން ބައިބައިވެ އެކިދިމާލަށް ދިޔައެވެ. ޖޫދާ ފަހަތުން އައިސް މީކާޢިލްގެ ކޮނޑުގައި ހިފަންއުޅުނެވެ. ނަމަވެސް ހުސިޔާރުކަމާއެކު މީކާޢިލް ރެކިލުމުން ޖޫދާ ހޭންފެށިއެވެ. މީކާޢިލް ބަލާލީ ހިނިތުންވުމަކާއެކުއެވެ.

"ބަލްޤިސް ބުނި މީކާޢިލް އެނބުރިދާން އުޅޭ ވާހަކަ، އަހަރެން އެދުނަސް ބައްދަލުނުކޮށް ހިނގައިދާނޭކަން އެނގޭ، އެހެންވެ މިއައީ" ޖޫދާ ބުންޏެވެ. މީކާޢިލް ބޯޖަހާލީއެވެ.

"އަހަރެންނަކަށް ނުވިސްނުނު" ޖޫދާ ކުއްލިއަކަށް ބުންޏެވެ.

"ކޮންކަމެއް؟" މީކާޢިލް އެއްސެވެ.

"މީކާޢިލްގެ އިތުބާރު ގެއްލޭވަރުކަމެއް އަހަންނަށް ކުރެވުނީތަ؟" ޖޫދާ އެއްސެވެ.

"ކިހިނެއްވީ؟" ޖޫދާއަށް މީކާޢިލް ބަލާލިއެވެ.

"މީކާޢިލް އެއްވެސް ކަމެއް އަހަރެންނާ ޚިއްޞާއެއްނުކުރޭ، ދިޔައީ ކޮންތާކަށްކަމެއް، އުޅެނީ ކޮންހާލެއްގައިކަން ވެސް އަހަރެންނަށް ނޭނގޭ، ބަލްޤިސް ގާތު އެހިން... އޭނާ ނުބުނި، އަހަރެންގެ ހުރިހާކަމެއް މީކާޢިލްއަށް އެނގޭނެ، އެކަމަކު އަހަންނަށް މީކާޢިލްއެއް ނޭނގުނު، އިތުބާރުކުރެވޭވަރުގެ ރަޙުމަތްތެރިއެއްނަމަ އަހަރެންނަށް މީކާޢިލްއަށް ވީގޮތެއް އެނގުނީސް، އަހަރެންނާ ކަންކަން ޚިއްޞާކުރީސް... އަހަރެން ވިސްނާވިސްނާ ވެސް ނޭނގުނޭ މިބުނަނީ އެހެންވެ، އަހަރެންނަށް މީކާޢިލް އިތުބާރުނުކުރާނީ ސަބަބެއް އޮވެގެންނު" ޖޫދާ ބުންޏެވެ. މީކާޢިލް ވަކި އެއްޗެއް ނުބުނެ ހިމޭންވެފައި ހުރީއެވެ. އެގޮތް ޖޫދާއަށް ކަމަކު ނުދިޔައެވެ.

"މީކާޢިލް... ތިހިމޭންކަން ދެނެގަންނާކަށް އަހަންނަކަށް ނޭނގެ، ކަލެއަކީ ބަސްމަދު މީހެއްކަން އެނގޭ، އެކަމަކު މިވަގުތު އަހަރެން ބޭނުންވަނީ ކަލޭ ވާހަކަދައްކަން، އަހަންނަށް އޮޅުންފިލުވައިދޭން، އަހަރެންގެ އެކުވެރިކަން ބޭނުންނުވަނީތަ؟" ޖޫދާ ހީވަނީ ކެތްތެރިކަން ކުޑަވެފައި ހުރިހެންނެވެ.

"އަހަރެންނަށް އިތުބާރު ނުކުރެވޭ މީހަކާ އަހަރެންގެ ކޮއްކޮ ކައިވެނިކުރަން އެއްބަސްވާނެހެން ހީވޭތަ؟ އަނެއްކޮޅުން ޖޫދާގެ ގޮތް ނުބައިލައި ބައްޕަ ގޮތެއް ނިންމާނޭހެން ހީވޭތަ؟" މީކާޢިލް ބުންޏެވެ.

"ފުރަތަމަ އަހަރެން ހީކުރީ އެކަކުވެސް ހުރިހާ ވަގުތަކު އެކުވެރިޔާ ފަހަތުލައިގެން އުޅޭކަށް ބޭނުމެއްނުވާނޭ، އެހެންވެ މީކާޢިލް އުޅޭގޮތާއި ދާތަނެއް ނުބެލީ، އެކަމަކު މިހާރު އިޙްސާސްވަނީ އެ ދުވަހު އެހެން ކަންތައްކުރުމުން އަހަރެންގެ ކުޑައިރުގެ ރަޙުމަތްތެރިއާ އަބަދަށް ގެއްލިއްޖެއޭ" ޖޫދާގެ ނަޒަރު މީކާޢިލްއާ ވަކިކޮށްލާ ދުރަށް ހުއްޓާލިއެވެ.

"ޖޫދާ... އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ، އަހަރެންގެ ކަންކަމުގައި އުޅޭނެ މީހަކީ އަހަރެން، އަހަރެން ޚިޔާރުކުރީ ތަފާތު ދިރިއުޅުމެއް، ހުރިހާކަމެއް އެނގިހުރެ ވެސް އަހަރެން ކުށްކުރީ، ލޯބީގެ ނަމުގައި ކުރިޔަސް ކުށެއްވާނި ކުށަކައްކަން އަހަރެން ޤަބޫލުކުރަން، އަހަރެން ފަދަ ރަޙުމަތްތެރިއެއްގެ ފަރާތުން ޖޫދާއަށް ކުރާނޭ ފައިދާއެއްނެތް، ކަލޭގެ ފަހުރާއި ޝަރަފަށް އުނިކަމެއް އަތުވެދާނެ އަހަރެންގެ ސަބަބުން" މީކާޢިލްގެ ވާހަކަތަކުން ޖޫދާއަށް ފުން އަސަރެއް ކުރިއެވެ.

"ކަލޭ ތިހާ އެކަނިވެރިވެދާނޭ އަހަރެން ކުޑަކޮށް ވެސް ހިޔެއްނުކުރަން" ޖޫދާގެ ނަޒަރު މިފަހަރު މީކާޢިލްއާ ވަކިކޮށެއްނުލެވުނެވެ. އެކުވެރިޔާ ސީދާސީދާ ނުބުނި ނަމަވެސް އެ އެކުވެރިޔާގެ ހާލު ޖޫދާއަށް އެނގިއްޖެއެވެ. މީކާޢިލް ބަދަލުކޮށްލި ލުއި ހިނިތުންވުން ފެނުމުން ޖޫދާއަށް ކެތްކުރަން ދަތިވިއެވެ. އޭނާ ބެލުމެއްނެތި މީކާޢިލްގެ ގައިގާ ބައްދާލައިފިއެވެ.

"ޅައުމުރުގައި ކަލޭ ބައްޕައަކަށްވެ... ހުވަފަތް ވެސް ވެއްޖެ... ކަލޭގެ ހިތާމަތައް ލުއިކޮށްދެވޭނެގޮތެއް މިއަދު އޮތްނަމަ އަހަރެން އެބުރަ ކަލެއަށް ޓަކައި އުފުލައިދިނީމުސް... މީކާޢިލް، އަހަރެންނަށް މީކާޢިލް ބޭނުންނުވިޔަސް، އަހަރެންގެ ދިރިއުޅުމަށް ތި އެކުވެރިޔާ ބޭނުން، އަހަރެންގެ ކުޑައިރުގެ ރަޙުމަތްތެރިޔާ ބޭނުން" ޖޫދާ ބުންޏެވެ. އެހެންވިޔަސް މީކާޢިލްއަށް ލިބިފައިވާ ނުތަނަވަސްކަން ފިލައިގެން ނުދިޔައެވެ. އޭނާ އެ އެކުވެރިޔާ ކަމެއް ސިއްރުކުރާތީއެވެ.

"ޖޫދާ... އަހަރެން ދާން މިއުޅެނީ، މިފަހަރު މިދަނީ ކަލެއާ ވަދާޢުގެ ސަލާމްކޮށްފައި، އަހަރެންގެ ކޮއްކޮއަށް އޯގާތެރި ފިރިއަކަށް ކަލޭވާނޭކަން ޔަގީންކުރަމުން، އަހަރެންގެ ޢާއިލާއަކީ މިހާރު ކަލޭގެ ވެސް ޢާއިލާ... ޖޫދާ! ބައެއްފަހަރު ކުޑައިރުގެ އެކުވެރިކަން މުޅިއުމުރަށް ދެމިއޮންނަ ފަދަ ގުޅުމަކަށް ނުވެދާނެ، ތީ މިހާރު ބަލްޤިސްގެ ފިރިމީހާ" މީކާޢިލް ބުންޏެވެ. އެ ވާހަކަތަކުން ޖޫދާ ބަލަން ހުރީ އަޖައިބުވެފައި ހުރި މީހަކު ފަދައިންނެވެ.

"އަހަރެން ހިތަށް އަރާ ކަލޭ ނަގާ ބިމަށް ޖަހާފާނަމޭ، އޭރުން ކަލެއަށް އަހަރެން ދައްކާ ވާހަކަ ވިސްނިދާނެކަންނޭގެ" ޖޫދާ ބުންޏެވެ. އޭނާއަށް ބަލަންހުރެ މީކާޢިލް ޖަހާލީ ހިނިގަނޑެކެވެ. ފުރާވަރުގައި ޖޫދާއާއި މީކާޢިލްގެ ދެމެދުގައި ބާރުގެ ވާދަވެރިކަން އޮވެއެވެ. ކަމަކާ ކިރިޔާ ހިތްހަމަނުޖެހިލިޔަސް ޖޫދާ އަންނަގޮތަށް އައިސް މީކާޢިލްގެ ގައިގާ ބައްދާ އޭނާ ބިމަށް ވައްޓާލަން އުޅެއެވެ. އެގޮތަށް އޭނާ ވައްޓާލެވުނީ އެންމެ ފަހަރަކުއެވެ. އޭގެ ފަހުގައި އަދިއަދަށް ވެސް އެކަމެއް ޖޫދާއަކަށް ނުވިއެވެ.

"ކަލެއަށް ވާނެތަ؟" މީކާޢިލް އެހީ ސަމާސާ ރާގެއްގައެވެ. މީކާޢިލްގެ އެ ސިފަ ޖޫދާއަށް ކަމުދިޔައެވެ. ކުޑަވަގުތުކޮޅަކަށް ވިޔަސް އޭނާގެ އެކުވެރިޔާކަން ކުރިމަތީ އެ ހުރީ ޖޫދާއަށް އިޙްސާސް ކުރެވުނެވެ.

ދަތުރު ފެށުމުގެ ކުރީން މިޒަރެންނާ ބައްދަލުކުރަން ބަލްޤިސް އައެވެ. އޭނާ އެދުނީ އީޝަލް ތައްޔާރުކުރުމަށެވެ. ނުރައްކާތަކަށް އީޝަލްގެ ލޯ ހުޅުވައިދިނުމަށެވެ. އަދި ވީ އެންމެ އަވަހަކަށް ބަލްޤިސް އެމީހުންގެ ގާތަށް އަންނާނޭކަމުގެ ޚަބަރުދިނެވެ. ރައުލްއާ ބައްދަލުކުރަން ބަލްޤިސް ބޭނުންވާކަން އޭނާ ހާމަކުރިއެވެ. އެވާހަކައިގެ ތެރެއިން ރޫފަސްގެ ވާހަކަ ބަލްޤިސް ދެއްކިއެވެ. އެއީ މިޝަލްގެ ދުނިޔޭގައި ބަލްޤިސްއާއެކު މިޒަރެން ވެސް ބައިވެރިވި ހާދިސާއެކެވެ. ޖިންނީންގެ ފުރައްސާރަތަކުން އީޝަލް ސަލާމަތްކުރުން މުހިންމުކަމުގައި ބަލްޤިސްއަށް ވިސްނެނީ އެހެންވެކަން އޭނާ މިޒަރެންގެ ގާތުގައި ބުންޏެވެ.

* * * * *

ކޮޓަރީގައި ހުރި އަނދިރި ދުންގަނޑުގެ ތެރެއިން ބޮލަކާއި ދެކޮނޑު ފާޅުވެފައި ހުއްޓެވެ. ކޮޓަރީގެ އެކިދިމާއަށް އޭތި ދެއެވެ. އަދި އައިސް އެތަނުގައި ހުރި އެނދުގައި އެ ކަޅުދުންގަނޑު އިނެވެ. އެހެން އިންދާ އެ ދުންގަނޑު ކުއްލިއަކަށް ބޮޑުވެ އެނދާ ދުރަށް ދިޔައެވެ. ދެން ފެނުނީ ހަތަރު މޮއްގަނޑަށް ތިރިވުމާއެކު ޖަނަވާރެއްގެ ސިފަ ޖެހެމުންދިޔައެވެ. ހަމައެވަގުތު ގޭތެރެއިން އަންހެންކުއްޖެއްގެ އަޑު އިވުނެވެ.

(ނުނިމޭ)