ހަބަރު

ވައިކަރަދޫ، މަކުނުދޫ ދާއިރާ އަދާލަތަށް ދޫކޮށްލަން ބޭނުމެއް ނުވި

ހދ. ވައިކަރަދޫ އަދި މަކުނުދޫ ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލަން އެ ދެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުން ބޭނުމެއް ނުވި އެވެ. ރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ދެ ކެންޑިޑޭޓުން އަދި ކެމްޕެއިން ޓީމާ ބައްދަލު ވެސް ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެ ދެ ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލުމާމެދު ވިސްނުމަށް އެދިވަޑައިގެންފަ އެވެ. ދާއިރާ ދޫކޮށްލި ނަމަވެސް އެއީ މާޔޫސްވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ.

އެކަމަކު، އެކަމަށް އެ ދެ ދާއިރާގެ މެންބަރުން އެއްބަހެއް ނޫނެވެ. ދެ ދާއިރާގައި ވެސް އެމްޑީޕީގެ ޕްރައިމަރީ ބާއްވައި ކެންޑިޑޭޓު ހޮވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވުމުން އެ ދާއިރާތައް ދޫކޮށްލަން ބޭނުން ނުވާ ކަމަށް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމު ރޭ ރައީސް ނަޝީދަށް ވަނީ ދަންނަވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީއިން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަފްޝާން ވިދާޅުވި ގޮތުގައި ރޭ ވެސް ދާއިރާތައް ދޫކޮށްލުމާމެދު މަޝްވަރާތައް ކުރެވުނު ކަމަށާއި ނަމަވެސް ވަކި ނިންމުމެއް އަދި ނިންމާފައިނުވާ ކަމަށެވެ. އެ ނިންމުން ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އަދި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އޭނާ އެހެން ވިދާޅުވިއިރު މިއަދު އެމްޑީޕީގެ 86 ކެންޑިޑޭޓުން ވަނީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފަ އެވެ. އަފްޝާން ވިދާޅުވީ އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރުމަށް އެމްޑީޕީއިން ނިންމާފައިވާއިރު އެމްޑީޕީއިން ވެސް ބަލާނީ އެންމެ ގިނަ ގޮނޑިތަކެއް ލިބޭނެ ގޮތަކަށް ކަމަށެވެ.

ވައިކަރަދޫ ދާއިރާއަށް ނިސްބަތްވާ މީހަކު ބުނި ގޮތުގައި ނިމިގެން މިދާ ދައުރުގައި ވެސް އެ ދާއިރާގައި ހުންނެވީ އެމްޑީޕީ މެންބަރަކަށްވާއިރު އަންނަ މަޖިލީހަށް އެމްޑީޕީގެ ކެންޑިޑޭޓު އިންތިހާބުވުމަކީ ވަރަށް ޔަގީންވާ ކަމެއް ކަމެކެވެ. އެހެންކަމުން ޔަގީން ގޮނޑިއެއް ދޫކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ހަމައެހެން، މަކުނުދޫ ދާއިރާގެ ޕްރައިމަރީ ނެގުމަށް ވެސް ގިނަ މަސައްކަތްތަކެއް ކެންޑިޑޭޓާއި ކެމްޕެއިން ޓީމް ކޮށްފައިވާއިރު، އެމީހުން އެ ދާއިރާގެ މިހާރުގެ މެންބަރު އަނާރާ ނައީމް އިތުރަށް ހޮވުމަށް ބޭނުމެއް ނުވެ އެވެ.

ރޭ ރައީސް ނަޝީދު ވަނީ އެހެން ބައެއް ކެންޑިޑޭޓުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ރުހުން ދީފައިވަނީ ފަސް ދާއިރާއެއް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށެވެ. ނަމަވެސް ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ އެ ނިންމުމަކީ މިހާރު ޕާޓީއަށް ނިންމޭނެ ނިންމުމެއް ނޫން ކަމާއި އެ ނިންމުން ނިންމަން ޖެހޭނީ ކެންޑިޑޭޓު ނޫނީ ދާއިރާގެ ރައްޔިތުން ކަމަށެވެ.