ހަބަރު

ނެކްސްބިޒަށް ދައްކަން ޖެހޭ 18 މިލިއަން ޑޮލަރު ދައްކައިފި

ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި އެވެ.

ދިވެހި ސަރުކާރުގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި އެންގުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިވާކަން އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު އަވަސްއަށް ވަނީ ޔަގީންކޮށްދީފަ އެވެ. އެ ފައިސާ ދައްކާފައިވަނީ އާބިޓްރޭޝަނުގެ އެންގުން ތަންފީޒުކުރަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުންޏެވެ. އެއީ އެއްބަސްވުން އޭރު ސަރުކާރުން އުވާލާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ދެކޭތީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެކްސްބިޒަށް ފައިސާ ދައްކާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންދިޔައީ އެ މައްސަލަ ރިވިއުކުރަމުންނެވެ. އަދި، އެ މައްސަލާގައި ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރަމުންނެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ ސަރުކާރަށް އެ ކުންފުނިން އެ ފައިސާ ދެއްކުމަށް އެދި ތަކުރާރުކޮށް އެދުނު ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ނިންމީ އެ ފައިސާ ނުދެއްކުމަށް ކަމަށެވެ. އެހެންވެ އެ ކުންފުނިން އެ މައްސަލަ ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅުމުން އެ އެވޯޑަކީ ސިންގަޕޫރުގައި ތަންފީޒު ކުރެވޭނެ އެވޯޑެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އޮތް ތަނަކަށް ހަދައި، އިންވެސްޓްމެންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އާބިޓްރޭޝަނުން ނިންމީ ނިންމުންތައް ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަަމަށް ވެސް ބުންޏެވެ.

ނެކްސްބިޒް އެއްބަސްވުން އުވާލާފައިވަނީ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެއްބަސްވުން އުވާލުމުން ނެކްސްބިޒްއިން އާބިޓްރޭޝަނުގައި އެދުނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 269 މިލިއަން ޑޮލަރު ހޯދުމަށެވެ.

ދެހާސްތޭރަވަނަ އަހަރުގެ އޯގަސްޓް މަހު އުވާލި ނެކްސްބިޒް އެއްބަސްވުމަކީ 20 އަހަރު ދުވަހަށް އެމްޑީޕީގެ ސަރުކާރުން އެކުލަވާލި އެއްބަސްވުމެކެވެ. އެއްބަސްވުން އުވާލަން ނިންމީ، އެ އެއްބަސްވުމުގެ ދަށުން ނެކްސްބިޒަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުމާއި ނެކްސް ބިޒް އިން ރާއްޖޭގައި ގާއިމް ކުރާ ނިޒާމަކީ ރާއްޖެއާ އެކަށޭނެ ނިޒާމަކަށް ނުވާތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ މަސައްކަތް ނެކްސްބިޒަށް ހަވާލު ކުރުމުގެ ޑެންޓާ ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓަކުން ވެސް ހާމަވެފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އޭސީސީ އިން އެކި ފަހަރުމަތިން އަންގާފައިވެސްވެ އެވެ.

އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭގެ އެއްބަސްވުން އުވާލި މައްސަލައިގައި ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކައިފަ އެވެ.