ހަބަރު

މަނީ ލޯންޑްރިން މައްސަލާގައި ޔާމީނާއި އާޒިމާއަށް ދައުވާކުރަން ފޮނުވައިފި

މަނީ ލޯންޑްރިން ކުރެއްވި ކަމަށް ތުހުމަތުވާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ވަކީލްކަން ކުރައްވާ އާޒިމާ ޝުކޫރައަށް ދައުވާކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މީގެކުރިން މައްސަލާގެ ތަހުގީގަށް ދެތިން ފަހަރަކު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި އާޒިމާ ވެސް ތަހުގީގަށް ސުވާލުކުރުމަށް ފުލުހުން އެއް ފަހަރަށްވުރެ ގިނައިން ހާޒިރުކޮށްފައިވެ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންވެ، މަނީ ލޯންޑާކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް ވަނީ އެދިފަ އެވެ. އާޒިމާގެ މައްޗަށް މަނީ ލޯންޑްރިން ކުރުމުގައި ރައީސް ޔާމީންއާ ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ދައުވާކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ މައުލޫމާތާއެކު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލާގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ފޮނުވިއިރު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލާގައި އެ އޮފީހަށް ލިބިފައިވާ ހެކިތަކެއް ފުލުހުންނާ ހިއްސާކޮށްފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2014 ވަނަ އަހަރު، ރައީސް ޔާމީނާއި އަދީބާއި އޭރުގެ ސަރުކާރު ބައެއް އިސްވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން މަނީ ލޯންޑްރިން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ނުވަތަ ކުރުމަށް ރާވާފައިވާކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތަކެއް އެމްޑީޕީއިން ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީއިން ހުށަހެޅި ލިޔެކިޔުންތަކަކީ، އަދީބު މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކުރުމަށްފަހު، ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކާ އެއާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބު އޮފީހުން ބުނި ގޮތުގައި، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މޯބައިލް ފޯނުތަކުގައިވާ ޑޭޓާތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަ ދީފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެކެވެ.

އެ ލިޔެކިޔުންތައް ބަންޑާރަ ނައިބު އޮފީހުން ދިރާސާކުރިއިރު، އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުން މަނީ ލޯންޑްރިންގެ ކުށުގެ އިތުރުން، ރިޝްވަތުދިނުމާއި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.