ހަބަރު

ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާއިން މަންފާ ހޯދާފަ: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާ އަމިއްލަ މަންފާއަށް ބޭނުން ކުރައްވާފަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއަރްސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހިންގި ތަހުގީގުގައި އެމްއެމްޕީއާސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ހާމަވި ކަމަށެވެ.

އެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ކުންފުނި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައާ ގުޅުގެން އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. މިހާރު ވަނީ މަނީ ލޯންޑްރިން މައްސަލާގައި ދައުވާކުރަން ވެސް ފޮނުވާފަ އެވެ.

އެއް މިލިއަން ޑޮލަރު މައްސަލާގައި ރައީސް ޔާމީން ކުރިން ވިދާޅުވެފައިވަނީ، އެސްއޯއެފުގައި ހުރި ހުރިހާ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާކަމެއް އެއްވެސް އިދާރާއަކުން ކަނޑައަޅާފައިނުވާ ކަމަށެވެ.

އަދި އެސްއޯއެފުގައި ހުރި ފައިސާއަކީ ކޮރަޕްޝަންގެ ފައިސާކަމަށް ދައުލަތުގެ އިދާރާތަކަށް ގަބޫލު ކުރެވޭނަމަ އެސްއޯއެފުން ލިބޭ ފައިސާ އެއްވެސް ފަރާތަކުން ގަބޫލު ނުކުރަން އަންމުކޮށް އަންގާ އިއުލާން ކުރަންވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެސްއޯއެފުން ޖަމާކުރި އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކުގެ އެހެން އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ބީއެމްއެލްގައި އޭސީސީއާއެކު ހެދި އެކައުންޓަށް ޖަމާނުކުރީ އެ ފައިސާ އާ މެދު ތުހުމަތުތެއް ކުރަމުން ގެންދާތީ ކަމަށެވެ. އެސްއޯއެފްގެ އެ ފައިސާ އެމަނިކުފާނު ބޭނުންކޮށްފި ކަމަށްވާނަމަ ބޮޑު ތުހުމަތެއް އެމަނިކުފާނު ބޮލުގައި އެޅުވުމުގެ ފުރުސަތު އޮތް ކަމަށެވެ.