ހަބަރު

4،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް މި އަހަރު ފަށަނީ

މި އަހަރު ތެރޭގައި ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ފައްޓަވާނެ ކަމަށް ރައީޫީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އެކަން ހާމަ ކުރެއްވީ މިއަދު އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދިމަށްޓަކައި "ހައުސިން ނީޑް އެސެސްމެންޓެއް" ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން މުޅި ރާައްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކިއެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައިސިން ޔުނިޓްގެ މަސައްކަތް ބީލަމަށްލުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި މަސައްކަތް ފަށައި ނުނިމި ހުރި 15،00 އަށްވުރެ ގިނަ ހައިސިން ޔުނިޓް ނިންމުމުގެ މަސައްކަތް ވެސް މިހާރު ވަނީ އަލުން ފަށާފަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކުރީ ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި މަތިން ޕޮއިންޓް ލިބި ފްލެޓް ނުލުބުނު މީހުންގެ މައްސަލަތަކަކީ ވެސް ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް ކަމަށެވެ.

"އެ މައްސަލަތަކުގެ އިތުރުން ގެދޮރުވެރިކަމުގެ މަޝްރޫއުގެ ކަންކަމާއި ގުލީފަޅު މަޝްރޫއުގެ މައްސަލަ ވެސް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހައްލުކޮށް ދޭނަން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ ދެ ގާނޫނެއްގެ މަސައްކަތް ވެސް މިހާރު މި އަންނަނީ ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއީ ހިޔާވެހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ "ޓެނެންސީ އެކްޓް" އާއި އެއްމެދު އިމާރާތްތަކާ ބެހޭ އުސޫލުރައް ކަނޑައަޅައިދޭ "ކޮންޑޮމީނިއަމް އެކްޓް" އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި "ނޭޝަނަލް ހައުސިން ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ގަސްދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ ހެޔޮއަގުގައި ބޯހިޔާވަހހިކަން ފޯރުކޮށްދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.